މަލާވީގެ ނައިބު ރައީސް ސައުލޯސް ޗިލިމާ އާއި އިތުރު ނުވަ މީހަކު ދަތުރުކުރެއްވި މަތިންދާބޯޓު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ރިޔާސީ ގަނޑުވަރުން ބުނެފި އެވެ.
މަލާވީގެ ޑިފެންސް ފޯސްގެ މަތިންދާބޯޓު ރާޑަރުން ގެއްލުނީ ވެރިރަށް ލިލޯންގްވެ އިން ފުރިތާ ކުޑައިރު ކޮޅެއްގެ ތެރޭގަ އެވެ. އޭގެ ފަހުން އޭވިއޭޝަން އޮފިޝަލުންނަށް އެ ބޯޓާ ގުޅިފައެއް ނުވެ އެވެ. މަލާވީގެ ރައީސް މިހާރު ވަނީ އެ ބޯޓު ހޯދުމުގެ އޮޕަރޭޝަން ފެށުމަށް އަންގަވައިފަ އެވެ.
އުމުރުން 51 އަހަރުގެ ނައިބު ރައީސް ދަތުރުކުރެއްވި ބޯޓު މުޒުޒު އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައި ވަނީ މަލާވީ ގަޑިން މިިއަދު ހެނދުނު 10 ޖެހިއިރު އެވެ. މި ޚަބަރު ލިބުމާ ގުޅިގެން މަލާވީގެ ރައީސް ލަޒަރުސް ޗަކްވެރާ މިއަދު ހަވީރު ބަހާމާސް އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.
މަލާވީގެ ނައިބް ރައީސް ދަތުރު ކުރެއްވީ ކުރީގެ ކެބިނެޓް މިނިސްޓަރެއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށެވެ.
ސިޔާސީ ދާއިރާ އަށް ވަދެވަޑައިގަތުމުގެ ކުރިން ޑރ. ޗިލިމާ ވަނީ މަލާވީގެ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރައްވައިފަ އެވެ. ޗިލިމާ ވަނީ ނޮލެޖް މެނޭޖްމަންޓުން ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ. އޭނާ އަށް ވަނީ ދެ ބޭފުޅުން ލިބިވަޑައިގެންފަ އެވެ.