އިންޑިއާގެ ކެރެލާ ސްޓޭޓުގައި ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއް ފެތުރެމުންދާތީ ދިވެހިން ސަމާލުވުމަށް އަންގައިފި އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓް ޖެނަރަލުން ނެރުނު ދެންނެވުމެއްގައި ވަނީ ސިކުނޑިއަށް ޖެހޭ ނުރައްކާތެރި ބައްޔެއްކަމަށްވާ "ބްރެއިން އީޓިން އެމީބާ އިންފެކްޝަން" ފެތުރެމުންދާތީ ކެރެލާގެ ސިއްހީ ވުޒާރާ އިން އެކަމަށް ސަމާލުވުމަށް އަންގާފައިވާ ކަމަށެވެ.

މި ބަލީގެ ޖަރާސީމު ހަށިގަނޑަށް އެތެރެވަނީ ކަންފަތުން ނުވަތަ ނޭފަތުން ކަމަށާއި އެހެންކަމުން މިދުވަސްވަރު ކޯރު ފަދަ ތަންތަނަށް އެރުން ރައްކާތެރި ނޫންކަމަށް ކޮންސިއުލޭޓުން ބުނެ އެވެ. އަދި ސްވިންމިން ޕޫލަށް އެރޭނަމަ ކަންފަތާއި ނޭފަތަށް ފެން ނުވަންނަ ގޮތަށް އިޔާ ބަޑް ނުވަތަ ނޭސަލް ކްލިޕް ބޭނުންކުރުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޮލުގައި ރިއްސުން ހޮޑުލެވުން ހިމެނެ އެވެ. މީގެ އިތުރުން ކަނދުރާއަށް ނާރުއެރުމާއި ވާނުވާ ނޭނގި ފިޓްޖެހުން ވެސް ހިމެނެ އެވެ.

މީގެން އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކުރައްވާ ސިއްހީ އެހީތެރިކަން ހޯދުމަށް ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކެރެލާ ސްޓޭޓަކީ ދިވެހިން އާންމުކޮށް ބޭސްފަރުވާ އަށް ގޮސް އުޅޭ ތަނެކެވެ. އެގޮތުން ޓްރިވެންޑްރަމާއި ކޮޗީ އަކީ ކެރެލޭ ސްޓޭޓްގެ ދެ ސިޓީ އެވެ.