ރާއްޖޭގައި ބޭރުގެ ޔުނިވާސިޓީއެއްގެ ފުރަތަމަ ކެމްޕަސް ގާއިމު ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާ އެކު މަޝްވަރާކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް އިންސްޓިޓިއުޓެއް ގާއިމްކުރަން ސައުދީގެ އަލް އިމާމް މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިކަމާ ގުޅޭ ގޮތުން ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ ޑރ. އަބްދުﷲ ނަޒީރާއި އަހުމަދު ޝަފީއު، އެ ޔުނިވާސިޓީގެ އިސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ނަޒީރު ވިދާޅުވީ އެ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމްކުރުމަށް ފަހު ރާއްޖޭގައި އަރަބި ތައުލީމް ފުޅާކުރަން އެ ޔުނިވާސިޓީން ބޭނުންވާ ކަމަށާއި އެ ކެމްޕަސް ވެގެންދާނީ ރާއްޖޭގައި ހަދާ ބޭރުގެ ފުރަތަމަ ކެމްޕަހަށް ކަމަށެވެ.

"ސަރުކާރުގެ ބޭނުމަކީ އަރަބި އިސްލާމީ ތައުލީމް ފުޅާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން އަރަބި ބަސް ކިޔަވައިދޭން ޓީޗަރުން އުފެދިގެން ދިއުން އަދި އަރަބި ބަސް ކިޔަވައިދޭން ބޭނުންފުޅުވާ ބޮޑެތި މީހުންނަށް ހާއްސަ ކްލާސްތަކެއް ހިންގުން. އަރަބި ބަސް މި ރާއްޖޭގެ ސްކޫލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ މީހުން މީގެ ތެރެއިން ތަމްރީންވާނެ."، ނަޒީރު ވިދާޅުވި އެވެ.

މި ކެމްޕަހުން ކިޔެވުމުގެ ފުރުސަތު އެހެން ގައުމުތަކުގެ ދަރިވަރުންނަށްވެސް އޮންނާނެ ކަމަށް ނަޒީރު ވިދާޅުވި އެވެ. އަދި މިއީ ވަރަށް ބޮޑު އިންވެސްޓުމެންޓަކަށް ހުޅުވިގެން ދާނެ ދޮރެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެެވެ.

އަރަބި ބަސް ކިޔަވައިދޭ އިންސްޓިޓިއުޓް ރަޖިސްޓްރީކުރުމުންދެ ގައުމުގެ ގުޅުން ބަދަހިވާނެ ކަމެއް ކަން ވެސް އެ ބައްދަލުވުމުގައި ފާހަގަކުރި އެވެ.

އެ ބައްދަލުވުމުގައި ޔުނިވާސިޓީއަށް ވަނީ އިންސްޓިޓިއުޓުގެ ރަޖިސްޓްރީގެ މަސައްކަތާއި އެމްކިއުއޭއިން އެކްރެޑިޓްކުރުމާ ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.