އިސްލާމީ ޝަރީޢަތަކީ ވަރަށް މާތް މަތިވެރި ޝަރީޢަތެކެވެ. އެއީ ރައްބުލް ކާއިނާތުގެ ޝަރީޢަތެވެ. އިންސާނާ އުފެއްދެވި މަތިވެރި އިލާހުގެ ޝަރީޢަތެވެ. އިންސާނާގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ފަރާތުން ބާވައިލެއްވި ޝަރީޢަތެކެވެ. އިންސާނާއަށް އެންމެ ފައިދާހުރި އަދި އެންމެ މަޞްލަޙަތުހުރި ގޮތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވެސް އެ ފަރާތެވެ.

އިސްލާމީ ޝަރީޢަތުގެ އެންމެ މައިގަނޑު މަގުސަދުގެ ތެރޭގައި ހިމެނެނީ 5 ކަމެއް އިންސާނުންނަށް ކަށަވަރުކޮށްދިނުމެވެ. މި ފަސް ކަމަކީ، އިންސާނީ ޙަޔާތުގައި އެންމެ މުހިންމު ކަންތަކެވެ. އެއީ އެ ކަންތައްތަކާ ނުލައި އިންސާނީ ޙަޔާތް ދެމެހެއްޓުމަށް އެންމެ އުދަނގޫ ކަންތައްތަކެވެ. އަދި ކީއްތޯއެވެ؟ އެއާ ނުލައި އިންސާނީ ޙަޔާތް ކުރިޔަށް ނުގެންދެވޭނެ 5 ކަންތައްތަކެވެ. މި ކަންތައްތައް ނުވަތަ މި އިން ކަމެއް ނެތިއްޖެ ނަމަ، ދިރިއުޅުމުގެ ނިޒާމު ކުރިޔަށް ގެންދިއުމަށް ބުރޫއަރާނެ ކަންކަމެވެ.

އެގޮތުން ބަލާއިރު، އިސްލާމީ ޝަރީޢަތުން ކަށަވަރުކޮށްދޭ މައިގަނޑު ޟަރޫރީ 5 ކަންތައްތަކަކީ؛

1- ދީން ޙިމާޔަތްކުރުން

2- ނަފްސު ޙިމާޔަތްކުރުން

3- ނަސްލު ޙިމާޔަތްކުރުން

4- ބުއްދި ޙިމާޔަތްކުރުން

5- މުދާ ޙިމާޔަތްކުރުން

އިސްލާމީ ޝަރީޢަތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ މި ފަސް ޟަރޫރިއްޔާތަށް ވަކިވަކިން ބަލައިލުމަކީ އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަން އަޅުގަނޑުމެންނަށް އިތުރަށް ކަށަވަރުވެގެންދާނެ ކަމެކެވެ.

1- ދީން ޙިމާޔަތްކުރުން: ދީނަކީ އަޅާއާއި އަޅުގެ ވެރި ވެރިރައްބާ ދެމެދުގައިވާ ގުޅުމާއި، އަޅާއާ އެހެނިހެން އިންސާނުންނާ ދެމެދުގައިވާ ގުޅުންތައް ބަޔާންކޮށްދޭ ނިޒާމަށް ކިޔާ ނަމެވެ. އެކަލާނގެއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމުގެ މަގެވެ. ޙައްޤުގޮތުގައި އެއްކައުވަންތަކުރުމުގެ މަގެވެ. އެހެންކަމުން، އިލާހީ މި މަގު ނޫން އެހެން މަގެއް އިންސާނާ އިޚްތިޔާރުކުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އިންސާނީ މަޞްލަޙަތާއި ޠަބީޢަތް ގުޅިފައިވަނީ މާތް الله އިންސާނާއަށް ކަނޑައަޅުއްވައި ބަޔާންކުރައްވައިފައިވާ މަގުގައި ހިފުމުގައެވެ.

އެހެންކަމުން، އިންސާނާ އަމިއްލައަށް ދީނެއް ހަދައިގެން އުޅުމަކީ ހުއްދަކުރައްވައިފައިވާ ކަމެއް ނޫނެވެ. އެކަލާނގެއާ ކުއްތަންވުމުގެ ނިޔަތުގައި އަމިއްލައަށް ރަމްޒުތަކެއް ހަދައި އެކަލާނގެއާ ޝަރީކު ކުރުމެއް ވެސް ނެތެވެ. އެއީ މުޅިން ބާޠިލު ގޮތްތަކެކެވެ. ބާޠިލު ޢަޤީދާތަކާއި ދީންތަކެވެ.

