މިއީ ދާދި ފަހުން ފެނުނު މަންޒަރެކެވެ. ބެލެވޭ ގޮތުގައި އެއީ ހުޅުމާލޭގެ ދެވަނަ ފިޔަހީގެ ސަރަހައްދެކެވެ. ބިންމަތީގައި ބައިވަރު މޭބިސްކަދުރު ފޮށިތައް އަތުރާފައި ހުރިތަން ފެނެ އެވެ. އަދި މީހަކު ފޮށިތަކުން ކޮތަޅުތައް ނަގާ ހުޅުވާފައި ހުރި މަންޒަރު ވެސް ފެނެ އެވެ. މިއީ ކޮންމެވެސް ފިހާރައަކުން ހަލާކުވެގެން އުކާލި އެއްޗެހި ކަމަށްވެ އެވެ. ނަމަވެސް ބައެއް ފަހަރު އެހެން ހުންނަ އެއްޗެހި ގެންގޮސް ބޭނުންކުރާ މީހުން ވެސް އުޅެ އެވެ. އަދި ކުދި ފިހާރަތަކުގައި މިފަދަ ކާބޯތަކެތި ވިއްކަން ހުންނަތަން ވެސް މަދުން ނަމަވެސް ފެނެ އެވެ.

މިފަދަ ހަލާކުވެފައި ނުވަތަ ގިނަދުވަސްވެ ބޭނުން ނުކުރެވޭވަރުވެފައި ހުންނަ ކާނާ ރައްކާތެރިކަމާއެކު ނައްތާލުމުގެ ބަދަލުގައި އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބެހެއްޓުމަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ. މިއާއެކު ރައްޔިތުން ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ރަނގަޅަށް ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފެނެ އެވެ.

މާލޭގެ ބާޒާރުމަތީ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުރި މޭވާ އާއި ތަރުކާރީތަކެއް މީހަކު ބަލަނީ. ފޮޓޯ | ހުރިހާ

ބައެއް ފިހާރަތަކުގައި މުއްދަތު ހަމަވާން ކައިރިވެފައި ހުންނަ އެކި ކަހަލަ ކާނާ ވިއްކަން ބެހެއްޓުމަކީ ވަރަށް ގިނައިން ކުރާކަމެކެވެ. ބައެއް އެއްޗެހި މުއްދަތު ހަމަވާން ދެތިން މަސް، މަސް ދުވަސް، ދެތިން ހަފްތާ އަދި ބައެއް ފަހަރު ދެތިން ދުވަސް ހުންނަ އެއްޗެހި ވެސް އަގު ދަށްކޮށް ވިއްކަން ބަހައްޓަ އެވެ. މިފަދަ ތަކެތީގެ ތެރެއިން ބުއިމަށް ބޭނުންކުރާ ދަޅުފަދަ އެއްޗެހީގައި ދަބަރު ޖެހުން ނުވަތަ އެނޫން ވެސް ގޮތަކަށް ހަލާކުވެ ތަޣައްޔަރުވެފައި ހުންނަތަން ވެސް ފެނެ އެވެ. އަދި ކެއުމަށް ބޭނުންކުރަން ހެޔޮ ނުވާވަރަށް ހަލާކުވެފައިވާ އެއްޗިހި ވެސް ވިއްކަން ބަހައްޓާފައި ހުރެ އެވެ.

ދެން އޮތީ އަހަރެމެން ކެއުމަށް ލިބޭ ކާ އެތިކޮޅަކީ ކިހާ ރައްކާތެރި އެއްޗެއްތޯ ކުރެވޭ ސުވާލެވެ. ރާއްޖެއަކީ ވަރަށް ގިނައިން ދަޅުގައި ބަންދުކުރި ކާނާއާއި މޭވާއާއި ތަރުކާރީ ފަދަ ތަކެތި އެހެން ގައުމުތަކުން އެތެރެކޮށް ވިއްކާ ގައުމެކެވެ. ދަޅުގައި ބަންދުކޮށްފައި ހުންނަ ކާނާ ބޭނުންކުރުން އިތުރުވުމުގެ ސަބަބުން ތަފާތު އެކި ބަލިތައް ތަހައްމަލު ކުރާ މީހުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. ގޮތް ނޭނގޭ އެތައް ބްރޭންޑް ތަކެކެވެ. އޭގައި އެކުލެވިގެން ވަނީ ކިހާ ނުރައްކާތެރި މާއްދާތަކެއްކަން އަދި އެ ގިނަދުވަހު ހަލާކުނުވެ ބެހެއްޓުމަށް ބޭނުން ކޮށްފައި ވަނީ ކިހާ ކެމިކަލެއްކަން ބެލުމުގެ ފަރުވާލެއް ގިނަފަހަރު ނުހުރެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން އާންމުކޮށްފައިވާ ރާއްޖެއަށް ހާއްސަ ފުޑް ބޭސްޑް ޑައެޓަރީ ގައިޑްލައިންގައި ވާގޮތުން ޕްރޮސެސްޑް އަދި އަލްޓްރާ ޕްރޮސެސްޑް ކާބޯތަކެތި ކެއުން ރާއްޖޭގައި ދަނީ އާންމުވަމުންނެވެ. ދިވެހިން ކެއުމުގަ އާންމުކޮށް ބޭނުންކުރާ ޕްރޮސެސްޑް ކާނާގެ ތެރޭގައި އިންސްޓަންޓް ނޫޑްލްސް، ލަންޗަން މީޓާއި ސޮސެޖް، ޕްރޮސެސްކޮށްފައިވާ މަސް، ތަފާތު ވައްތަރުގެ މޭވާ ބުއިންތަކާއި އެނާޖީ ޑްރިންކް، ފިޒީ ޑްރިންކް އަދި ފްލޭވާޑް ސްވީޓްޑް މިލްކް، ތަފާތު ވައްތަރުގެ ބިސްކޯދު، ކޭކާއި ވޭފާސް ހިމެނެ އެވެ. ގޭގައި ތައްޔާރުކުރާ ރޮށި ފަދަ ތަކެތީގެ ބަދަލުގައި ތައްޔާރީ ގަނޑުކުރި ރޮށި/ ފަރާޓާ އަދި ނާން ބޭނުންކުރުން އިތުރުވެފައިވާ ކަމަށް ވެސް އެ ގައިޑްގައިވެ އެވެ.

