މިއުނިކް (14 ޖޫން) – ޔޫރޯގެ ފުރަތަމަ މެޗުގައި މިރޭ މުބާރާތް ގައުމު ކަމަށްވާ ޖަރުމަނާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަށް އިހުތިރާމްކުރިޔަސް، ޖެހިލުމެއް ނުވާ ކަމަށް ސްކޮޓްލެންޑްގެ ކޯޗު ސްޓީވް ކްލާކް ބުނެފި އެވެ.
މިއީ ސްކޮޓްލެންޑް ޔޫރޯގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ ފަހަރެވެ. ސްކޮޓްލެންޑް 2020 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރިއިރު، އެ މުބާރާތަކީ 1998 ވަނަ އަހަރުގެ ފަހުން ބައިނަލްއަޤްވާމީ މުބާރާތަކަށް ސްކޮޓްލެންޑް ވާދަކުރި ފުރަތަމަ ފަހަރެވެ.
މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަނާ ދެކޮޅަށް މިރޭ ސްކޮޓްލެންޑް ނުކުންނައިރު، ފޭވަރިޓަކީ ޖަރުމަނެވެ. ސްކޮޓްލެންޑަށްވުރެ ވަރުގަދަ ޓީމެއްގެ ގޮތުގައި ޖަރުމަން ބެލެވެއެވެ. މީގެ އިތުރުން ޖަރުމަންގެ އަމިއްލަ ދަނޑުގައި ކުޅޭތީ، އެ ޓީމަށް ލިބޭނެ އެޑްވާންޓޭޖް ބޮޑެވެ.
އެކަމަކު ސްކޮޓްލެންޑްގެ ކޯޗު ކްލާކް ބުނީ ޖަރުމަނާ ދެކޮޅަށް ނުކުންނައިރު ޖެހިލުމެއްނުވާނެ ކަމަށެވެ.
"އަހަރެން އަބަދުވެސް ގަބޫލްކުރާ އުސޫލެއް އެއީ އެންމެނަށްވެސް އިހުތިރާމްކުރުން. އެކަމަކު އެއްވެސް ބަޔަކު ދެކެ ބިރު ނުގަތުން،" ކްލާކް ބުންޏެވެ. "ހަމަ ޔަގީނުންވެސް މިއީ އުނދަގޫ މެޗަކަށްވާނެ. ޖަރުމަނަކީ ވަރުގަދަ ޓީމެއް. އެކަމަކު އަހަރަމެންގެ އުންމީދަކީ މިރޭ އަހަރަމެންގެ ފެންވަރުވެސް ދައްކާލުން."
ކްލާކް ބުނީ ކޮންމެ ބަޔަކާ ދެކޮޅަށް ނިކުތަސް. ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ ޔަގީންކަން އޮންނަ ކަމަށެވެ.
"ރަނގަޅު ނަތީޖާއަކަށް އުންމީދުނުކުރެވެންޏާ ކޮބާ މިކަމުގެ ބޭނުމެއް؟ އަހަރެމެން މިތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. އުންމީދުކުރަނީ އެކަން މެޗުން ފެންނާނެ ކަމަށް،" ކްލާކް ބުންޏެވެ.
މުބާރާތުގެ ކުރިން ސްކޮޓްލެންޑަށް އިންޖަރީގެ މައްސަލަތައް ދިމާވި ނަމަވެސް، މި މެޗަށް ނުކުންނައިރު ސްކޮޓްލެންޑްގައި މިހާރު އޮތް ސްކޮޑްގައި އަނިޔާގެ މައްސަލައެއް ނެތެވެ. – އޭއެފްޕީ