އެކި ސަރުކާރުތައް އުފެދި ސިޔާސީ ކޯޅުން ބޮޑުވެގެންދާ ދުވަސްވަރު ޕާޓީތަކާއި ވެރިންގެ ދިފާއުގައި ސަޕޯޓަރުން ނުކުމެ އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދެ އެވެ. ޒަމާނާއެކު މިކަން ވެސް ބަދަލުވެ މިފަދަ ގިނަ ޒުވާބުތައް ކުރިއަށް ދަނީ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގަ އެވެ. އެއީ އާންމު ކަމެކެވެ. އަދި މައްސަލައެއް ވެސް ނޫނެވެ. ނަމަވެސް މިފަހަކަށް އައިސް ފެންނަ އާ މަންޒަރެއް އޮވެ އެވެ. ސިޔާސީ ބޮޑެތި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް މިފަދަ ޒުވާބުތަކުގައި ހަމައެއް ލަމައެއް ނެތި ބައިވެރިވަމުން ދިއުމެވެ. ނުވަތަ ސަރުކާރު ދިފާއު ކުރެއްވުމުގެ ނަމުގައި ހުންނަވާ މަގާމަށް ބެއްލެވުމެއް ނެތި ލިޔުއްވަމުން ގެންދަވަ އެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޝިއުނާ، މަހްޒޫމް، އަދި މަލްޝާ

މިފަދަ އެއް މިސާލަކީ މިހާރުގެ ސަރުކާރު އުފެދިގެން އައި ފުރަތަމަ ދުވަސްތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މޫދު ކައިރީގައި ނަންގަވާފައިވާ ފޮޓޯއަކަށް ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރަކު އެކްސްގެ ގްރޭ ބަޓަން ޕްރޮފައިލްގައި ޖައްސަވައިގެން އިންނަވާ ދެއްވި ރައްދެވެ. އެ މައްސަލައިގައި ރައްޔިތުންނާއި ބޭރު ގައުމުތަކުގެ ފާޑުކިޔުންތަކުގެ ސަބަބުން ތިން ޑެޕިއުޓީ މިނިސްޓަރަކު ސަންސްޕެންޑް ކުރި އެވެ. ނަމަވެސް ބައެއް ބޭފުޅުންގެ މިފަދަ އަމަލުތަކަށް ހުއްޓުމެއް ނާދެ އެވެ.

އިއްޔެގެ ވަގުތެއްގައި ސަސްޕެންޝަންގައި ހުންނެވި ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ޝިއުނާ މި ގައުމުގައި ވެރިކަން ކުރައްވާފައި ކުރީގެ ރައީސަކަށް ނިސްބަތް ކުރައްވާ އެކްސްގައި ހުރިހާ ރައްޔިތުންނަށް ފެންނަ ގޮތަށް ލިއުއްވާފައިވެ އެވެ.

"ޔާމީނު ވެރިކަމަށް އަރާފައި ތަރައްގީ ގެނައީ އެކަނިމައި އެކަނިތަ؟ ނޫނީ ކުރިކަމެއް ކުރީ ހަތް މަހުންތަ؟ ވެރިކަމާ ހެދި ބޫތުކެޔަސް ބޮޑުވަރު ދޯ،" މިހެން ލިޔުނީ ޕާޓީއެއްގެ އާންމު މެންބަރެއް ނަމަ ނުވަތަ އާންމު ފަރުދެއް ނަމަ އެކަމުގައި މާބޮޑު މައްސަލައެއް ނެތެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންނަވާ މިފަދަ މޭރުމަކުން ކުރީގެ ރައީސަކަށް ނިސްބަތް ކުރައްވާ ލިއުއްވުމަކީ ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑަށް ފެތޭ ކަމެއްތޯ ބަލަން ޖެހެ އެވެ.

ކޮންމެ ސަރުކާރެއް ވެސް އުފެދުމާއެކު ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ސިޔާސީ މަގާމުތަކެއް އުފައްދަވަ އެވެ. އަދި މިފަދަ މަގާމުތަކަށް ވަކި ޝަރުތެއް ނޯވެ އެވެ. ނަމަވެސް ސިޔާސީ މަގާމަކަށް އައްޔަނުކުރައްވާ ހިސާބުން އެބޭފުޅުން އަމަލު ކުރައްވަންޖެހޭ އުސޫލެއް ރައީސް އޮފީހުގައި އޮވެ އެވެ. އެ އުސޫލަށް ކިޔަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ވަޒީރުން ފިޔަވައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން އަމަލު ކުރަންޖެހޭ އުސޫލެވެ.

އެ އުސޫލުގެ ތިން ވަނަ މާއްދާގައި ވަރަށް ސާފުކޮށް ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑު ގެންގުޅެންވީ ގޮތް ލިޔެފައިވެ އެވެ. އަދި އުސޫލުގެ ތިންވަނަ މާއްދާގެ (ބ) ފާހަގަ ކޮށްލެވެ އެވެ. އެ މާއްދާގައި ވަނީ އެއްވެސް މީހެއްގެ އަބުރަށް ނުވަތަ އިއްޒަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށެވެ.

ހިތާމައަކީ މިއަދު މިފަދަ އަމަލުތަކާއި ގުޅިގެން އެކަށީގެންވާ ފިޔަވަޅު ނޭޅުމެވެ. ޒިންމާދާރު ނުކުރެވުމެވެ. ވެރިން ބޭނުންވެގެން ނުވަތަ "އަންގަވައިގެން" ކުރެއްވި ނަމަވެސް ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ވާނެ އެވެ. އެކަމެއްގައި އޮންނަ އުސޫލާއި މިންގަނޑުތައް އެނގެން ވާނެ އެވެ. ވަކިން ހާއްސަކޮށް ރައްޔިތުންނަށް މިސާލު ދައްކަވަން ތިއްބެވި ވެރިންގެ ސަބަބުން މުޅި ދުނިޔެ ކުރިމަތީގައި ގައުމުގެ ރައްޔިތުން ލަދުގަންނަ ފަދަ ކަންކަން ކުރުމަށް ފުރުސަތު ދެވިގެން ނުވާނެ އެވެ.