ޖިނާއީ ކުށެއް ސާބިތުވެ ޖޫރިމަނާ ކުރުމުން އެ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް އެދިފައިވާ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން މިއަދު އާންމު ކުރި ލިއުމެއްގައި ބުނެފައިވަނީ ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން ކަމަށާއި ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެއް ކަމަށެވެ. އެހެންކަމުން ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އެމީހަކު ކުރި ކުށަށް އަދަބު ނުލިބުން ކަމަށް އެ ލިޔުމުގައިވެ އެވެ.
ޤާނޫނުލްޢުޤޫބާތުން ދީފައިވާ ލުއިގެ ބޭނުން ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށާ އަދި ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުން ވެސް ޖޫރިމަނާ ފައިސާ ނުދައްކާކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި ހަވާލާދީ އެ ލިޔުމުގައި ބުނެފައިވަނީ ޖިނާއީ ކުށަކާ ގުޅިގެން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޕީޖީ އޮފީހަށް އަންގާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އަދަބު ކުށުގެ އަސްލީ އަދަބު ކަމަށްވާ ޖަލު އަދަބަށް ބަދަލުކުރުމަށް އެދި ހުށަހެޅިދާނެ ކަމަށެވެ.
މި އުޞޫލާ ޙަވާލާދީ، ޖޫރިމަނާ ފައިސާ ނުދައްކާކަމަށް މީރާއިން އެ އޮފީހަށް ދޭ މަޢުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް އެ އޮފީހުން ގެންދަނީ ދަށުކޯޓަށް ހުށަހަޅަމުން ކަމަށް ވަނީ ބުނެފަ އެވެ.
އަދި އެ އޮފީހުން ޢަމަލުކުރަމުން އައި ގޮތަށް ޖުރިމަނާ އަދަބުގެ ފައިސާ ނުދައްކާ މީހުންގެ މައްސަލަތަކުގެ މަޢުލޫމާތު މީރާއިން ހުށަހެޅުމުން އަދަބު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އެހެންކަމުން، މީގެ ފަހުން ޖޫރިމަނާ ފައިސާ ނުދައްކާނަމަ، ކުށުގެ އަދަބު، ޖަލު އަދަބަށް ބަދަލުކުރެވޭނެ ކަމަށާއި އެއީ ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުން ކަމަށްވާތީ ކަމަށް ޕީޖީ އޮފީހުގެ ލިއުމުގައިވެ އެވެ.