ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައި ނުވާ ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
މި ބިލް މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލަކީ 19 ވަނަ މަޖިލިހަށް ހުށަހަޅައި އެ މަޖިލިހުން ފާސް ކުރި ބިލެކެވެ.
މަޖިލިހުން އެ ބިލް ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވުމުން އެމަނިކުފާނު ވަނީ މި ބިލާ މެދުގައި އަލުން ވިސްނިވަޑައިގަތުމަށް އެދިވަޑައިގެން ބިލް ތަސްތީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުއްވައިފަ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ކޮމިޓީ އަށް ފޮނުވަން ފެނޭތޯ ވޯޓަށް އެހުމުން ބިލް ކޮމިޓީ އަށް ފޮނުވަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. ބިލް ކޮމިޓީ އަށް ފޮނުވަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައި ވަނީ 75 މެމްބަރުންނެވެ.
ބިލު ކޮމިޓީއަށް ފޮނުވަން ފާސްނުވުމުން ބިލަށް ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ނެގި ވޯޓުގައި ބިލް ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ. ބިލް ފާސް ކުރަން ނުފެންނަ ކަމަށް 76 މެމްބަރުން ވޯޓު ދެއްވި އެވެ.
އެ ބިލަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމުކުރިތާ އެތައް ދުވަހެއްވީ އިރު ވެސް މި ސަރުކާރުން އެ ގޯތިތައް ހަވާލުނުކުރާ ކަމަށް ވިދާޅުވެ މީކައިލް ހުށަހެޅުއްވި ބިލެކެވެ.
މީކާއިލް ހުށަހެޅުއްވި ބިލުގައި ވަނީ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރަން ޖެހޭނެ ކަމަށެވެ.
އަދި މިހާތަނަށް ސަރުކާރުން ހަވާލުކޮށްފައި ނުވާ ގޯތިތައް މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭނެ ކަމަށް ބިލްގައިވެ އެވެ.
ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދީފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ރަޖިސްޓަރީ ދިން އިރު، ހުޅުމާލެ ދެވަނަ ފިޔަވަހިން ބައެއް މީހުންނަށް ގޯތި ވެސް ހަވާލުކުރި އެވެ. މި ސަރުކާރުން ބުނެފައިވަނީ ކުރީގެ ސަރުކާރުން ގޯތިތައް ދިން އިރު، ގިނަ ގޯތިތައް ހުރީ "ކަނޑު އަޑީގައި" ކަމަށެވެ. އަދި ބިންތައް ހިއްކައިގެން ގޯތި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ސަރުކާރުން ބުނެފައިވެ އެވެ.