މައްކާ (ޖޫން 22) - މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު މަރުވެފައި ނުވަތަ ގެއްލިފައިވާ ކަމަށް ބެލެވެ އެވެ. މިހާތަނަށް އެއްކުރި ބައެއް މައުލޫމާތުން އެނގޭ ގޮތުގައި ހާހަކަށް ވުރެ ގިނަ ހައްޖާޖީން މައްކާގައި ވަނީ މަރުވެފަ އެވެ. މައިގަނޑު ސަބަބެއް ކަމަށް ބުނަނީ ސައުދީ އަށް މި ދުވަސްވަރު ކުރިމަތިވެފައިވާ ގަދަ ހޫނެވެ. މައްކާގެ ހޫނުމިން މިދިޔަ ހޯމަ ދުވަހު ވަނީ 51.8 ޑިގްރީ ސެލްސިއަސް އަށް އަރައިފަ އެވެ. އެ ގަދަ ހޫނަށް ކެތް ނުކުރެވޭ ވަރަށް ބައެއް މީހުންގެ ހާލަތު ދިޔައީ އެ މީހުންނާ ހަވާލުވެގެން ގެންދިޔަ ޖަމާއަތްތަކުން ލަނޑު ދީގެންނެވެ. ބައެއް ގައުމުތަކުގެ ހައްޖު ޖަމާއަތްތަކުން މީހުން ހައްޖަށް ގެންދިޔައީ ހުއްދަ ވެސް ނުހޯދަ އެވެ. އެހެންވެ ހައްޖުވެރިންނަށް ލިބުނު ފަސޭހަތައް، ވަގަށް މައްކާ އަށް އެތެރެވެ ހައްޖުކުރަން އުޅުނު މީހުންނަކަށް، ނުލިބެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ގައުމަކީ މިސްރެވެ. އެ ގައުމުން ގާތްގަނޑަކަށް 660 ވަރަކަށް މީހުން ވަނީ މައްކާގައި މަރުވެފަ އެވެ. މީގެ ތެރޭން ގިނަ މީހުންނަކީ ހައްޖު ވިސާ ނެތް މީހުންނެވެ. މިސްރުން ހައްޖަށްދާ ގިނަ މީހުންނަކީ ފަގީރުންނެވެ. އެ މީހުން އެ މަތިވެރި އަޅުކަމަށް ދަނީ މުޅި އުމުރުގައި އެއްކުރާ އާމްދަނީންނެވެ.

މިސްރުން މި އަހަރު ހައްޖަށް ދިޔަ އަފަންދިޔާ ނަމަކަށް ކިޔާ އުމުރުން 70 އަހަރުގެ އަންހެނަކު އެ އަޅުކަމަށް ފައިސާ ދެއްކީ އޭނާގެ ގަހަނާތައް ވިއްކާލައިގެންނެވެ. އެކަމަކު ހައްޖުގެ އަޅުކަން ފުރިހަމަ ނުކުރެވި އުޅެނިކޮށް ފަސް ދަރިން ތިބި އެ އަންހެން މީހާ ވަނީ މައްކާގައި މަރުވެފަ އެވެ.

"މަންމަގެ މަރުގެ ޚަބަރާ އެކު އަހަރެންގެ ހިތް ފަޅައިގެން ދިޔަ،" އަފަންދިޔާގެ އެންމެ ހަގު ދަރިފުޅު ސައީދު ބުންޏެވެ.

ސައީދު ބުނީ ހައްޖަށް ދިއުމަކީ އޭނާގެ މަންމަގެ މުޅި ހަޔާތުގައި ދެކެމުންދިޔަ ހުވަފެނެއް ކަމަށެވެ.

އަފަންދިޔާގެ އެންމެ ހަގު ދަރިފުޅު ސައީދު

ފިރިމީހާ މަރުވުމުން ކައިވެންޏެއް ނުކޮށް ހުރި އަފަންދިޔާ ހައްޖަށް ދިޔައީ ޓޫރިސްޓް ވިސާގަ އެވެ. ހައްޖުގެ ރަސްމީ ވިސާއެއް އޭނާ ނުހޯދަ އެވެ. އެ ގޮތަށް ރަސްމީ ހުއްދައެއް ނުހޯދާ މިސްރުގެ ވަރަށް ގިނަ މީހުން މިއަހަރު ހައްޖަށް ދިޔަ އެވެ. ހައްޖު ވިސާ ހޯދައިގެން ހައްޖަށް ދިއުމަކީ ޚަރަދު ބޮޑު އަދި އުނދަގޫ ކަމަކަށްވާތީ އެވެ. އެކަމަކު ސައުދީގެ ކަމާބެހޭ ފަރާތްތަކުން އިންޒާރުކޮށްފައި ވަނީ ހައްޖު ވިސާ ނެތި ހައްޖުގެ އަޅުކަން އަދާކުރަން އުޅޭ ނަމަ ފިޔަވަޅު އަޅައި އަނބުރާ ފޮނުވާލާނެ ކަމަށެވެ.

އިގްތިސާދީ ބޮޑު އަޑިގަނޑެއްގައި އޮތް މިސްރުގައި ރަސްމީކޮށް ހައްޖު ވިސާ ހޯދަން ގާތްގަނޑަކަށް 6،000 ޑޮލަރު (92،520ރ.) ޚަރަދުވެ އެވެ.