އެހެނީ، މާތް الله ސުބުޙާނަހޫ ވަތަޢާލާ ވަނީ އެކަލާނގެއަށް ޙައްޤުގޮތުގައި އަޅުކަންކުރާނެ ގޮތް ބަޔާންކޮށްދެއްވައިފައެވެ. އެންމެ ފުރިހަމަ މާނައިގައި އެކަލާނގެ އެއްކައުވަންތަކުރާނެ ގޮތް ބަޔާންކޮށްދެއްވައިފައެވެ. ހަމަ އެހެންމެ، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ވެސް ވަނީ ބަޔާންކޮށްދެއްވައިފައެވެ. އެގޮތުން އިންސާނާއަށް ވަނީ ފުރިހަމަ ދީނެއް ބަޔާންކޮށްދެއްވައިފައެވެ. އަދި އެއީ ޙައްޤު ދީންކަމުގައި ޚިޔާރުކުރައްވައި، އެ ދީނަކީ ހަމައެކަނި އެކަލާނގެ ރުއްސަވާ އަދި ގަބޫލުކުރައްވާ ދީންކަމުގައި ނުވަތަ ގޮތްކަމުގައި ވަނީ ކަނޑައަޅުއްވައިދެއްވައިފައެވެ.

ވުމާއެކު، މި ދީން ޙިމާޔަތްކުރައްވައިފައިވާކަން ބަޔާންކޮށްދެއްވުމަށް ޓަކައި، އަދި ދީނުގެ ޙުރުމަތް ބަޔާންކޮށްދެއްވުމަށް ޓަކައި އެތަކެއް އާޔަތްތަކާއި އެތަކެއް ޙަދީޘްފުޅުތަކެއް ވަނީ މި ދީނުގައި ވާރިދުވެފައެވެ. ދީނަށް ރައްކައުތެރިވުމުގެ މަތިވެރިކަމާއި، ދީނަށް ފުރަގަސްދީ މޫނު އަނބުރައިލުމުގެ ނުބައިކަމާއި، އެ ކަމަށް ކަނޑައެޅިފައިވާ ވަޢީދުގެ ބަސްފުޅުތައް ވަނީ ވާރިދުވެފައެވެ. އަދި ޙައްޤު ދީން، އިސްލާމް ދީން، ފިޔަވައި އެހެން ދީނެއް ގަބޫލު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބަޔާންކުރެވިފައެވެ.

އަދި އެއްކައުވަންތަ އިލާހުގެ ތައުޙީދާއި ދީން ޙިމާޔަތް ކުރުމުގެ ގޮތުން ޖިހާދު ވަނީ ފަރުޟުކުރެވިފައެވެ. އަދި ކީއްތޯއެވެ؟ މުރުތައްދުވުން ވަނީ ހަރުކަށިގޮތުގައި މަނާކުރައްވައިފައެވެ. އަދި މި ދީނަށް އެއްވެސް އެއްޗެއް އިތުރުކުރުމާއި، އުނިކުރުމަކީ ނުބައި ބިދުޢައްކަމާއި، ދީނުގެ ތެރެއަށް އުނި އިތުރެއް ގެނައުމަކީ ކަނޑައެޅިގެން ޙަރާމްވެގެންވާ ކަމެއްގެ ގޮތުގައި ވަނީ ލައްވައިފައެވެ.

މާތް الله ރުއްސަވާ ދީންމަތީގައި، ފުރިހަމަ އެނގުމާއި ދެނެގަތުމުގެ މަތީގައި ތިބެގެން އަޅުކަން ކުރުމަށް ޓަކައި، އިސްލާމީ ޝަރީޢަތުގައި ދީން ވަނީ ޙިމާޔަތް ކުރައްވައިފައެވެ.

2- ނަފްސު ޙިމާޔަތްކުރުން: ނަފްސަކީ އިންސާނާއަށް މާތް الله ދެއްވައިފައިވާ އަމާނާތެކެވެ. އެއާމެދުގައި ސުވާލުވެވޭނެ ނިޢުމަތެކެވެ. އިސްލާމީ ޝަރީޢަތުގައި ވަނީ ނަފްސަކީ ޙުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ލައްވައިފައެވެ. އެގޮތުން އިންސާނާއަށް ވަނީ ޚުދު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންދިނުން ވެސް ޙަރާމްކުރައްވައިފައެވެ.

ހަމަކަށަވަރުން ދިރިހުރުމުގެ ޙައްޤަކީ މާތް الله ކޮންމެ އަޅަކަށް ވެސް ދެއްވައިފައިވާ ޙައްޤެކެވެ. އެ ޙައްޤަށް އެއްވެސް އިންސާނަކަށް އަރައެއް ނުގަނެވޭނެއެވެ. އެއްވެސް އިންސާނަކަށް އަނެއް އިންސާނާގެ ދިރިހުރުމުގެ ޙައްޤު ނިގުޅައެއް ނުގަނެވޭނެއެވެ.

