ބާލިން (14 ޖުލައި) – ޔޫރޯގެ ފައިނަލްގައި މިރޭ ސްޕެއިން އާއި އިންގްލެންޑް ބައްދަލުކުރާއިރު، އިންގްލެންޑްގެ އުންމީދަކަށް ވާނީ ބައިނަލްއަގުވާމީ ތައްޓެއް ހޯދުމަށް އެ ގައުމުން ކުރަމުންދާ 58 އަހަރުވީ ދިގު އިންތިޒާރު ނިންމާލުމެވެ.

ފުޓްބޯޅައިގައި ނުފޫޒުގަދަ ބާރެއްގެ ގޮތުގައި އޮތް ނަމަވެސް، އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް ލިބުނު ހަމައެކަނި ތައްޓަކީ 1966 ވަނަ އަހަރު އަމިއްލަ ގައުމު އޮތް ވޯލްްޑް ކަޕް ކާމިޔާބުކުރުމެވެ. އަދި މިހާތަނަށް އިންގްލެންޑަށް ޔޫރަޕްގެ ސަރަހައްދީ މުބާރާތް ކަމަށްވާ ޔޫރޯ ކާމިޔާބެއް ނުކުރެވެ އެވެ.

އިންގްލެންޑް ވަނީ 2020 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލްގައިވެސް ކުޅެފައެވެ. އެކަމަކު ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން އިންގްލެންޑް ވަނީ ބަލިވެފަ އެވެ.

އެ ފައިނަލްގައި ކުޅުނު ގިނަ ކުޅުންތެރިންތަކެއް މިރޭގެ ފައިނަލްގައިވެސް އިންގްލެންޑްގެ ފުރަތަމަ 11 އިން ފެންނާނެކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ގޯލްކީޕަރު ޖޯޑަން ޕިކްފާޑް، ކައިލް ވޯކާ، ޖޯން ސްޓޯންސް، ޑެކްލަން ރައިސް، ބުކާޔޯ ސާކާ އަދި ކެޕްޓަން ހެރީ ކޭން ހިމެެނެ އެވެ.

"އަހަރެން މި މަގާމާ ހަވާލުވި ހަމައެކަނި ސަބަބަކީ އިންގްލެންޑަށް ކާމިޔާބެއް ހޯދުން އަދި އިނގިރޭސި ފުޓްބޯޅަ ކުރިއެރުވުން،" ޖެހިޖެހިގެން ދެ ފަހަރު ޔޫރޯގެ ފައިނަލަށް އިންގްލެންޑް ގެންގޮސްދިން ކޯޗު ގެރެތު ސައުތުގޭޓް ބުންޏެވެ. "ގައުމުން ބޭރުގައި ކުޅޭ ފައިނަލަކަށް މި ޓީމު ނުކުތުމަކީ ލިބޭ ޝަރަފެއް. ތަށި ހޯދުމަކީ ބޮޑު ކަމެއް އެކަމަކު އަހަރަމެން ދުލެއް ނުދޭނަން."

އިންގްލެންޑް ފައިނަލަށް ދަތުރުކުރީ ފަސޭހަ މަގަކުން ނޫނެވެ. ގުރޫޕް ސްޓޭޖާއި ނޮކްއައުޓް ސްޓޭޖުގައި އެ ޓީމުން ދެއްކި ކުޅުމާ ގުޅިގެން ސައުތުގޭޓަށް ގިނަ ފާޑުކިއުންތައް އަމާޒުވި އެވެ.

ސައުތުގޭޓް ބުނީ މާޒީގައި އިންގްލެންޑާ ކުރިމަތިވި "ހިތި" ނަތީޖާތަކުގެ ސަބަބުން، ފައިނަލަށް ނުކުންނައިރު އެ ޓީމުގެ ކުޅުންތެރިން ޖެހިލުންވާނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.

"އަހަރެން ޖެހިލުމެއްނުވޭ މެޗުގައި ވަކި ގޮތެއް ވެދާނެތީ. މިހާރު ހުރިހާ ކަމެއްވެސް ތަޖުރިބާކޮށްފިން،" ސައުތުގޭޓް ބުންޏެވެ. "އަހަރެން ބޭނުންވަނީ ކުޅުންތެރިންވެސް އެއްވެސް ޖެހިލުންނުވެ، މެޗަށް ކުރިމަތިލާން. ކޮންމެ ގޮތެއްވިޔަސް، އެކަތިގަނޑަކަށްވީމަ އަހަރަމަނެ މާ ވަރުގަދަވާނެ."