ބުރާސްފަތި ދުވަހު ބޭއްވި އިނގިރޭސި ވިލާތުގެ އާންމު އިންތިހާބުގައި ކޮންޒަވޭޓިވް ޕާޓީ ބަލިކޮށް ލޭބާ ޕާޓީގެ ކެއިރު ސްޓާމާ ވަނީ ބޮޑުވަޒީރުކަމަށް އިންތިހާބު ވެވަޑައިގެންފަ އެވެ.

މިފަހަރުގެ އިންތިހާބުން ކޮންޒަވޭޓިވް ޕާޓީ ބޮޑުތަނުން ނާކާމިޔާބުވެފައި މިވަނީ 14 އަހަރު ވަންދެން ވެރިކަން ހިންގުމަށް ފަހު، އަދި ތަފާތު ފަސް ބޮޑުވަޒީރަކު ގައުމު ހިންގެވުމަށް ފަހު އެވެ. އިންތިހާބުގައި އެ ޕާޓީއަށް 250 ގޮނޑި ގެއްލުނެވެ.

ޑައުނިން ސްޓްރީޓްގެ ބޭރުގައި ދެއްވި ކުރު ބަޔާނެއްގައި ކުރީގެ ބޮޑުވަޒީރު ރިޝީ ސުނަކް ވަނީ ނަތީޖާ ގަބޫލުކުރައްވައި ނާކާމިޔާބީގެ ޒިންމާ ނަންގަވައި އިންތިހާބުގައި ނާކާމިޔާބުވި ޕާޓީގެ މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ޑައުނިން ސްޓްރީޓްގައި ސަފު ހަދައިގެން ތިބި ލޭބަރ ޕާޓީއަށް ތާއީދުކުރާ އެތައް ސަތޭކަ ސަޕޯޓަރުންނާ ސަލާމް ކުރެއްވުމަށްފަހު ބޮޑުވަޒީރުގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ތަގުރީރުގައި ކެއިރު ވަނީ "ޚިދުމަތުގެ ސަރުކާރެއް" ހިންގަވައި ގައުމު އާފެށުމަކުން ފައްޓަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގައި 650 މެމްބަރުން ނުވަތަ ޕާލަމެންޓް މެމްބަރުން ތިއްބަވަ އެވެ. އެއިން ކޮންމެ ގޮނޑިއެއް ރަމްޒުކޮށްދެނީ ދާއިރާއެއް ނުވަތަ ޑިސްޓްރިކްޓެކެވެ.

މިހާތަނަށް ލޭބާ ޕާޓީއަށް 412 ގޮނޑި ލިބިފައިވާއިރު، ކޮންޒަވޭޓިވް ޕާޓީއަށް ލިބިފައިވަނީ އެންމެ 121 ގޮނޑި އެވެ. އަދި ސެންޓްރިސްޓް ލިބަރަލް ޑިމޮކްރެޓުންނަށް ލިބިފައިވަނީ 71 ގޮނޑިއެވެ. ރިފޯމް ޔޫކޭ އަށް ވެސް ވާތު ފިޔައިގެ ގްރީން ޕާޓީ އާ އެއްގޮތަށް ހަތަރު ގޮނޑި ލިބެއެވެ.

އިނގިރޭސި ވިލާތުގެ ސިޔާސީ މައިދާނުގައި މިފަދަ އިންތިހާބަކަށް ފަހު ވަރަށް ބާރަށް ކަންކަން ހިނގަމުން ދާނެއެވެ. އިންތިހާބުގެ ނަތީޖާއާއެކު އާ ބޮޑުވަޒީރަކު ހަމަޖެއްސުމާ ހަމައަށް ލިބެނީ ވަރަށް ކުޑަ ވަގުތު ކޮޅެކެވެ.