އެހެންކަމުން، ޙައްޤަކާ ނުލައި ގަސްތުގައި މީހެއްގެ ފުރާނަ ދުއްވައިލައިފި ނަމަ، އިސްލާމްދީނުގައި ވަނީ ޤިޞާޞްގެ ޙުކުމް ކަނޑައަޅުއްވައިފައެވެ. ޤިޞާޞް ހިފުމުގައި ޙަޔާތެއް ވާކަމުގައި އެ ޙުކުމް ޝަރުޢުކުރެއްވި ޙަކީމްވަންތަ އިލާހު ވަނީ ބަޔާންކުރައްވައިފައެވެ. އަދި ހަމަ އެހެންމެ، ޤިޞާޞް ހިފުމާއި ނުހިފައި ޤާތިލަށް ޢަފޫކުރުމުގެ އިޚްތިޔާރު މާތް الله ވަނީ މަޤްތޫލުގެ ވާރިޘުންނަށް ދެއްވައިފައެވެ.

އިސްލާމީ ޝަރީޢަތުގައި އިންސާނީ ނަފްސަށް ވަނީ އަމާންކަން ދެއްވައިފައެވެ. ވަޟުޢީ ހުރިހާ ޤާނޫނުތަކުގެ މަގުސަދަކީ ވެސް މިއީ ކަމުގައި ދެންނެވިދާނެއެވެ. އިންސާނީ ނަފްސަށް އަމާންކަން ދިނުމެވެ. ނަމަވެސް ނަތީޖާއެއް ނުރެވެއެވެ. އެބައިމީހުން ވަކާލާތުކުރާ އިންސާނީ ޙައްޤުތަކުގެ ދަށުން ޤާތިލަށް ބޮޑު އަދަބެއް ދެވޭކަށެއް ނޯވެއެވެ. ވާރިޘުންނަށްވުރެ ބޮޑަށް ޤާތިލުގެ އިންސާނީ ޙައްޤު ބޮޑުކަމުންނެވެ. ނަތީޖާއަކީ، އިންސާނީ ނަފްސުގެ ކަރާމާތާއި އޭގެ އަގު އެބައިމީހުންގެ ކައިރީގައި ނެތިގެން ދިއުމެވެ. މީހެއްގެ ފުރާނަ ދުއްވައިލުމަކީ އެބައިމީހުންގެ ކައިރީގައި މާ ބޮޑު ކަމަކަށް ނުވެއެވެ. އެގޮތުން، އިންސާނީ މުޖުތަމަޢުތައް އުޅެމުންދަނީ ޖަންގަލީގެ ނިޒާމެއްގައޭ ބުނުމުން އެއީ ދޮގަކަށް ނުވާނެއެވެ. ނަފްސަށް އަމާންކަމެއް ނެތެވެ. ގެއިން ބޭރަށް ނުކުންނަން ބިރުގަނެއެވެ. ކޮށާލާނޭކަމުގެ ބިރުވެރިކަމެވެ. ކަޓަރު އަޅައިފާނޭކަމުގެ ބިރުވެރިކަމެވެ.

ނަމަވެސް އިސްލާމީ ޝަރީޢަތުގައި، ނަފްސަށް މިނިވަންކަން ލިބިދެއެވެ. ނުޙައްޤުން މީހެއްގެ ނަފްސަށް ގެއްލުމެއް ދީފި ނަމަ، އެކަމުގެ ބަދަލު ލިބިދެވޭނެއެވެ. އެހެނީ، އިސްލާމީ ޝަރީޢަތުގައި ނަފްސުގެ ކަރާމަތަކީ ބޮޑު އެއްޗެކެވެ. މަތިވެރި އެއްޗެކެވެ. ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް ޙައްޤަކާ ނުލައި މީހެއްގެ ފުރާނަ ދުއްވައިލާ މީހަކަށް ޤިޔާމަތްދުވަހުން ކަނޑައެޅިފައިވާ ވޭންދެނިވި ޢަޒާބުގެ އިންޒާރު އެތައް އާޔަތެއްގައި ވަނީ ބަޔާންކުރައްވައިފައެވެ. އޭނާއަށް މާތް الله ގެ ލަޢުނެއް ވާކަމަށް ވަނީ ބަޔާންކުރައްވައިފައެވެ. އަދި ދުނިޔޭގައި ވެސް އެފަދަ މީހަކަށް ވަނީ ގެއްލުމާއި ހަލާކުކަން ވަނީ ބަޔާންކުރައްވައިފައެވެ. އަދި އިންސާނެއްގެ ފުރާނަ ދުއްވައިލާ މީހަކީ މުޅި އިންސާނިއްޔަތު ނެތިކޮށްލާ މީހެއްކަމާއި، މީހެއްގެ ފުރާނަ ސަލާމަތްކޮށްފި މީހަކީ މުޅި އިންސާނިއްޔަތު ސަލާމަތްކޮށްފި މީހެއްކަން ވެސް ވަނީ ބަޔާންކޮށްދެއްވައިފައެވެ. ޝިރުކާ ޖެހިގެން ދެން އެންމެ ބޮޑު ފާފައަކީ މީހެއްގެ ފުރާނަ ދުއްވައިލުންކަން ވަނީ ބަޔާންކުރައްވައިފައެވެ.

