ފައިސާ އާއި ބާރު ލިބުމުން އިންޑިއާގެ އެއްވަނަ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީގެ އުޅުމަށް ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށް ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އަމިތު މިޝްރާ ބުނެފި އެވެ.

އަމިތު ބުނީ ފައިސާ އާއި ބާރު ލިބޭ މީހުންނާ އެހެން މީހުން ވާހަކަދައްކަނީ ކަމެއް ބޭނުންވެގެން ހެން އެމީހުންނަށް ހީވާ ކަމަށާއި އެހެންވެ ވިރާޓްއާ ވާހަކަ ދެއްކުން ވެސް މުޅިންހެން ހުއްޓާލާފައިވާ ކަމަށެވެ.

ވިރާޓްގެ އުމުރުން 14 އަހަރުން ފެށިގެން ވިރާޓް ދަންނަ ކަމަށް ބުނަމުން އަމިތު އިތުރަށް ބުނީ އޭރުގެ ވިރާޓްއާއި މިހާރުގެ ވިރާޓް އުޑާއި ބިމާހާ ތަފާތު ކަމަށެވެ. މީގެ ކުރިން ވިރާޓް އަމިތުއަށް ވަރަށް އިހުތިރާމް ކުރާ ކަމަށާއި އެހެން ނަމަވެސް މިހާރު އެ އިހުތިރާމް ގެއްލިފައިވާ ކަމަށް އަމިތު ބުންޏެވެ.

އެއާއެކު ވިރާޓްއާއި ގައުތަމް ގަމްބީރްއާ ދެމެދު ޖެހުނު މައްސަލާގައި ވެސް އިސްވެ ސުލްހަވީ ގައުތަމް ކަމަށާއި އެހެން ނަމަވެސް ކަން ވާން ޖެހޭނީ އޭގެ އިދިކޮޅަށް ކަމަށް އަމިތު ފާހަގަކުގި އެވެ.

އަމިތުގެ މި އިންޓަވިއުއާއެކު ވިރާޓްއަށް ސަޕޯޓުކުރާ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަމިތުއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ވިރާޓްއަށް ބަލާލާއިރު އޭނާ މިހާރު އަންނަނީ އަންހެނުން އަނުޝްކާ ޝަރްމާއާއި ދެ ދަރިން ކަމަށްވާ ވަމިކާ އަދި އަކޭއިއާއެކު ލަންޑަންގައި ޗުއްޓީ ހޭދަކުރަމުންނެވެ.