ކޮލޯން (20 ޖޫން) – ޔޫރޯގެ ގުރޫޕް އޭގައި ރޭ ސްކޮޓްލެންޑާއި ސްވިޓްޒަލޭންޑް ބައްދަކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ސްކޮޓްލެންޑުން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ އުންމީދު ދަމަހައްޓައިފަ އެވެ.

މެޗުގެ 13 ވަނަ މިނިޓުގައި ސްކޮޓްލެންޑް އިން ލީޑު ނެގީ ސްކޮޓް މެކްޓޮމިނޭ ޖެހި ލަނޑުންނެވެ. މެކްޓޮމިނޭ ފޮނުވާލި ޝޮޓް ގޯލަށް އަމާޒުވީ ސްވިޓްޒަލޭންޑްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފަ އެވެ.

އެކަމަކު ސްކޮޓްލެންޑް އިން ހެދި މިސްޓޭކެއްގެ ފައިދާ ނަގައި، ސްވިޓްޒަލޭންޑް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ 26 ވަނަ މިނިޓުގައި ޒެރްދާން ޝަކީރީ ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ.

މެޗުގައި ސްވިޓްޒަލޭންޑް އިން ގިނަ ފުރުސަތުތަކެއް ހޯދިޔަސް، ސްކޮޓްލެންޑް ޑިފެންސް ފޫއަޅުވާލެވޭގޮތެއް ނުވި އެވެ.

ގުރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ ޖަރުމަން ވަނީ ގަދަ 16 ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ފުރަތަމަ މެޗުން މޮޅުވި ސްވިޓްޒަލޭންޑް އޮތީ ހަތަރު ޕޮއިންޓާއެކު ދެވަނައިގަ އެވެ. ސްކޮޓްލެންޑް އެއް ޕޮއިންޓާއެކު އޮތްއިރު، ހަންގެރީއަށް ޕޮއިންޓެއް ނުލިބެ އެވެ.

ސްކޮޓްލެންޑަށް ފުރަތަމަ ފަހަރަށް ގަދަ 16ގެ ބުރުން ޖާގައެއް ލިބެން އޮތީ ގުރޫޕްގައި ކުޅޭ ފަހު މެޗުގައި ހަންގެރީ އަތުން މޮޅުވެގެންނެވެ.