އެހެންކަމުން، އިސްލާމީ ޝަރީޢަތަކީ ލޯފަން ޝަރީޢަތެއް ނޫނެވެ. އޭގައި، އަނިޔާވެރިވި މީހާއަށްވުރެ އެއްވެސް ޙައްޤަކާ ނުލައި އަނިޔާ ލިބުނު މީހާގެ މަޞްލަޙަތަށް ބަލާނެއެވެ. އޭނާގެ ޙައްޤު ހޯދައިދޭނެއެވެ. ހައްދުފަހަނަޅައި ގޮސް މުޖުތަމަޢުގެ ހަމަޖެހުމާއި، އަމަންކަން ނަގައިލައި، މުޖުތަމަޢު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައިލި އަނިޔާވެރިޔާއަށް އެކަށީގެންވާ އަދަބު ދޭނެއެވެ. މަރުވި މަޤްތޫލުގެ ޢާއިލާގެ މީހުންގެ ހިތުގައިވާ ބަދަލުހިފުމުގެ ރުޅިވެރިކަމާއި ޖަޒުބާތަށް ފިނިކަމެއް ހޯދައިދޭނެއެވެ. މުޖުތަމަޢުގައި އޮތް އަމަންއަމާންކަމުގެ ނިޒާމު ގެއްލިގެންދިޔަކަ ނުދޭނެއެވެ. ވުމާއެކު، އިންސާނީ ޙައްޤުތަކޭ މި ކިޔައިއުޅޭ ހުޅަނގުން ދަޢުވާކުރާގޮތަށް، މުޅި މުޖުތަމަޢުގެ ޙައްޤާއި އަމަންއަމާންކަމަށް ކަނު ލޮލެއް ދީފައި، އަނިޔާވެރިޔާއަށް ދޮގު ޙައްޤުތަކެއްދީ އިސްލާމީ ޝަރީޢަތުން އޭނާ ސަލާމަތެއް ނުކުރާނެއެވެ. އަނިޔާވެރިޔާއަކީ އެންމެ މީހެކެވެ. މުޖުތަމަޢަކީ މުޅި އުންމަތެވެ.

އިސްލާމްދީނުގައި ޢާއިލީ މީހުންގެ އަތުގައި ޤާތިލަށް މާފުދިނުމުގެ އިޚްތިޔާރު ބޭއްވެވީ ވެސް މި ޙިކުމަތާ ހުރެކަމަށް ގަބޫލުކުރެވެއެވެ. އެހެނީ، އެބައިމީހުން އަމިއްލަ ރުހުމުގައި އަމިއްލަ އިޚްތިޔާރުގައި ޤާތިލަށް މާފުދިނުމުން ދެން މުޖުތަމަޢުގައި ބަދަލުހިފުމާއި ރުޅިވެރިކަމުގެ ރޫޙެއް ނޯންނާނެއެވެ. ނަމަވެސް އެހެން އެކަން ނުވާހައި ހިނދަކު މަޤްތޫލުންގެ ޢާއިލާއަށް ހަމަޖެހުމެއް ލިބުމެއް ނުވާނެއެވެ. ބައެއް މުޖުތަމަޢުތަކުގައި އެފަދަ ގޮތަކަށް އެއްބަޔަކު އަނެއްބަޔަކު ޤަތުލުކޮށް، ބަދަލުހިފުމުގެ ރޫޙެއް އުފެދި، އެތައް ބަޔަކާއި ޢާއިލާތަކެއް އެކަމުގައި ނިމިދާތަން ފެނިފައި ވެއެވެ. އިސްލާމްދީން އައުމުގެ ކުރީގައި ޖާހިލިއްޔަ ޒަމާނުގައި ވެސް އެންމެ މީހަކު މަރައިލުމުގެ ސަބަބުން ޤަބީލާތަކުގެ މެދުގައި އެތަކެއް އަހަރުވަންދެން ޤަތުލުޢާންމު ހިނގައި، އެތައް ހާސް މީހުންގެ ފުރާނަ ނެތިގެން ގޮސްފައިވާކަން ތާރީޚުން ފެންނަން އެބަ އޮތެވެ.

