އީރާނުގެ ހަރުކަށި ކޮންޒަވޭޓިވް ވާދަވެރިޔާ ސައީދު ޖަލީލީ ފަހަތަށް ޖައްސާލުމަށްފަހު އީރާނުގެ އާ ރައީސަކަށް އިސްލާހަށް ވަކާލާތުކުރައްވާ މަސްއޫދު ޕެޒެޝްކިއަން އިންތިހާބުކޮށްފި އެވެ.

މަސްއޫދު ޕެޒެޝްކިއަން އަށް އިންތިހާބު ކާމިޔާބުވިކަން އިއުލާނުކުރީ 30 މިލިއަނަށް ވުރެ ގިނަ ވޯޓުގެ ތެރެއިން 53.3 އިންސައްތަ ވޯޓު ހޯއްދެވުމާ އެކު އެވެ. ޖަލީލީއަށް ލިބިވަޑައިގަތީ 44.3 އިންސައްތަ ވޯޓެވެ.

މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބިފައި ނުވެ އެވެ.

މި އިންތިހާބު ބާއްވާފައި މިވަނީ މިދިޔަ މެއި މަހު ހެލިކޮޕްޓަރު ވެއްޓި އީރާނުގެ ކުރީގެ ރައީސް އިބްރާހިމް ރައިސީ އަވަހާރަވުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ތެހެރާނާއި އެ ގައުމުގެ އެހެން ބައެއް ސިޓީތަކުގައި މަސްއޫދު ޕެޒެޝްކިއަން ލިބިވަޑައިގެންނެވި ކާމިޔާބީއާ ގުޅިގެން މަގުމަތީގައި އުފާފާޅުކުރަމުން ދެ އެވެ.

ހިތުގެ ކުރީގެ ސާޖަނެއް ކަމަށްވާ މަސްއޫދު ޕެޒެޝްކިއަން އަކީ އީރާނުގެ މޯރަލިޓީ ފުލުހުންގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށާއި އީރާނުން ދުނިޔެއާ އެކަހެރިވުން ނިމުމަކަށް ގެނައުމަށް ވައުދުވެ ވަޑައިގެންނެވި ބޭފުޅެކެވެ.

އުމުރުފުޅުން 69 އަހަރުގެ މަސްއޫދު ޕެޒެޝްކިއަން އަކީ 2008 ވަނަ އަހަރުން ފެށިގެން ތަބްރީޒް ތަމްސީލު ކުރައްވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. ޕެޒެޝްކިއަން އަކީ މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ޚަތާމީގެ ވެރިކަމުގައި ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ހަމައަށް ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި އެވެ.

މި އިންތިޚާބުގައި ކޮންޒަވޭޓިވް ފެކްޝަންތަކަށް ނިސްބަތްނުވާ ހަމައެކަނި ކެނޑިޑޭޓަކީ މަސްއޫދު ޕެޒެޝްކިއަން އެވެ. އަދި 2021 ވަނަ އަހަރު ގާޑިއަން ކައުންސިލުން ވަނީ އޭނާ އަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ނިންމައިފަ އެވެ.