އަފަންދިޔާގެ ހައްޖު ދަތުރު އިންތިޒާމްކޮށް ދިނީ މިސްރުގެ ލޯކަލް އެޖެންޓެވެ. ނުވަތަ އެ ގައުމުގެ ހައްޖު ޖަމާއަތަކުންނެވެ. އެ ގްރޫޕުން އަފަންދިޔާ އަތުން ނެގީ ރަސްމީކޮށް ހައްޖަށް ގެންގޮސްދޭ އަގުގެ ދެބައިކުޅަ އެއްބަޔެވެ. އެ މީހުން ވަނީ ފަސްތަރީގެ ޚިދުމަތް ދޭނެ ކަމަށް ވައުދުވެފައި ކަމަށް އެ އާއިލާ އިން ބުންޏެވެ. އެކަމަކު ކަންތައް ކުރީ ބުނި ގޮތާ ދިމާ އިދިކޮޅަށް ކަމަށް ވެސް ބުންޏެވެ.

މި އަހަރުގެ އަރަފާތު ދުވަސް ކަމަށްވާ މި ޖޫން މަހުގެ 15 ވަނަ ދުވަހު އިރުއޮއްސުމުގެ ކުރިން، ހުރިހާ ހައްޖުވެރިން ވެސް، މައްކާއާ 20 ކިލޯމީޓަރު (12 މޭލު) ދުރުގައި އޮންނަ އަރަފާތު ބިމުގައި ވަގުތު ކޮޅެއް ހޭދަކުރަން ޖެހެ އެވެ.

"އެކަމަކު މަންމަމެން ދިޔަ ބަސް ހުއްޓީ އަރަފާތު ބިމާ 12 ކިލޯމީޓަރު ދުރަށް. މީހުން ބޭލުމަށް ފަހު ބަސް ނައްޓާލައިފި. ދެން އަރަފާތު ބިމަށް ދާން މަންމައަށް ޖެހުނީ ހިނގަން،" އަފަންދިޔާގެ އެންމެ ދޮށީ ދަރިފުޅު ތޯރިގު ބުންޏެވެ. "އަހަރެން ވީޑިއޯ ކޯލްކުރާ ކޮންމެ ފަހަރަކު މަންމަ އުޅެނީ ބޮލަށް ފެންއަޅަން. އެ ގަދަ ހޫނަށް ކެތް ނުކުރެވިގެން. އެންމެ ފަހު ކޯލުގައި މަންމަ ފެނުނީ ވަރަށް ބޮޑަށް ވަރުބަލިވެފައި ހުއްޓާ."

ހައްޖަށް ދާ މީހުން އަރަފާތުގައި އާއްމުކޮށް ތިބެނީ އޭސީ ޓެންޓްތަކުގަ އެވެ. ސައީދު ބުނީ ރަސްމީ ހައްޖު ވިސާ ނެތް މީހުންނަށް މިއިން އެއްވެސް ޚިދުމަތެއް ނުލިބޭ ކަމަށެވެ.

ސައީދު ބުނީ ގަދަ ހޫނުން ސަލާމަތްވުމަށް އޭނާގެ މަންމަ އަށް ޖެހުނީ ބެޑްޝީޓަކުން ޓެންޓެއް ހަދަން ކަމަށެވެ. އަފަންދިޔާގެ އާއިލާ އިން ބުނީ މަންމަގެ ހައްޖު ދަތުރު އިންތިޒާމްކުރި އެޖެންޓާ ފަހުން ނުވެސް ގުޅޭ ކަމަށެވެ.

އަފަންދިޔާގެ އަންހެން ދަރިފުޅު މަނާލް ބުނީ މަންމަގެ މަރުގެ ޚަބަރާ އެކު ހިތްފަޅައިގެން ދިޔަ ކަމަށެވެ.

"މަންމަ މަރުވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބޭބެ އަށް ގުޅި. އަދި މަންމަ ބުނި ހީވަނީ ދެން ފުރާނަ ހަށިގަނޑުން ނުކުމެދާނެހެންނޭ ވެސް. އަހަރެން ހިތަށް އަރާ މަންމައާ އެކު ހުރެވުނު ނަމައޭ،" މަނާލް ބުންޏެވެ.

އަފަންދިޔާގެ އަންހެން ދަރިފުޅު މަނާލް. --ފޮޓޯ:ބީބީސީ

އަފަންދިޔާ ދުނިޔެ ދޫކުރީ ވަރުބަލި ފިލުވާލަން، މަގެއްގެ ކަންމަތީގެ ކުޑަ ހިޔާކޮޅެއްގައި އޮށޯވެލައިގެން އޮއްވަ އެވެ.

އަފަންދިޔާގެ ދަރިންނަށް އޮތް ކުޑަ ނަމަވެސް ހިތްހަމަޖެހުމަކީ އެ މީހުންގެ މަންމަ މައްކާގެ މާތްވެގެންވާ ބިމުގައި ވަޅުލެވުނު ކަމެވެ.

"މަންމަ އުއްމީދުކުރި މައްކާގެ ބިމުގައި މަރުވެ އެ ބިމުގައި ވަޅުލުމަށް ވެސް،" މަނާލް ބުންޏެވެ. "މަންމަ އުއްމީދުކުރި އެއް ކަންތައް ހާސިލްވި."

މިސްރުގެ ކަމާބެހޭ ފަރާތްތަކުން ބުނީ މައްކާގައި މަރުވި އެ ގައުމުގެ ގިނަ މީހުންނަކީ ހައްޖު ވިސާ ނެތް މީހުން ކަމަށެވެ. އެހެންވެ މަރުވި މީހުންގެ ރަސްމީ އަދަދަކީ ކޮބައިކަމެއް އަދި ނޭނގެ އެވެ.

މިސްރުގެ ބޮޑުވަޒީރު ވިދާޅުވީ ހައްޖު ވިސާ ނުހޯދާ ހައްޖަށް މީހުން ފޮނުވި އެ ގައުމުގެ ހުރިހާ ޖަމާއަތްތަކެއްގެ މައްސަލަ ވެސް ބައްލަވާނެ ކަމަށެވެ.