އަދި ހަމަ އެހެންމެ، އިސްލާމްދީނުގައި ފުރާނަ ޙިމާޔަތްކުރުމަށް އަހަންމިއްޔަތުކަން ދެއްވައިފައިވާ މިންވަރު ހާމަވާ އެއް ކަމަކީ، ޟަރޫރީ ޙާލަތްތަކުގައި ޙަރާމް އެއްޗެއް ކައިގެން ވެސް ފުރާނަ ސަލާމަތްކުރުމުގެ ހުއްދަ އިސްލާމީ ޝަރީޢަތުން ދީފައިވާކަމެވެ. މި ކަމަށް ދަލާލަތުކޮށްދޭ އެތަކެއް އާޔަތެއް ކީރިތި ޤުރުއާނުގައި ވާރިދުވެފައިވެއެވެ. އެގޮތުން އަންޢާމު ސޫރަތުގެ 119 އާޔަތާއި، ބަޤަރާ ސޫރަތުގެ 173 ވަނަ އާޔަތާއި، މާއިދާ ސޫރަތުގެ 3 ވަނަ އާޔަތަށް ނަޒަރު ހިންގައިލުމުން ސާފުވެއެވެ. މި ހުރިހާ އާޔަތެއްގައި ވެސް ބަޔާންކުރެވިފައިވަނީ ފުރާނަ ސަލާމަތްކުރެވޭނެ އެހެން ގޮތެއް ނެތް، މާތް الله ޙަރާމްކުރައްވައިފައިވާ އެއްޗެހި ވެސް އޭނާއަށް ކެއުން ހުއްދަ ކުރައްވައިފައިވާ ވާހަކައެވެ. އެގޮތުން، މުޅަތަކެއްޗާއި އޫރުމަހާއި ލެޔާއި ރާ ވެސް އެ ޙާލަތުގައި ފުރާނަ ސަލާމަތްކުރެވޭ މިންވަރަށް ބޭނުންކުރަން ހުއްދަކުރައްވައިފައިވެއެވެ.

އިސްލާމީ ޝަރީޢަތް ބިނާވެގެންވަނީ އެންމެ އަދުލުވެރި، ހުރިހާ ޒަމާނަކަށް އެކަށީގެންވާ ޝަރީޢަތެއްގެ ގޮތުގައެވެ. އެހެނީ، ކޮންމެ ޒަމާނެއްގައި ވެސް އިންސާނުން ވާނީ އިންސާނުންނަށެވެ. އިންސާނީ ނަފްސުގެ ކަރާމާތަކީ އާދަމު ޢަލަހިއްސަލާމުން ފެށިގެން އެންމެ ފަހުން އަންނާނެ މީހާއަށް ވެސް ކަށަވަރުކޮށްދީފައިވާ ކަރާމާތެކެވެ.

3- ނަސްލު ޙިމާޔަތްކުރުން: އިންސާނީ ނަސްލު އޮޅުންބޮޅުންވިޔަނުދީ ޙިމާޔަތްކުރުމަށް ވެސް ވަނީ އިސްލާމީ ޝަރީޢަތުން ޙުކުމްތަކެއް ކަނޑައަޅުއްވައިފައިވެއެވެ. އެގޮތުން، ޒިނޭ ވަނީ ޙަރާމްކުރައްވައިފައެވެ. އަދި އެ ކަމުގެ ނުބައިކަން ވަނީ ބަޔާންކޮށްދެއްވައިފައެވެ. ހުއްދަގޮތުގައި ޖިންސީ އުފާ ލިބިގަތުމުގެ ދޮރު ވަނީ ހުޅުއްވައިދެއްވައިފައެވެ. އެއީ ޝަރުޢީ ކައިވެނީގެ ޒަރީއާއިންނެވެ.

ނަސްލުގެ ޙިމާޔަތުގައި ހަމައެކަނި ޒިނޭ ޙަރާމްކުރެވުނީ އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޒިނޭއަށް ވާސިލުވާނޭ ހުރިހާ މަގެއް ވެސް ބަންދުކުރެއްވިއެވެ. އެގޮތުން، ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުން ގައިގޯޅިވުން މަނާކުރެއްވިއެވެ. ޙަރާމްތަންތަނާއި ކަންކަމަށް ބެލުން މަނާކުރެއްވިއެވެ. އަޢުރަ ނިވާކުރުމަށް އަމުރުކުރެއްވިއެވެ. ބެލުންތައް ތިރިކުރުމަށް އަމުރުކުރެއްވިއެވެ.

މި ހުރިހާ ކަމެއް މިހެން ހުއްޓައި، މީހަކު ޒިނޭގެ ފާފައަށް އަރައިގެންފިއްޔާ، ޝަރުޢީ ކައިވެންޏެއް ނުކޮށް ހުރި މީހެއް ނަމަ، ހައްދުޖެހުން ކަނޑައެޅުއްވިއެވެ. ޝަރުޢީ ކައިވެންޏެއް ކޮށް އެކަމުގެ ލައްޒަތު ޙަލާލުގޮތުގައި ލިބިފައިހުރި މީހެއް ނަމަ، ރަޖަމްކުރުން ކަނޑައެޅުއްވިއެވެ.

