ކޮލޯން (23 ޖޫން) – ޔޫރޯގެ ގުރޫޕް އީގައި ރޭ ރޫމޭނިއާ އަތުން 2-0 އިން މޮޅުވެ، ބެލްޖިއަމް ގަދަ 16 ގެ އުންމީދުތައް އާކޮށްފި އެވެ.

މި މުބާރާތުގެ ކުޅުނު ފުރަތަމަ މެޗުގައި ސްލޮވާކިއާ އަތުން 1-0 އިން ބަލިވެފައި އޮތުމުން، ރޭގެ މެޗުން މޮޅެއް ހޯދަން ބެލްޖިއަމް އަށް އޮތީ މަޖުބޫރުވެފަ އެވެ. ބެލްޖިއަމް އަށް މުހިންމު މެޗުގައި، ތަފާތު ކުޅުމެއް ދެއްކީ އެ ޓީމުގެ ކެޕްޓަން ކެވިން ޑެބްރޮއިނާ އެވެ.

ބެލްޖިއަމް މި މެޗު ފެށީ ވަރަށް ރަނގަޅަށެވެ. މެޗުގެ ދެވަނަ މިނިޓުގައި ބެލްޖިއަމް އިން ލީޑު ނެގީ ޔޫރީ ޓިއެލްސްމަން ޖެހި ލަނޑުންނެވެ. ޕެނަލްޓީ އެރިޔާ ބޭރުން ޓިއެލްސްމަން ތިރިތިރިން ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ 79 ވަނަ މިނިޓުގައި ބެލްޖިއަމްގެ ދެވަނަ ލަނޑު ޖެހީ ޑެބްރޮއިނާ އެވެ.

މި މެޗުގައި ވެސް ބެލްޖިއަމްގެ ފޯވަޑް ރޮމެއޫ ލުކާކޫ ޖެހި ލަނޑެއް ވީއޭއާރް އިން ބެލުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ. ފުރަތަމަ މެޗުގައި ވެސް އޭނާ ޖެހި ދެ ލަނޑު ވެސް ކެންސަލްކުރީ ވީއޭއާރް އިންނެވެ.

މި މެޗުގެ ނަތީޖާއާ އެކު ގުރޫޕް އީގެ ހަތަރު ޓީމު ވެސް އޮތީ ތިން ޕޮއިންޓާއެކު އެވެ. އެހެންކަމުން މި ގުރޫޕްގެ ފަހު މެޗުތަކަށް ދާއިރު، މި ގުރޫޕްގެ ބެލްޖިއަމް، ރޫމޭނިއާ، ސްލޮވާކިއާ އަދި ޔޫކްރޭނަށް ވެސް ގަދަ 16ގެ ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.