ޑުސެލްޑޯފް (18 ޖޫން) – ޔޫރޯގެ ގުރޫޕް ޑީގައި ރޭ އޮސްޓްރިއާ އަތުން 1-0 އިން މޮޅުވެ، މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ފްރާންސް އިން ފެށުން ރަނގަޅުކޮށްފި އެވެ.

އެކަމަކު މެޗުގެ ފަހުކޮޅު ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭގެ ނޭފަތަށް ލިބުނު އަނިޔާއަކާއެކު ފްރާންސަށް ވަނީ ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ.

މި މެޗުގެ ހަމައެކަނި ލަނޑަކީ މެޗުގެ 38 ވަނަ މިނިޓުގައި އޮސްޓްރިއާގެ ޑިފެންޑަރު މެކް ވޯބާ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އޮސްޓްރިއާގެ ފިލީޕް މިވޭން ކައިރިން ނައްޓާލުމަށް ފަހު އެމްބާޕޭ ހުރަސްކޮށްލި ބާރު ބޯޅަ ވޯބާގެ ބޮލުގައި ޖެހިފައި އަމާޒުވީ ގޯލުގެ ތެރެއަށެވެ.

މި ގޯލުގެ ޖެހުމުގެ އިރުކޮޅެއް ކުރިން އޮސްޓްރިއާގެ ކްރިސްޓޯފް ބައުމްގާނާ އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެކަމަކު ޕެނަލްޓީ އޭރިޔާ ތެރެއިން އޭނާ އަށް ހުރަސްއެޅީ ފްރާންސްގެ ގޯލްކީޕަރު މައިކް މައިގްނަން އެވެ.

މި މެޗުގައި ފްރާންސްގެ ފަރާތުން ތަފާތު ކުޅުމެއް ނުފެނުނު ނަމަވެސް، ދެ އަހަރަށް ފަހު ގައުމީ ޓީމަށް ނެގި މިޑްފީލްޑަރު އެންގޯލޯ ކާންޓޭގެ ކުޅުން ފާހަގަވި އެވެ.

މެޗުގެ ފަހުކޮޅު އޮސްޓްރިއާގެ ޑިފެންޑަރު ކެވިން ޑަންސޯއާ އެކު މަތިން އައި ބޯޅައެއް ހޯދަން އުޅެނިކޮށް، ދެ ކުޅުންތެރިން ޖެހި އެމްބާޕޭގެ ނޭފަތަށް ވަނީ އަނިޔާވެފަ އެވެ. މި އަނިޔާއާ ގުޅިގެން ފްރާންސް އިން ވަނީ އެނާ ބާލައިފަ އެވެ. ބެލެވޭ ގޮތުގައި އެމްބާޕޭގެ ނޭފަތް ވަނީ ބިންދައިގެން ގޮސްފަ އެވެ.

އެމްބާޕޭ އަށް އަނިޔާވުމަކީ ފްރާންސަށް ލިބުނު ނުތަނަވަސްކަމެކެވެ. ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ އެމްބާޕޭއެވެ. -- އޭއެފްޕީ