އިންތިހާބުގެ ނަތީޖާ އެނގުމާއެކު ޑައުނިން ސްޓްރީޓުން ރިޝީ ސުނާކް އަށް އެހީވާން މޫވިން ވޭންތައް ގޮސް، އެއަށްފަހު ރަސްގެފާނު ޗާލްސް ތިންވަނަ އަރިހަށް އިސްތިއުފާ ދެއްވުމަށް ބަކިންހަމް ޕެލަސްއަށް ވަޑައިގެންނެވި އެވެ.

އިންތިހާބު ކާމިޔާބު ވިކަން ފުރަތަމަ އެގްޒިޓް ޕޯލްއިން ދެއްކިތާ 14 ގަޑިއިރު ތެރޭގައި އިންތިހާބީ ބޮޑުވަޒީރު ކެއިރު ސްޓާމާ އަށް ރަސްގެފާނު ރަސްމީކޮށް ދައުވަތު ދެއްވައި އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ފެއްޓެވި އެވެ.

އޭގެ އިރުކޮޅެއް ފަހުން ކެއިރު ސްޓާމާ ޑައުނިން ސްޓްރީޓުގައި ހުންނަވާ ބޮޑުވަޒީރުގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރެއްވި އެވެ.

އާ ބޮޑުވަޒީރު މިހާރު ގެންދަވަނީ ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ބޮޑުވަޒީރުގެ ނައިބުގެ މަގާމަށް އެންޖެލާ ރެއިނާ ހަމަޖައްސާފައި ވާއިރު ފުރަތަމަ އަންހެން ޗާންސެލަރަކަށް ވެފައިވަނީ ރެޗެލް ރީވްސް އެވެ. އާ ފޮރިން ސެކްރެޓަރީއަކީ ޑޭވިޑް ލެމީ އަދި ހޯމް ސެކްރެޓަރީގެ މަގާމަށް ހުންނެވީ ޔެވެޓް ކޫޕާ އެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން ވާހަކަ ދައްކަވަމުން ރިޝީ ސުނަކް ވަނީ އާ ބޮޑުވަޒީރަށް ހެޔޮ އެދުންތައް އަރިސްކުރައްވާފަ އެވެ.

"މި ކެމްޕޭނުގައި އަޅުގަނޑުމެންގެ ހިޔާލު ތަފާތުވުންތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ސްޓާމާ އަކީ އަޅުގަނޑު އިހުތިރާމް ކުރާ، ވަރަށް ރަނގަޅު ޕަބްލިކް ސްޕިރިޓެޑް ބޭފުޅެއް." ރިޝީ ސުނަކް ވިދާޅުވި އެވެ.

ބޮޑުވަޒީރު ކެއިރު ސްޓާމާ އަކީ 1990 ގެ އަހަރުތަކުގައި ބެރިސްޓަރެއްގެ ގޮތުގައި ޕްރޮފެޝަނަލް ހަޔާތް ފެއްޓެވި ބޭފުޅެކެވެ. އަދި 2008 ވަނަ އަހަރު އިންގްލެންޑް އެންޑް ވޭލްސްގެ އެންމެ ސީނިއާ ކްރިމިނަލް ޕްރޮސެކިއުޓަރު، ޑިރެކްޓަރ އޮފް ޕަބްލިކް ޕްރޮސެކިއުޝަންގެ މަގާމަށް އައްޔަން ކުރައްވާފަ އެވެ.

އުތުރު ލަންޑަންގެ ހޮލްބޯން އަދި ސެއިންޓް ޕެންކްރަސް ދާއިރާއަށް 2015 ވަނަ އަހަރު އެންމެ ފުރަތަމަ އިންތިހާބުވެ ވަޑައިގަތް ކެއިރު ސްޓާމާ ލޭބާ ޕާޓީގެ ލީޑާޝިޕާ ހަވާލުވެވަޑައިގެންނެވީ 2019 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގެ ނާކާމިޔާބީ އާއެކު، ޖެރެމީ ކޯބިންގެ ވާތު ފިޔައިގެ ލީޑަޝިޕަށް ފަހު "އާ ޒަމާނެއް" ފަށަން ވައުދުވެވަޑައިގަންނަވަމުން ނެވެ.