ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރި މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޖޫން، 2015 ގައި ނައިބު ރައީސްކަމުން ޖަމީލް ވަކިކުރީ ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އޭނާ ވަކިކުރުމަށް ފަހު އެ މަގާމަށް އައްޔަން ކުރީ އަހުމަދު އަދީބެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޖަމީލްގެ ވަކީލް އަދި ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވީ ޖަމީލް ވަކި ކުރުމުގެ ކުރިން މަޖިލީހުން އެއްވެސް ތަހުގީގެއް ހިންގާފައި ނުވާއިރު، ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދީފައި ނެތް ކަމަށެވެ. އަދި ވަކީލަކު މެދުވެރިކޮށް ޖަވާބުދާރީ ނުވެވޭނެ ކަމަށް ބުނާ ގާނޫނީ ހަމައެއް ނެތީސް، ޖަމީލްގެ ވަކީލް މެދުވެރިކޮށް ޖަވާބުދާރީވުމުގެ ފުރުސަތު މަޖިލީހުން ނުދިނީ މަޖިލީހުގެ އޭރުގެ ރައީސް އަމިއްލަފުޅަށް ނިންމަވައިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މަޖިލީހުން ކޮންމެ ގޮތަކަށް ކަންކަން ކުރިޔަސް، އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުން ހަމަނުޖެހޭ ކަމަށެވެ. ދައުލަތުގެ ހުރިހާ ބާރަކުން ވެސް އަމަލު ކުރަން ޖެހެނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ހަވާލު ކުރެއްވި މަސްއޫލިއްޔަތެއް ނައިބު ރައީސް އަދާ ނުކުރާ ކަމަށް ނިންމެވޭނީ ރައީސަށް އެކަނި ކަމަށާއި މަޖިލީހުން ޖަމީލް ވަކިކުރީ ރައީސްގެ ބަހެއް ހޯދައިގެން ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މަޖިލީހުން ވެސް ގާނޫނާ ޚިލާފަށް ކުރާ ކަންކަން ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓަށް ބެލޭނެ އެވެ. އެއީ ދައުލަތުގެ މުވައްޒަފަކު ވެސް ގާނޫނު އަސާސީއާ ޚިލާފަށް ކުރާ ކަންކަން ކޯޓުތަކަށް ބެލޭނެ ކަމަށް ގާނޫނު އަސާސީގައި އޮންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އެދިވަޑައިގަތީ ޖަމީލް ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި، ގާނޫނާ ޚިލާފަށް ކަމަށް ނިންމައި ދިނުމަށާއި އެކަމުން ލިބުނު ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އޭނާއަށް އޮންނާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ދައުލަތުން ބުނީ ޖަމީލް ވަކިކުރަން ހުށަހެޅީ 61 މެމްބަރުންގެ ސޮޔާ އެކު ކަމަށާއި އަދި އޭނާ ވަކިކުރަން ވޯޓު ދިން މެމްބަރުންގެ ތެރޭގައި ޕީޕީއެމްގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ހިމެނޭ ކަމަށެވެ. އެކަމުން ދޭހަވަނީ ޖަމީލް ވަކިކުރީ ރަނގަޅަށް އެ ހުރިހާ މެމްބަރުން ވެސް ގަބޫލުކުރާ ކަން ކަމަށް ދައުލަތުން ބުންޏެވެ. އަދި ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ނައިބު ރައީސަކު ވަކި ކުރާއިރު، ރައީސްގެ ބަހެއް ހޯދަން ނުޖެހޭ ކަމަށާއި އެއީ ގާނޫނު އަސާސީގެ ރޫހެއް ނޫން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ގޮތެއް ނެތް ކަމަށެވެ. ނައިބު ރައީސް ވަކި ކުރަނީ ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން މަޖިލީހުގެ ނިންމުމަކުން ކަމަށާއި މަޖިލީހުގެ ނިންމުންތަކުގެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެމެރިކާގެ ކުރީގެ ރައީސް ރިޗަޑް ނިކްސަކް ވަކިކުރަން ފާސްކުރި މައްސަލާގައި އެ ގައުމުގެ ސުޕްރީމް ކޯޓުން ވެސް އެގޮތަށް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި ޖަމީލް ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައިފި ނަމަ ގާނޫނު އަސާސީއާ ޚިލާފްވީ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާން ކުރެއްވި އެވެ.