މިއުނިކް (17 ޖޫން) – ޔޫރޯގެ ގުރޫޕް އީގައި މިރޭ ޔޫކްރޭން އަތުން 3-0 އިން މޮޅުވެ، ރޫމޭނިއާ އިން 24 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޔޫރޯގައި މޮޅެއް ހޯދައިފި އެވެ.

މި މެޗުގެ ފޭވަރިޓުންގެ ގޮތުގައި އޮތީ ޔޫކްރޭނެވެ. އަދި ރޫމޭނިއާ މި މެޗުން މޮޅުވުމަކީ މި އަހަރުގެ ޔޫރޯގައި މިހާތަނަށް ނިކުތް އެންމެ ހައިރާންކުރެނިވި ނަތީޖާ އެވެ.

މި މެޗުގެ ކުރިން ޔޫރޯގައި ޔޫކްރޭން އިން މޮޅުވީ 2000 ވަނަ އަހަރުގެ މުބާރާތުގައެވެ. ރޫމޭނިއާގެ ލެޖެންޑް ޖޯޖޭ ހާޖީވެސް ހިމެނުނު ރޫމޭނިއާގެ ޓީމުން ވަނީ 2000 ވަނަ އަހަރު އިންގްލެންޑް އަތުން 3-2 އިން މޮޅުވެފަ އެވެ.

މިއުނިކްގައި ކުޅުނު މެޗު ފެށުނީންސުރެ ޔޫކްރޭން އިން ގިނައިރު ބޯޅަ ގެންގުޅެ، ރޫމޭނިއާގެ ޑިފެންސް ފޫއަޅުވާލެވޭތޯ މަސައްކަތްކުރަމުންދިޔައެވެ. އެކަަމަކު މެޗުގެ އޮއިވަރާ ހިލާފަށް، ރޫމޭނިއާ އިން މެޗުގެ 29 ވަނަ މިނިޓުގައި ލީޑު ނެގީ ކެޕްޓަން ނިކޮލާއީ ސްޓަންޗިއޫ ޖެހި ލަނޑުންނެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ސްޓަންޗިއޫ އަމާޒުކޮށްލީ ގޯލުގެ މަތީ ކަަނަށެވެ.

މެޗުގެ 53 ވަނަ މިނިޓުގައި ރޫމޭނިއާގެ ދެވަނަ ލަނޑު ޖެހީ ރަޒްވަން މަރިންއެވެ. އޭރިޔާ ބޭރުން މަރިން ޖެހި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ޔޫކްރޭންގެ ގޯލްކީޕަރު އަންދްރީ ލުނިންގެ އަތްދަށުންނެވެ.

ރޫމޭނިއާގެ ތިން ވަނަ ލަނޑު 57 ވަނަ މިނިޓުގައި ޖެހީ ޑެނިސް ޑްރާގަސް އެވެ.

ޔޫކްރޭން އިން ލަނޑެއްޖަހަން މަސައްކަތްކުރި ނަމަވެސް، ރޫމޭނިއާގެ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ.

-- އޭއެފްޕީ