ޕްރޮސްޓޭޓް ކެންސަރު ޖެހޭ މީހުންގެ ކެންސަރު ސެލްތައް ނެގުމަށް އޮޕަރޭޝަން ކުރާއިރު ގްލޯ ޑައި ބޭނުންކުރަން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އޮކްސްފޯޑްގެ ސަރޖިކަލް ޕްރޮފެސަރުން ފަށައިފި އެވެ.

މި ގްލޯ ޑައި އަކީ ކެންސަރު ސެލްތަކުގައި ހަރުލާ އެއްޗަކަށް ވުމުން ހަށިގަނޑުގައި ކެންސަރުގެ އަސަރު ހުރި ތަންތަން ދެނެގަންނަން ފަސޭހަވާ ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.

އަދި މިކަމުގެ ސަބަބުން އޮފަރޭޝަން ކުރާއިރު ކެންސަރުގެ އަސަަރު ހުރި ތަންތަން އެކީހެން ނަގާ، ކެންސަރު އަނބުރާ އައުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަ ކުރެވެއެވެ.

"މި ޓެކްނީކުގެ ސަބަބުން ކެންސަރު ބައި އެކީހެން ނެގޭ، ޓިއުމަރުން އެހެން ދިމަ ދިމާލަށް ފެތުރިފައި ހުރި ތަންތަންވެސް ނެގޭ. ކުރިން އެތަންތަން ދެނެގަންނަން އުނދަގޫ ވީމާ ނުނެގޭތީ، ކެންސަރު އަލުން އަނބުރާ އައުމުގެ ފުރުސަތު ބޮޑު" ޔުނިވަރސިޓީ އޮފް އޮކްސްފޯޑްގެ ސާޖަރީ ޕްރޮފެސަރ ފްރެޑީ ހެމްޑީ ވަނީ ބުނެފަ އެވެ. އޭނާއަކީ މި ދިރާސާގެ ލީޑް ކުރި ޑޮކްޓަރެވެ.

"މި ޓެކްނީކް ބޭނުންކުރުުމުން ކޮންމެހެން ނަގަން ނުޖޭހޭ ބައިތައް ނަގަން ނުޖެހި ފަރުޖެހޭ. އެހެންކަމުން ސާޖަރީގެ ގިނަ ސައިޑް އެފެޓްތަކުން ސަލާމަތްކުރެވިދާނެ،" އޭނާ ބުނެފައިވެ އެވެ.

މި ދިރާސާގައި 23 މީހުން ބައިވެރިވި އެވެ. މި ދިރާސާގައި ބައިވެރިވި 77 އަހަރުގެ ފިރިހެނެއް ވަނީ ކެންސަރުގެ ބަލިން އެއްކޮށް ރަނގަޅުވެފަ އެވެ. މި ޑޮކްޓަރުންގެ ޓީމް މިހާރު ތައްޔާރުވަނީ މި ދިރާސާގެ ދެވަނަ ސްޓޭޖްކަމަށްވާ ފުލް ކްލިނިކަލް ޓްރައެލްއަކަށެވެ.