އިޓަލީގެ އަސްކަރީ މަތިންދާބޯޓުތަކެއް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖޭގައި ޓްރާންސިޓް ކުރާނެ ކަމަށާއި އެ ބޯޓުތަކުގައި އެއްވެސް ހަތިޔާރެއް އަދި މުދަލެއް ނުއުފުލާނެ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ބާރު އަޑަށް މާލޭ މަތިން މިއަދު މަތިންދާބޯޓްތަކެއް ދުއްވުމުން ގިނަ ބަޔަކު ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ އެވެ. އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެން ފެށުމުން އެމްއެންޑީއެފް އިން ބުނެފައިވަނީ، އެއީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ލޮޖިސްޓިކް ބޭނުމަށް ޖެއްސި އިޓަލީގެ ބޯޓުތަކެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޓަލީގެ ވައިގެ ސިފައިން އެ މީހުންގެ މަތިންދާބޯޓުތަކުގައި އަސްކަރީ ތަމްރީންތަކަކަށް ދިއުމުގެ މަގުމަތީ އަދި ތަމްރީންތައް ނިންމާލުމަށް ފަހު ރާއްޖޭގައި ޓްރާންސިޓް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މި ފައިޓާ ޖެޓުތައް ރާއްޖޭގައި ޓްރާންސިޓް ކުރާނީ މި މަހުގެ 2 އާއި 5އާ ދެމެދު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ހުރިހާ އަސްކަރީ ބޯޓުތައް ވެސް ޖެއްސީ ކަމާބެހޭ އިދާރާތަކުން ދުރާލާ އެކަމަށް ބޭނުންވާ ޑިޕްލޮމެޓިކް ހުއްދަ ނަގައިގެން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އިޓަލީގެ ވައިގެ ސިފައިންގެ އަސްކަރީ ބޯޓުތައް ވީއައިއޭގައި ޖައްސަނީ "ޓެކްނިކަލް ސްޓޮޕް އޯވާއެއްގެ ގޮތުގައި" ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މި ޓްރާންސިޓްތަކުގެ މައިގަނޑު ބޭނުމަކީ އަސްލު މަންޒިލަށް ދިއުމުގެ މަގުމަތީގައްޔާއި އެނބުރި އިޓަލީއަށް ދިއުމުގެ މަގުމަތީގައި ތެޔޮ އެޅުން ނުވަތަ ކުރޫއިން އަރާމުކޮށްލުން ކަމަށެވެ.
މި މަތިންދާބޯޓުތަކުގެ އަޑުގަދަ ކަމަށް ފާހަގަކުރެވެނީ ފައިޓާ ޖެޓުތަކަކަށްވާތީކަން ކަމަށާއި "މި ޖެޓުތަކުގައި އެއްވެސް ހަތިޔާރެއް ނުއުފުލާނެ އަދި ކާގޯއެއް ނުހިމެނޭނެ" ކަމަށެވެ.