ހައި ސްކޫލް މިއުޒިކަލް ފިލްމުތަކުން މަޝްހޫރުވި އެކްޓަރު ވެނެސާ ހަޖަންސް ޕަޕަރާޒީ ދެކެ ނުރުހުންވެއްޖެ އެވެ.

މި ދިޔަ ހަފްތާގައި 35 އަހަރުގެ ވެނެސާ އަދި ފިރިމީހާ އެމެރިކާގެ ބޭސް ބޯލް ކުޅުންތެރިޔާ ކޯލް ޓަކާ އަށް ވަނީ އަލަތު ދަރިއެއް ލިބިފަ އެވެ. އަދި ދެމަރިފިން ރަސްމީކޮށް މިކަން އިއުލާން ކުރުމުގެ ކުރިން ޕަޕަރާޒީއިން ވަނީ ވެނެސާ ދަރިފުޅު ގޮވައިގެން ހޮސްޕިޓަލުން ނުކުތް ފޮޓޯތަކެއް އާންމުކޮށްފަ އެވެ. މި ފޮޓޯތައް ނަގާފައި ވަނީ އާއިލާއަށް ނޭނގި ދިގު ލެންސް ކެމެރާއަކުންނެވެ.

މި ކަމާ ހިތްހަމަނުޖެހި ވެނެސާ ވަނީ އިންސްޓްރާމް ސްޓޯރީސް މެދުވެރިކޮށް އޭނާގެ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭނާ ވަނީ މި ފޮޓޯތަކުގެ ސަބަބުން އާއިލާއަށް ހާއްސަ ދަނޑިވަޅެއްގައި އާއިލާއަށް ލިބެންޖެހޭ ޕްރައިވެސީ ނަގާލާ މީޑީއާއިން ކުރި ކަންތައް ކުށްވެރިކޮށްފަ އެވެ. އަދި މި ޕޯސްޓްގައި އޭނާ، ފިރިމީހާ އަދި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ވަނީ ބުނެފަ އެވެ.

އެކްޓަރު ވެނެސާ ވިހައިގެން ހޮސްޕިޓަލުުން ނުކުންނަނީ

އެކްޓަރު ވެނެސާ ބަނޑުބޮޑުކަން އިއުލާންކޮށްފައިވަނީ މިއަހަރު މާޗްމަހު އޮސްކާސްގެ ރެޑް ކާޕެޓްގަ އެވެ.

ޑިސްނީ ސްޓާރެއްގެ ގޮތުގައި މަޝްހޫރުވި ވެނެސާ އަދި ކޯލް ޓަކާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރު ޑިސެންބަރު މަހު އެވެ.