އިޖުތިމާޢީ ގެދޮރުވެރިކަމަށް ޚާއްޞަކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެޅި އެއް ކޮޓަރީގެ ފުލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތުގެ ތަފްސީލް ހާމަކުރުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް މަޖިލީހަށް މައްސަލައެއް ހުށައަޅައިފި އެވެ.

މި މައްސަލަ ހުށައަޅުއްވަމުން ޝިޔާމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ވީހާވެސް ގިނަ ބަޔަކަށް އެންމެ އަވަސް ފުރުސަތެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމުގެ ވެރިކަމުގައި ހިންގި ބޮޑު ހައުސިން މަޝްރޫއު ކަމުގައިވާ "ހިޔާ މަޝްރޫޢު"ގެ ދަށުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ބިނާކުރި ހައުސިން ޔުނިޓުތަކުގެ ތެރެއިން، އެޗްޑީސީ މެދުވެރިކޮށް ދިނުމަށް ޚާއްސަކުރި އެއް ކޮޓަރީގެ ފްލެޓުތައް ނެތް ކަމަށް ބުނެ، އެ ފުލެޓުތަކުގެ ޙައްޤުވެރިންގެ ލިސްޓުތައް މި ސަރުކާރުން ބާޠިލުކޮށްފައިވާ ކަމަށެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގައި ސަރުކާރު ކުންފުނިތަކުން ފެށި މަސައްކަތަކީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި އެ ކުންފުނިތަކުގެ މެދުގައި އެއްބަސްވުމެއް އެކުލަވައިލެވިގެން ފެށުނު މަސައްކަތެއް. އެގޮތުން އެ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ކޮންމެ ކުންފުންޏަކުން ބިނާކުރާ ޓަވަރުތަކުގެ ފުރަތަމަ ހަތަރު ފަންގިފިލާގައި ހުންނާނީ އެއް ކޮޓަރީގެ އެޕާޓްމެންޓްތައް. އެ އެޕާޓްމެންޓްތައް ދިނުމަށް ނިންމާފައިވަނީ އެޗްޑީސީއަށް. އަދި އެ ޔުނިޓުތަކަކީ ހިޔާ މަޝްރޫއުގެ ދަށުން ދިނުމަށް ނިންމާފައިވާ ގެދޮރު،" ޝިޔާމް ވިދާޅުވި އެވެ.

އެ ގެދޮރު ދިނުމަށް ނިންމާފައިވަނީ ދެ އުޞޫލެއްގެ ތެރެއިންނެވެ. ފުރަތަމަ އުސޫލަކީ ސަރުކާރަށް އެ އެޕާޓްމެންޓްތައް ގަތުމަށްފަހު 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަގު ދައްކާ ޚަލާސްކުރާ ގޮތަށް ފުލެޓް ހައްގުވާ ފަރާތްތަކަށް ދިނުމެވެ. ދެވަނަ ގޮތަކީ ރައީސް ޔާމީނުގެ އިސްނެންގެވުމަށް އެއިރުގެ ސަރުކާރުން އެމްއެމްއޭއާ މަޝްވަރާކޮށްގެން، ބޭންކުތަކުން ތަޢާރަފުކުރި އެފޯޑަބަލް ހައުސިން ލޯނުތައް ޙައްޤުވެރިންނަށް ދޫކޮށްގެން އެ ޔުނިޓުތައް ވިއްކުމެވެ. މިއިން ކޮންމެ ގޮތަކަށް ވިއްކި ނަމަވެސް ޔުނިޓެއް ސަރުކާރަށް ގަންނަ އަގެއްގެ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވަނީ 600،000 ދިވެހި ރުފިޔާއަށްވުރެ ކުޑަ އަގެކެވެ. އެހެންކަމުން މަހެއްގެ މައްޗަށް ކުލީގެ ގޮތުގައި ދައްކަންޖެހޭނީ 3،000 ރުފިޔާއާއި 4،000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

"ނަމަވެސް ސަރުކާރު ބަދަލުވެ، ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ މިނިސްޓަރު އަޙްމަދު އަސްލަމް އެންމެ ފުރަތަމަ ވިދާޅުވެފައިވަނީ އެއް ކޮޓަރީގެ ފުލެޓުތަކަކީ ވުޖޫދުގައި ނެތް ފުލެޓުތަކެއް ކަމުގައި. އެހެންނަމަވެސް ފަހުން މި މަޖިލިހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެއް ކޮޓަރީގެ ފުލެޓުތައް ނިންމާފައިވަނީ ހަމައެކަނި އެމްޑަބްލިއުއެސްސީއިން ކަމަށް. އަދި ލިބެން ހުރީ އެންމެ 36 ފުލެޓު ކަމަށް. އެހެންނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހި ބަލައިލުމުން އެތަނުގައި މިހާރުވެސް ސަރުކާރު ކުންފުނިތަކުން ބިނާކޮށްފައިވާ 12 ޓަވަރު ފެންނަން އެބަހުރި. އެ ހުރިހާ ޓަވަރެއްގެ 4 އފަންގިފިލާގައި ހުރި އެޕާޓުމެންޓުތަކުގެ އަދަދު 900 އަށްވުރެ ގިނަވާނެ،" ޝިޔާމް ވިދާޅުވި އެވެ.

އެ ފުލެޓުތަކަކީ އަލަތު ކާވެނިކޮށްގެން ދިރިއުޅުމެއް ފެށުމުގެ އުންމީދުގައި ތިބި ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ރައީސް ޔާމީނުގެ ސަރުކާރުން ބިނާކުރި ފްލެޓްތަކެވެ. އެ ފްލެޓްތައް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެ، އެޗްޑީސީއާއެކު ކުންފުނިތަކުން ހެދި އެއްބަސްވުން މި ސަރުކާރުން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ބަދަލުކޮށް، އެ ފްލެޓްތައް ވިޔަފާރި އުޞޫލުން ފައިދާއެއް ލައިގެން، ވިއްކަން ކުރިން ކަނޑައެޅި އަގަށްވުރެ ބޮޑު އަގުގައި ވިއްކަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މިއީ ދިވެހި ޒުވާނުންގެ އުންމީދާ ގުޅިފައިވާ ކަމެއް ކަމުގައިވާއިރު، މި ފުލެޓުތަކަކީ ކުރީ ސަރުކާރުން އެ ފުލެޓުތަކުގެ ޙައްޤުވެރިންނަށް ފުލެޓު ލިޔުންވެސް ދީފައިވާ ފުލެޓުތަކަކަށްވާއިރު، މި ފްލެޓްތަކާމެދު މި ސަރުކާރުން ކަންކުރި ގޮތަކީ ދިވެހި ރައްޔިތުން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާކަމެއްކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި ފްލެޓްތަކާ ގުޅިގެން ސަރުކާރުން އެކި ދުވަހު އެކި ގޮތަށް ވާހަކަދައްކަމުންދާތީ ސަރުކާރުން މިކަމުގައި ކަންކުރި ގޮތް އޮޅުންފިލުވަން ރައްޔިތުން ބޭނުންވާތީ، އެކަމުގެ ތަފުސީލުތައް އޮޅުވާލުމެއްނެތި ލިޔެކިޔުމުން ރައްޔިތުންނަށް ހާމަކުރުމަށް މަޖިލީހަށް މައްސަލަ ހުށައަޅުއްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭގޮތުން އެއްގަޑިއިރު މަޖިލީހުގައި ވަނީ ބަހުސް ކޮށްފަ އެވެ.