ބޮލީވުޑްއަށް އަލަށް ނުކުތް ތަރި ޖުނައިދު ޚާންއަކީ އޭނާގެ ބައްޕަ އާމިރު ޚާންފަދަ ""ޕާފެކްޝަނިސްޓް"އެއް ނޫން ކަމަށް އޭނާ ބުނެފި އެވެ.

ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖުނައިދު ވަނީ އޭނާގެ ފިލްމު "މަހާރާޖާ"އަށް ލިބެމުން އަންނަ ތަރުހީބާއި ބައްޕަގެ ރީތި ނަން ދެމެހެއްޓުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ޖުނައިދު ބުނީ އޭނާއަކީ އޭނާގެ ބައްޕައާ ވަރަށް ތަފާތު މީހެއް ކަމަށާއި އޭނާ މަސައްކަތް ކުރަނީ އަމިއްލަ މަސައްކަތުން ރީތި ނަން ހޯދުމަށް ކަމަށެވެ.

ޖުނައިދުގެ ފިލްމު އާމިރުއަށް ކަމުދިޔަތޯ ސުވާލު ކުރެވުމުން އޭނާ ބުނީ ބައްޕައަށް ކަމުދިޔަ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެން ނަމަވެސް އާމިރުގެ ހިތުގައިވާ އެއްޗެއް ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

އާމިރުގެ ކެރިއަރުގެ ކުރީކޮޅު އޭނާ ގިނައިން ކުޅެފައި ހުރީ ލޯބީގެ ފިލްމުތައް ނަމަވެސް ޖުނައިދު އޭނާގެ ބޮލީވުޑް ދަތުރު ފަށާފައިވަނީ ވެސް މުޅިން ތަފާތު ފިލްމަކުންނެވެ.

އިޖުތިމާއީ މައްސަލައެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ "މަހާރާޖާ" މިހާރު ނެޓްފްލިކްސްގައި ރިލީޒްކޮށްފައިވާއިރު އެ ފިލްމުގައި ޖުނައިދު ދައްކާފައިވާ އެކްޓިންއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.