ފަޓުލޫނުތެރޭ ފޮރުވައިގެން 100 އަށް ވުރެ ގިނަ ދިރޭ ހަރުފަ އެތެރެކުރަން އުޅުނު މީހަކު ޗައިނާގެ ކަސްޓަމްސްގެ އޮފިޝަލުން ހައްޔަރުކޮށްފި އެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ ހޮންކޮން އާއި ޝެންޒެން ސިޓީ ކްރޮސްކުރާ "ނަތިން ޓު ޑިކްލެއާ" ގޭޓް ހުރަސްކުރަނިކޮށެވެ. އެ މީހާ ހުއްޓުވައި ފާސްކުރި އިރު ފަޓުލޫނު ތެރޭގައި ފޮރުވައިގެން ވަނީ 104 ހަރުފަ އެތެރެކުރަން އުޅެފަ އެވެ. މި ހަރުފަތައް ހުރީ ކޮތަޅުތަކެއްގައި ބަންދުކޮށްފަ އެވެ.

ޗައިނާގައި އަމަލުކުރަމުންދާ ބަޔޯސިކިއުރިޓީ ގާނޫނުތަކުގެ ދަށުން، އެހެން ގައުމުތަކުގެ ސްޕެޝީޒްތައް ހުއްދަ ނެތި އެ ގައުމަށް އެތެރެކުރުމަކީ މަނާ ކަމެކެވެ.

ހަމަ މި ކްރޮސިން އިން 2023 ވަނަ އަހަރު ވެސް ވަނީ ބްރާ ތެރޭ ފޮރުވައިގެން ފަސް ހަރުފަ އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފަ އެވެ.

ޗައިނާ އަކީ ދުނިޔޭގައި އެންމެ ބޮޑަށް ޖަނަވާރު ޓްރެފިކިން ހިންގާ ހަބެއްގެ ގޮތުގައި ބަލާ ގައުމެކެވެ.