މި ދެއްކީ ޒިނޭގެ ޙުކުމުގެ ވާހަކައެވެ. ނަމަވެސް، ޒިނޭ ސާބިތުކުރުމަކީ ބޮޑު ކަމެކެވެ. އެހެނީ، ޒިނޭ ސާބިތުކުރެވޭނީ ޒިނޭކުރި މީހާ ހަމަ ބުއްދީގައި ހުރެ އެކަމަށް އިޢުތިރާފުވުމުންނެވެ. ނުވަތަ ހަތަރު ހެކިންގެ ހެކިބަހުންނެވެ. ހަތަރު ހެކިންގެ ހެކިބަހަކުން އަދި ނުފުދެއެވެ. އެ ހަތަރު މީހުންނަކީ ޢަދުލުވެރި މީހުންކަމުގައި ވާންޖެހެއެވެ. އަދި ޢަދުލުވެރިންކަމުގައި ވުމަކުން ނުފުދެއެވެ. އެ ހަތަރު މީހުންނަށް އެއްފަހަރާ އެ މަންޒަރު ފެނުން ޝަރުޠުކުރެއެވެ. ޒިނޭކުރި ފިރިހެން މީހާއާއި ޒިނޭކުރި އަންހެނާ ސީދާ އެ ޢަމަލު ކުރަނިކޮށް ފެނުން ލާޒިމުކުރެއެވެ. އެހެން ނުވެ މީހެއްގެ މައްޗަށް ޒިނޭގެ ތުހުމަތުކޮށްފި ނަމަ، ޤަޒުފު ކުރިކަމުގެ ދަޢުވާ ކުރެވި، އެ މީހެއްގެ ގައިގައި ޙައްދު ޖެހެނޭއެވެ.

މިއިން ވެސް އަޅުގަނޑުމެންނަށް ދޭހަވެގެންދަނީ، އިސްލާމީ ޝަރީޢަތުގައި މީސްތަކުންނަށް އަދަބު ދިނުމަކީ އެއީ އިސްލާމީ ޝަރީޢަތުގެ މަގުޞަދެއް ނޫންކަމެވެ. މީހަކަށް ފާފައެއް ކުރެވިއްޖެ ނަމަ އިސްލާމީ ޝަރީޢަތް ބާރުއަޅުއްވަނީ އަވަހަށް ތައުބާވުމަށެވެ. ތައުބާވެ އެ ކުރެވުނު ކުށެއް ވަންހަނާ ކުރުމަށެވެ. ކުރެވޭ ފާފަތައް ހާމަކުރުން ވަނީ މަނާކުރައްވައިފައެވެ. އަދި ތިމާގެ އަޚާއަށް ކުރެވޭ ފާފަތައް ވެސް ވަންހަނާކޮށް، އޭނާއަށް ސިއްރިޔާތުގައި ނަސޭހަތްތެރިވުމަކީ ތިމާގެ މައްޗަށް ވާ ވާޖިބެއް ކަމުގައި ވެސް ވަނީ ލައްވައިފައެވެ.

ނަމަވެސް، މި ހުރިހާ މަރުޙަލާއެއް ހުރަސްކޮށް، މުޖުތަމަޢުގައި މީހަކު ފާޅުގައި ފާފަކުރަން ފަށައިފި ނަމަ، އޭނާއަށް އިސްލާމީ ޝަރީޢަތުގައި ވަނީ އަދަބުތަކެއް ކަނޑައަޅުއްވައިފައެވެ. އެއީ، ހަމައެކަނި އޭނާއަށް އަދަބު ދިނުމުގެ މަގުސަދުގައެއް ނޫނެވެ. އެއިން ފަރުދީ މަޞްލަޙަތަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދެވިފައިވެއެވެ. މުޖުތަމަޢުގައި ފާފަކުރުން ގިނަވެ، މުޖުތަމަޢު ފަސާދަވެދާނެތީއެވެ. އަދި އެއީ މުޖުތުމަޢަށް ދެވޭ ހަނދާންކޮށްދިނުމެއްގެ ގޮތުންނެވެ. މާތް الله ގެ ދީނަށް ރުޖޫޢަވުމަށް ގޮވައިލެވޭ ގޮވައިލުމެއްގެ ގޮތުންނެވެ. މުޖުތަމަޢުގައިވާ އަޚްލާޤިއްޔާތާއި ޣީރަތްތެރިކަމާއި އިޖުތިމާޢީ ފޭރާން ޙިމާޔަތްކުރުމުގެ ގޮތުންނެވެ. މުޖުތަމަޢަކީ ރައްކައުތެރި ތަނެއްގެ ގޮތުގައި ބޭއްވުމުގެ ބޭނުމުގައެވެ.

4- ބުއްދި ޙިމާޔަތްކުރުން: ބުއްދިއަކީ އިންސާނާއަށް މާތް الله ދެއްވައިފައިވާ އެންމެ ބޮޑު އެއް ނިޢުމަތެވެ. އިންސާނުންނާ އެހެނިހެން މަޚްލޫޤުތައް ތަފާތުވެފައިވަނީ ވެސް އިންސާނުންނަށް ދެއްވައިފައިވާ މަތިވެރި ބުއްދީގެ ސަބަބުންނެވެ. ބުއްދީގެ މަތިވެރިކަމަށް ނުވަތަ ބުއްދީގެ އަހުލުވެރީންނަށް ޤުރްއާނުގެ އެތަކެއް އާޔަތެއްގައި މާތް الله ވަނީ ޘަނާ ވަޙީކުރައްވައިފައެވެ.