ނޫޑްލްސް އާއި ޕްރޮސެސްކޮށްފައި ހުންނަ މަސް މިސާލަކަށް ސޮސެޖް، ކޯންޑް ބީފް ފަދަ ތަކެތި ގިނައިން ބޭނުންކުރުން ސިއްހަތަށް ނުހަނު ގިނަ ނޭދެވޭ އަސަރު ކުރެ އެވެ. އޭގެ ތެރެއިން ގިނަ ކާނާތަކަކީ ހަކުރު، ލޮނު، އަދި ސެޗުރޭޓެޑް ޓްރާންސް ފެޓްސް ގިނަ އަދަދަކަށް ހިމެނޭ ކާނާ އެވެ. އޭގެ ސަބަބުން އޮބެސިޓީ އިތުރުވެ އެވެ.

ޕްރޮސެސްކޮށްފައިވާ މީޓަކީ ގުރޫޕް އެކެއްގެ ގޮތުގައި ގިންތިކުރެވިފައިވާ، ކޮލޮނިކް ކެންސަރު ފަދަ ކެންސަރުތަކަށް މަގުފަހިކުރުވާ އެއްޗެކެވެ. މިފަދަ މަހުގެ ބާވަތްތަކަކީ އޭގައި ފެޓް އަދި ލޮނު ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ސަބަބުން ހިތުގެ ބަލިތައް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ވެސް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

މީރު އަދި ތާޒާކަމަށް ފެންނަ މޭވާ އާއި ތަރުކާރީ އަޅުގަނޑުމެނަށް ގަންނަން ލިބެން ހުރި ނަމަވެސް، އެއީ ކިހިނެއް ހައްދާފައި ހުރި އެއްޗެއްކަން އަދި ކިހާވަރަކަށް ހަށިގަނޑަށް ނުރައްކާވާ ކެމިކަލް ބޭނުންކޮށްފައިވާ އެއްޗެއްކަން ނޭނގެ އެވެ. އާންމުކޮށް ވިއްކަން ހުންނަ މޭވާ އާއި ތަރުކާރީ ހައްދާއިރު ގަހުގައި އުޅޭ ތަފާތު ފަނިތައް ނައްތާލަން ޕެސްޓިސައިޑް ނަމަކަށް ކިޔާ ކެމިކަލެއް ބޭނުން ކުރެވެ އެވެ. އަދި ގަސް ވަރުގަދަ ކުރުމަށާއި ގަހުގެ ކޫޑި ފިލުވަން ވެސް ތަފާތު ކެމިކަލްތައް ދަނޑުވެރިން ބޭނުން ކުރެ އެވެ. މިފަދަ މޭވާ އާއި ތަރުކާރީ ބޭނުންކުރުމުން އެ ތަކެތީގައި އެކުލެވިފައިވާ ކެމިކަލްތަކުގެ އަސަރު ހަށިގަނޑު ތެރެއަށް ކުރެ އެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައި ހުރި ތަކެތި މީހަކު ބަލަނީ. ފޮޓޯ | ހުރިހާ

މޭވާއާއި ތަރުކާރީގެ އިތުރުން ދިވެހިންނަކީ ކެއުމުގައި ގިނަ އަދަދަކަށް އެކި ބާވަތުގެ މަސް ބޭނުންކުރާ ބައެކެވެ. އެގޮތުން އާއްމުކޮށް ބޭނުންކުރަނީ ކަނޑުމަހުގެ ބާވަތްތައް ކަމުގައިވާއިރު ކަނޑުމަސް އަޅުގަނޑުމެންނާއި ހަމައަށް އަންނަނީ ކިހާ ރައްކާތެރިކަމާއެކު ކަމެއް ކަށަވަރެއް ނުވެ އެވެ. ގިނަފަހަރު މަސް މާރުކޭޓުން ގަންނަ މަހުގައި ވެސް އެއްވެސް ތާޒާކަމެއް ނުހުރެ އެވެ. އަދި ބޭނުން ނުކުރެވޭ ވަރަށް މަހުގެ ކޮލެޓީ ދަށްވެފައި ހުންނަ ފަހަރު ވެސް މަދެއް ނޫނެވެ.

މިފަދަ ކަންކަން ހުއްޓުވުމަށް ކަމާގުޅޭ އިދާރާތަކުގެ ރޯލާއި ޒިންމާ ވަރަށް ބޮޑެވެ. ގައުމީ ފެންވަރުގައި ކާނާގެ ރައްކާތެރިކަމަށް މަސައްކަތްތަކެއް އިދާރާތަކުން ކުރަމުން ދާއިރު އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މިފަދަ އެންމެހާ އާދަތައް ހުއްޓުވައި ރަނގަޅަށް މޮނިޓާކުރެވެން ޖެހެ އެވެ. މާލޭގެ ބާޒާރު މައްޗަށް މިހާރު ނުކުމެ ޗެކްކުރި ނަމަވެސް މިފަދަ އެތައް ކަމެއް ފެންނާނެ އެވެ.