ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެއް ބައްލަވައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތުމުގެ ކުރިން ކަމަށް ޒިފްލީނާ ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ޒިފްލީނާ ބައްލަވައިގަަތީ އެފްޑަބްލިއު ރެޒިޑެންސްގެ ފުލެޓެކެވެ. އެ ފުލެޓަކީ 1،235.42 އަކަފޫޓުގެ ބޮޑުމިނުގެ އެޕާޓުމެންޓެކެވެ. ޒިފްލީނާ، އެޕާޓްމަންޓް ބައްލަވައިގަތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ފްލެޓްގެ އަގަށްވާ ފައިސާ ޒިފްލީނާގެ ފަރާތުން އެޗްޑީސީ އަށް އެއްކޮށް ދައްކައި ހަލާސްކޮށްފައިވާތީ އެ ފްލެޓް އޭނާއަށް މިލްކުވެފައިވާ ކަމަށެވެ.

ޒިފްލީނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ރައީސް އޮފީހަށް ހުށަހެޅުއްވި އެސެޓް ޑިކްލަރޭޝަން ފޯމުގައި އެޕާޓްމަންޓުގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ. މި އެޕާޓްމަންޓް އޭނާގެ ނަމަށް ބަދަލުކޮށް، މި ކޭސް ނިންމާފައި ވަނީ އިމާރާތް ކުރި ފަރާތާއި އެޗްޑީސީ އިން ކުރަން ޖެހޭ އިދާރީ ކަންކަން ނިންމުމަށް ފަހު އެޕާޓްމަންޓުގައި ދިރިއުޅެމުން އަންނަތާ ހަތަރު އަހަރު ފަހުން ކަމަށް ވެސް ޒިފްލީނާ ވިދާޅުވިއެވެ.

"އެޕާޓްމަންޓް އަޅުގަނޑު ހޯދާފައިވަނީ އަޅުގަނޑަށް ސްޓޭޓް މިނިސްޓަރެއްގެ މަގާމު ލިބުނު ފަހުން ކަމުގައި ޝައްކު އުފެދޭ ގޮތަށް މައުލޫމާތު ފަތުރާފައި ވާތީއާއި، އަދި އެއްވެސް ނޫހަކުން މައުލޫމާތު ހޯދުމަށް ގުޅާލުމެއްވެސް ނެތި ކަމުގައިވާތީ ހިތާމަކުރަމެވެ." ޒިފްލީނާ ވިދާޅުވި އެވެ.

ޒިފްލީނާ ވިދާޅުވީ އޮޅުން އަރާ ގޮތަށް މީޑިއާގައި މި ވާހަކަ ލިޔުމުން ރަޖިސްޓްރީ ނުކޮށް އޮންލައިންކޮށް ހިންގާ ނޫސްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި އޭނާ އަށް ނިސްބަތްކޮށް ބޭއަދަބީ ބަސްތައް ބޭނުންކޮށް ފޮޓޯ އެކި ގޮތް ގޮތަށް ހަދައިގެން އަބުރު ކަތިލުމުގެ މަސައްކަތްކޮށްފައިވާތީ ހިތާމަ ކުރައްވާ ކަމަށެވެ.

ޒިފްލީނާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި އުޅެން ފެށި ފަހުން އޭނާއާ ޒާތީ ގޮތުން ދިމާކޮށް އަބުރު ކަތިލަން ކުރަމުން ގެންދާ މަސައްކަތަށް ހުއްޓުމެއް އައިސްފައެއް ނުވެ އެވެ.

"ސިޔާސީ މައިދާނަށް ނިކުންނަ އަންހެނުންނާއި ޒާތީ ގޮތުން ދިމާކުރުމަކީ އިތުރުވަމުން އަންން ކަމެކެވެ. މިކަމުގައި ވަކި ފިކުރެއް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އަންހެނަކު އިސްތިސްނާއެއް ނުކުރެ އެވެ. މިފަދަ ދިމާކުރުމާއި ފުރައްސާރަ އިންތިހާއަށް ދިއުމުން ސިޔާސީ މައިދާނުގައި މަސައްކަތްކުރާ އަންހެނުންނަށް މަޖުބޫރުވަނީ ދަރިންނާއި އާއިލާގެ ރައްކާތެރި ކަމަށްޓަކައި ފަހަތަށް ޖެހޭށެވެ." ޒިފްލީނާ ވިދާޅުވި އެވެ.

ޒިފްލީނާ ވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވައިފަ އެވެ. އެ އިންތިހާބުގައި އޭނާ ދިޔައީ ތިން ވަނައަށެވެ.