ބާލިން (21 ޖޫން) – ޔޫރޯގެ ގުރޫޕް ޑީގައި މިރޭ ޕޯލެންޑް އަތުން 3-1 އިން މޮޅުވެ، އޮސްޓްރިއާ މުބާރާތުގެ ގަދަ 16ގެ އުންމީދު ދަމަހައްޓައިފި އެވެ.

މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުތަކުން މި ދެ ޓީމު ވެސް ބަލިވެފައި އޮތުމުން، މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދުމަށް ދެ ޓީމަށް ވެސް އޮތީ މުހިންމުވެފަ އެވެ.

މެޗުގެ ނުވަ ވަނަ މިނިޓުގައި އޮސްޓްރިއާ އިން ލީޑު ނެގީ ގެރްނޯ ޓްރައުނާ ޖެހި ލަނޑުންނެވެ. ފިލިޕް މުވޭނޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޓްރައުނާ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.

އެކަމަކު މެޗުގެ 30 ވަނަ މިނިޓުގައި ޕޯލެންޑްގެ ފޯވަޑް ކްރިސްޓޯފް ޕިއަޓެކް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފުގައި ޕޯލެންޑް އިން ވަނީ އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮވްސްކީ ކުޅެން އަރުވައިފަ އެވެ. ބާސެލޯނާއަށް ކުޅޭ ލެވަންޑޮވްސްކީއަށް އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅެވުނެވެ.

އެކަމަކު، މެޗުގެ 66 ވަނަ މިނިޓުގައި އޮސްޓްރިއާގެ ކްރިސްޓޯފް ބައުމްގާޓްނާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ.

އޮސްޓްރިއާ އިން ތަފާތު ބޮޑުކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން މާކޯ އައުނާޓޮވިޗް ޖެހި ލަނޑުންނެވެ. އޮސްޓްރިއާ އަށް ޕެނަލްޓީއެއް ލިބުނީ ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތުގެ ބޭނުން ހިފައި، މާސެލް ސަބިޓްޒާ ޕެނަލްޓީ އޭރިޔާ ތެރެއިން ޕޯލެންޑްގެ ގޯލްކީޕަރު ވޮޖްޖިއެކް ސެޒްނީ ކައިރިން ނައްޓާލުމުން، ޝެޒްނީ ކުރި ފައުލަކާ ގުޅިގެންނެވެ.