އިމާމު ޣަޒާލީ ރަޙިމަހު الله ވިދާޅުވެފައިވެއެވެ. "ބުއްދި ޙިމާޔަތްކުރުމަކީ ޝަރީޢަތުގެ މަގުސަދުތަކުގެ ތެރެއިން މަގުސަދެކެވެ. އެހެނީ، ބުއްދިއަކީ ދަނެގަތުމުގެ އާލަތެވެ. ޝަރުޢީގޮތުން މުކައްލަފަކަށްވެ، ޝަރުޢީ ޚިޠާބުން އެ މީހަކާ މުޚާޠަބުކުރެވި، ދީނުގެ އަމާނާތް އޭނާއާ ހަވާލުކުރެވޭ ސަބަބަކީ ބުއްދިއެވެ."

ވުމާއެކު، އިސްލާމް ޝަރީޢަތުގައި ބުއްދި ވަނީ ޙިމާޔަތް ކުރައްވައިފައެވެ. ބުއްދިއަށް ގެއްލުންދޭ ބުއިންތައް ވަނީ މަނާކުރައްވައިފައެވެ. އެއީ ބާރުގަދަ މަސްތުވާ އެއްޗަކަށް ވިޔަސް އަދި ބާރުދެރަ އެއްޗަކަށް ވިޔަސް، އެއްހަމައެއްގައި ވަނީ ޙަރާމްކުރައްވައިފައެވެ.

ހުރިހާ ނުބައި ކަމެއްގެ މަންމައަކީ ރަލެވެ:އިންސާނީ މުޖުތަމަޢުތަކުގައި ދިމާވެފައިވާ އެންމެ ބޮޑެތި މުޞީބާތްތައް ދިމާވެފައިވަނީ ރަލުގެ ސަބަބުންނެވެ. ނުވަތަ މަސްތުވާތަކެތީގެ ސަބަބުންނެވެ. ކީރިތި ރަސޫލާ ޞައްލަ الله ޢަލަހި ވަސައްލަމް ރަލާ ބެހޭގޮތުން ޙަދީޘްކުރައްވައިފައިވަނީ، ރަލަކީ ހުރިހާ ނުބައި ކަންތައްތަކުގެ މަންމަގެ ގޮތުގައެވެ. ރަލުގެ މަސްތުގައި ކިތައް ޤަތުލުއާންމު ހިންގައިފައިވޭތޯއެވެ؟ ކިތައް ވައްކަން ހިންގައިފައިވޭތޯއެވެ؟ ގަދަކަމުން ބަދުއަޚްލާޤީ ކިތައް ޢަމަލު ހިންގައިފައިވޭތޯއެވެ؟ ކިތައް ފޭރުން ހިންގައިފައިވޭތޯއެވެ؟ އެ ކަމުގެ ސަބަބުން މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލި، ބިރުވެރި ހާލަތަކަށް ވެއްޓިގެން ނުދޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމާއަށް ތޫނު އެއްޗަކުން ހަމަލާ ދީފާނެކަމުގެ ބިރު ހީނުވޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމާގެ އަންހެން ދަރިފުޅާ ބެހި ގޯނާކޮށްފާނެކަމުގެ ބިރު ހީނުވޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމާގެ ގެއަށް ވަދެފާނެކަމުގައި ބިރު ހީނުވޭތޯއެވެ؟ މިއީ އަޅުގަނޑުމެންގެ އިސްލާމީ ކުޑަކުޑަ މުޖުތަމަޢުގެ ހާލަތު ވެއްޓިފައި އޮތް ހިސާބެވެ. ރަލާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އެތައް ބަޔަކު ވަނީ ހަލާކުގެ ތެރެއަށް ގެނބިގެން ގޮސްފައެވެ. އެބައިމީހުންގެ އުދަނގުލާއި ދުއްތުރާތައް މުޖުތަމަޢުގެ އެހެން އަފުރާދުން ވަނީ ތަޙައްމަލުކުރަން ޖެހިފައެވެ. ރަށުތެރޭގެ އަމާންކަން ވަނީ ގެއްލިފައެވެ.

ވަޟަޢީ ޤާނޫނުތައް ހެދިފައި އެބަ ހުއްޓެވެ. މަތިމައްޗަށް ޤާނޫނުތައް ހެދިފައި އެބަ ހުއްޓެވެ. އަދި އިތުރަށް ވެސް ދަނީ ޤާނޫނުތައް ހަދަމުންނެވެ. ބަދަލުގެނެވި އިޞްލާޙު ވެސް ކުރެވެމުން ދެއެވެ. ނަމަވެސް ނަތީޖާ ނެރޭވޭތޯއެވެ؟

