ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ސީއެޗްއެސްއީގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ސާނަވީ އިމްތިހާނުތަކުން ގިނަ ދަރިވަރުން ފާސްނުވުމުގެ މައްސަލަ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ 23 ސްކޫލެއްގައި ސާނަވީ އިމްތިހާނު ނިންމާ ހުރިހާ ކުދިންނަށް ސްކޫލްގެ ޖާގަ އޮތް މިންވަރަކުން މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަހަރު ރާއްޖޭގެ 23 ސްކޫލަކަށް އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށްހެން އޭލެވެލްއަށް ވަދެވޭނެ ގޮތް ހަދައިދޭނަން. 2 މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ. އަދި ސްކޫލްތަކުގައި ޖާގަ އޮތް މިންވަރަކުން އެއް މާއްދާއިން ފާސްވާ ދަރިވަރުންނަށްވެސް އެފުރުސަތު އޮންނާނެ." ޝަފީއު ވިދާޅުވި އެވެ.

މިޖަލްސާގައި ސީއެޗްއެސްއީން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. ސީއެޗްއެސްއީން މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މަތީ ފާސް ހޯދާފައިވާ 167 ދަރިވަރުންނަށް ވަނީ އިނާމު ދީފަ އެވެ.