މަސްވެރިން ކިތަންމެ ބޭނުންވިޔަސް މި އަހަރު މިފްކޯއަށް ކަންނެލި ގަނެވެން ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންގެ 35 ދޯންޏަކުން މާލޭގެ ފަޅުތެރެއަށް ބަނދަރުކޮށް މިއަދު ކުރި އިހްތިޖާޖާ ގުޅިގެން އެ ސަރަހައްދަށް ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މިފްކޯއަށް ކަންނެލި ގަތުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ޝިޔާމް ވިދާޅުވީ ގައުމުގެ އިގްތިސޯދީ ހާލަތު ހުރިގޮތުން މި އަހަރު ކަންނެލި ނުގަނެވޭނެ ކަމަށާއި މިފްކޯގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

"މި އަހަރަކު އަޅުގަނޑުމެންނަކަށް ނެތް ކަންނެލި މަސްވެރިންގެ އަތުން ކަންނެލި ގަނެވޭކަށެއް. މިފްކޯ އޮތީ އެ ހާލަތަކު ނޫން. މިފްކޯ ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، ދައުރުގެ ވަރަށް ކުރީކޮޅު ވައުދުތައް ފުއްދަމުންނޭ މި ދަނީ، އެ ކަން ވެސް ސަރުކާރުގެ ވައުދާ އެއް ގޮތަށް ހިނގަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ލޭނު މަސްވެރިކަން ކުރުން ހުއްދަކުރަން ސަރުކާރުން އުޅޭތީ އެކަމާ ދެކޮޅަށް ވެސް މަސްވެރިން މިއަދު ވަނީ އަޑުއުފުލައިފަ އެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެކަމަށް ހުއްދަދޭން މަޝްވަރާ ކުރަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރަން އާމްދަނީ ހޯދަން ކަމަށެވެ. އަދި އެކަމަށް ހުއްދަ ދިނަސް ފާއިތުވި ތަނުގައި ލޭނު އަޅާގޮތަށް އަޅަން ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީން އަންނަނީ އެކަމާ ގުޅިގެން އެކި ފަރާތްތަކާ ބައްދަލުކުރަމުންނެވެ. އެގޮތުން އެކަމުގައި ގޮތެއް ނިންމާނީ ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މަސްވެރިން ދޯނިތަކުގައި މާލޭ ފަޅުތެރެއަށް ވަންނަން އުޅުމުން އެމްއެންޑީއެފް އިން ވަނީ އެކަމަށް ހުރަސްއަޅާފަ އެވެ. އަދި ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ.