ބާލިން (13 ޖުލައި) – ޔޫރޯގެ ފައިނަލްގައި މާދަމާ ރޭ ސްޕެއިން އާއި އިންގްލެންޑް ބައްދަލުކުރާއިރު، ބެލުންތެރިން ބަލާހިތްވާ ކަހަލަ ފައިނަލް މެޗެއް ފެނިގެންދާނެކަމަށް އުންމީދުކުރާ ކަމަށް ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ބުނެފި އެވެ.

އިންގްލެންޑާ ދެކޮޅަށް ސްޕެއިން ފައިނަލަށް ނުކުންނައިރު، ސްޕެއިން ވަނީ މި އަހަރުގެ ޔޫރޯގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފަ އެވެ. ޔޫރޯގެ ތާރީހުގައި ވެސް އެއް މުބާރާތެއްގައި ޖެހިޖެހިގެން ހަ މެޗުން ޓީމެއް މޮޅެއްނުވެ އެވެ. ސްޕެއިން ތަށި ހޯދައިފިނިނަމަ، ސައްތައިން ސައްތަ ރެކޯޑަކާއެކު ޔޫރޯގެ ތަށި އުފުލާލާ ފުރަތަމަ ޓީމުގެ ޝަރަފު ސްޕެއިންއަށް ލިބޭނެ އެވެ.

ފައިނަލްގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޑެލަ ފުއެންޓޭ ބުނީ ފައިނަލަށް ނުކުންނައިރު ސްޕެއިން އާއި އިންގްލެންޑް ވެސް އޮތީ ރަނގަޅު ފޯމެއްގައި ކަމަށެވެ. އަދި ފައިނަލް މެޗަކީ ފޯރިގަދަ، ބަލާހިތްވާ ކަހަލަ މެޗަކަށް ވާނެކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"އަހަރެން އުންމީދުކުރަނީ ބެލުންތެރިން ބަލާހިތްވާ، ކަމުދާ މެޗަކަށް ފައިނަލް ވެގެންދާނެކަމަށް. ދެ ޓީމު ވެސް އޮތީ ރަނގަޅު ފޯމެއްގައި،" ޑެލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިން މި އަހަރުގެ ޔޫރޯގެ ކާމިޔާބުކޮށްފިނަމަ، ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ފަހަރު މުބާރާތުގެ ތަށި ހޯދި ޓީމަށް ސްޕެއިންވާނެ އެވެ. ސްޕެއިން ވަނީ މިހާތަނަށް ތިން ފަހަރު ޔޫރޯގެ ތަށި އުފުލާލައިފަ އެވެ.

ޑެލަ ފުއެންޓޭ ބުނީ ފައިނަލް މެޗުގައި ސްޕެއިންއާ ދެކޮޅަށް ނުކުންނަ އިންގްލެންޑަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި މެޗު ކާމިޔާބުކުރުމަށް، ސްޕެއިންގެ ކުޅުން ބަދަލުކުރަންޖެހިއްޖެ ނަމަ އެކަން ވެސް އޭނާ ކުރާނެ ކަމަށެވެ.

"އަހަރަމެން ފުރަތަމަ ބަލާނީ އަހަރަމެންގެ ގޭމް ކުޅެން. އިންގެލެންޑަކީ އަހަރަމެންނާ ވަރަށް ތަފާތު ކުޅުމެއް ކުޅޭ ޓީމެއް. އިންގްލެންޑަކީ ފިސިކަލީ ވަރުގަދަ ޓީމެއް. ޖާގަތަކަށް ދުވެގެން ކުޅޭ ޓީމެއް،" ޑެލަ ފުއެންޓޭ ބުންޏެވެ. "އަހަރަމެން ފުރަތަމަ ބަލާނީ ހަމަ ސްޕެއިން ކުޅޭ ޕޮޒެޝަން ގޭމް ކުޅެން. އެކަމަކު ބަދަލުކުރަންޖެހިއްޖެއްޔާ، ކައުންޓާ އެޓޭކަށް ވިސްނައިގެން ވެސް އަހަރަމެންނަށް ކުޅެވިދާނެ."

ޑެލަ ފުއެންޓޭ ބުނީ އޭނާއަކީ އަބަދުވެސް އިނގިރޭސި ފުޓްބޯޅައަށް ލޯބިކުރާ މީހެއް ކަމަށެވެ. އަދި ރެއާލް މެޑްރިޑަށް ކުޅޭ އިންގްލެންޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމްއަކީ އޭނާއަށް ވަރަށް ކަމުދާ ކުޅުންތެރިއެއް ކަމަށެވެ.

"ބެލިންގްހަމްއަކީ ވަރަށް މޮޅު ކުޅުންތެރިއެއް އަދި މިހާރު (ގައުމީ ޓީމާއި ރެއާލްގެ) މުހިންމު ކުޅުންތެރިއެއް. ވަރަށް ބަލާހިތްވާ ކުޅުމެއް ބެލިންގްހަމްގެ ފަރާތުން ފެންނަނީ،" ޑެލަ ފުއެންޓޭ ބުންޏެވެ.