މިއުނިކް (14 ޖޫން) – ޔޫރޯގެ ފުރަތަމަ މެޗުގައި މިރޭ ސްކޮޓްލެންޑާ ދެކޮޅަށް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޖަރުމަން ނުކުންނައިރު، އެ ޓީމަށް ޕްރެޝަރު އޮތަސް މެޗު ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޖަރުމަންގެ ކޯޗު ޖޫލިއަން ނާގަލްސްމަން ބުނެފި އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ކުރިމަތިވި ނާކާމިޔާބީތަކަކީ ޖަރުމަނަށް ލިބުނު ލަދެކެވެ. އެންމެ ފަހުން ކުޅުނު ދެ ވޯލްޑް ކަޕްގައިވެސް ޖަރުމަން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އަދި އެންމެ ފަހުން އޮތް ޔޫރޯ އިން ކެޓީ ގަދަ 16ގެ ބުރުންނެވެ.

މި ފަހަރުގެ މުބާރާތަށް ނުކުންނައިރު، ޖަރުމަންގެ ޓީމާމެދު އެ ޓީމުގެ ސަޕޯޓަރުން ވަނީ އުންމީދު އާކޮށްފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އަމިއްލަ ދަނޑުގައި މުބާރާތް ކުޅުމާއި، ޖަރުމަންގެ ޓީމަށް އައިސްފައިވާ ބޮޑު ބަދަލުތަކެވެ.

ޖަރުމަންގެ ކޯޗު ނާގަލަސްމަން ބުނީ ފުރަތަމަ މެޗަށް ނުކުންނައިރު ޕްރެޝަރު އޮތީ ޖަރުމަނަށް ކަމަށެވެ. އެކަމަކު ކުޅުންތެރިން ތިބީ ރަނގަޅު ރޫހެއްގައި ކަމަށާއި މެޗު ކާމިޔާބުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަރަމެންނަށް ޕްރެޝަރުވެސް ބަލިކުރެވޭނެ، ސްކޮޓްލެންޑްވެސް ބަލިކުރެވޭނެ،" ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ނާގަލްސްމަން ބުންޏެވެ. "ޖަރުމަންގެ ޓީމުން އިތުބާރައި ޔަގީންކަން އެބަފެނޭ. އެއީ އަހަރެން ބޭނުންވާ ގޮތަކީ."

ނާގަލްސްމަން ބުނީ ސްކޮޓްލެންޑަކީ ރަނގަޅު ޓީމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، "ހުރަސްތަކުގައި" އެ ޓީމަށް ސަމާލުވާންޖެހޭ ކަމަށެވެ.

ޖަރުމަނާއި ސްކޮޓްލެންޑް ވަނީ މިހާތަނަށް 17 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 8 މެޗުން ޖަރުމަން މޮޅުވެފައިވާއިރު، ސްކޮޓްލެންޑް މޮޅުވީ 4 މެޗުންނެވެ. ފަސް މެޗު ވަނީ އެއްވަރުވެފައެވެ.