ތަނެއްގައި ހަމަޖެހުން ގާއިމުވާނީ އެ ބައެއްގެ ތެރޭގައި އަހުލާގީ މިންގަނޑު ރަނގަޅު ގޮތުގައި ހިފެހެއްޓިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސަނާބިލް އިމާރާތަށް ފައިސާ ހޯދުމަށް ސުކޫކް ވިއްކުން އިފްތިތާހްކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް ވިދާޅުވީ އިސްލާމީ ޔުނިވާސިޓީން ކިޔެވި މީހުންގެ އަހްލާގުގެ ރިވެތިކަން ފާހަގަކޮށްލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމުގެ އެންމެން ވެސް ބޭނުންވާ ބަދަލަކީ އިސްލާމީ ރިވެތި އަސޫލުތަކުގެ މަތީގައި ބިނާވެފައި ތިބި ދަރީންތަކެއް ދިވެހި މުޖުތަމައުއިން ފެނުން ކަމަށެވެ.
"ތަނެއްގައި ހަމަޖެހުން ގާއިމުވާނީ އެ ބައެއްގެ އަހުލާގީ މިންގަނޑު ރަނގަޅު ގޮތުގައި ހުރެގެން، ރަނގަޅު އަހުލާގެއްގެ މަތީގައި އަޅުގަނޑުމެންނަށް ދެމިތިބެވިގެން ނޫނިއްޔާ ތަނެއްގައި ސުލްހަވެރިކަން ވެސް އަދި އަމާންކަން ވެސް އަދުލުވެރިކަން ވެސް ގާއިމު ކުރެވިގެން ހިނގައިދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އަދުރޭ ވިދާޅުވި އެވެ.
އިސްލާމިކް ޔުނިވާސިޓީއަކީ ގައުމު ހަމަ މަގަށް އެޅުވުމުގައި ރާއްޖެއަށް އެންމެ މުހިންމު އެންމެ އަގުހުރި ހިދުމަތްތަކެއް ކޮށްދެވޭނެ އެއް މުއައްސަސާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ހިޔާވަހިކަމުގެ ދަށުން ނުކުންނެވި ދަރިވަރުންގެ ނުވަތަ މިއަދު އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަހުލާގުގެ ރިވެތިކަން، ސައްތައިން ސައްތަ މުސްލިމު ދިވެހި މި ގައުމުގައި އަޅުގަނޑުމެން ބޭނުންވެގެން މިއުޅޭ އެންމެ މުހިންމު ބަދަލަކީ މި މުޖުތަމައު އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ބިނާވެފައި ތިބި ދަރިންތަކެއް ފެނިގެންދިޔުން،" އަދުރޭ ވިދާޅުވި އެވެ.
އިސްލާމީ ޔުނިވާސިޓީ ކުރިއެރުވުމަށް މި ސަރުކާރުގެ ފުރިހަމަ އެއްބާރަުލުން ލިބޭނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް ވަނީ ދެއްވައިފަ އެވެ.