އެމެރިކާއިން ބަނގުރާ މަނާކުރަން ކުރި ހިތި ތަޖުރިބާ:ވިހިވަނަ ޤަރުނުގައި އެމެރިކާއިން އެ ޤައުމުގެ ރައްޔިތުން ބަނގުރަލުގެ ވަބާއިން ސަލާމަތްކުރުމަށް ޤާނޫނީގޮތުން ބަނގުރަލަކީ މަނާ އެއްޗެއްކަމުގައި ކަނޑައަޅަން ނިންމިއެވެ. އެގޮތުން 1930 ވަނަ އަހަރު އެމެރިކާގައި ބަނގުރަލަކީ މަނާ އެއްޗެއްގެ ގޮތުގައި ޤާނޫނީގޮތުން ކަނޑައެޅިގެން ދިޔައެވެ. އެ ޤާނޫނުގެ ދަށުން ރާބުއިމަކީ މަނާކަމެއްގެ އިތުރުން، ރާ އުފެއްދުމާއި، ވިއްކުމާއި، ގަތުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ބަޔާންކުރެވުނެވެ. އެ ޤާނޫނު އެ ޤައުމުގައި ވުޖޫދަށް ގެނެވުނީ، ރަލުގެ ނުރައްކަލާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރެވޭނެ ހުރިހާ ވަސީލަތެއް ބޭނުންކޮށް ހޭލުންތެރިކަމުގެ އެކިއެކި ޕޮރްގްރާމްތައް ވެސް ހިންގުމަށް ފަހުގައެވެ. އެގޮތުން، ރަލުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ޞިއްޙީ ޑޮކިއުމަންޓްރީތަކާއި، މަޖައްލާތަކާއި، ޢިލްމީ ދިރާސާތަކާއި ލީފްލެޓްތައް މުޅި އެމެރިކާގައި ވަނީ ބަހައިފައެވެ. ރަލުގެ ނުރައްކާތެރިކަމުގެ މަޢުލޫމާތު އެންމެ ފުރިހަމަގޮތުގައި ޢާންމުންނަށް ފޯރުކޮށްދެވުނެވެ. މި ހުރިހާ ކަމަކަށް 65 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރެވިފައި ވެއެވެ.

ނަމަވެސް ނަތީޖާއަކީ ކޮބައިތޯއެވެ؟ 1930 އިން 1933 އަށް، އެ ޤާނޫނުގެ ދަށުން 200 ވަރަކަށް މީހުންނަށް މަރުގެ ޙުކުމް ތަންފީޒު ކުރެވި، ބައި މިލިޔަން މީހުން ޖަލަށް ލެވި، އެ ޤާނޫނާ ޚިލާފުވެގެން ކުރެވުނު ޖުރިމާނާގެ ހިސާބު އެތަކެއް މިލިޔަން އެމެރިކާ ޑޮލަރަށް އަރައިފައިވެއެވެ. ނަމަވެސް އެމެރިކާގެ ރައްޔިތުން ތިބީ އެ ޤާނޫނަށް ބޯލަނބާ ގޮތަކަށް ނޫނެވެ. ބަނގުރަލުގެ ހުރި ނުރައްކާ އެބައިމީހުންނަށް ރަނގަޅަށް އެނގޭ ހާލުގައެވެ. އެ ކަމަށް ކަނޑައެޅިފައިހުރި ހަރުކަށި އަދަބުތައް އެނގޭ ހާލުގައެވެ. މި ހުރިހާ ކަމަކަށް ބަލައިފައި، އެންމެ ފަހުން ޤާނޫނު ހަދާ މަޖިލީހަށް މަޖުބޫރުވީ އެ ޤާނޫނު އުވައިލާށެވެ. އެންމެ ދެތިން އަހަރުގެ ހިތި ތަޖުރިބާއަށްފަހު، އެ ޤާނޫނު އެމެރިކާގައި އުވައިލެވި، ބަނގުރަލުގެ މުޢާމަލާތު ހިތުހުރި ގޮތަކަށް ކުރުމަށް އަނެއްކާ ވެސް ހުއްދަ ދެވުނެވެ.

އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޤާނޫނުތަކުގައި ހުރި ތަފާތަކީ ވަޟަޢީ ޤާނޫނަކީ އިންސާނުންގެ އިޚްތިރާމް ލިބޭ އެއްޗެއް ނޫނެވެ. އޭގައި، ހައިބަވަންތަކަމެއް ނުހުރެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަށް މުސްލިމުން އިޙްތިރާމު ކުރެއެވެ. އޭގައި ހައިބަތު ހުރެއެވެ. އެހެނީ، އެއީ މާތް الله ގެ ޙަޟްރަތުން ބާއްވައިލެއްވުނު ޝަރީޢަތަކަށްވާތީއެވެ. އެ ފަރާތަކީ ސިއްރާއި ފާޅު މޮޅަށް ދެނެވޮޑިގަންނަވާ ފަރާތްކަމުގައި ވާތީއެވެ. އެއީ އިންސާނުންގެ ވެރި ރައްބުކަމުގައި ވާތީއެވެ.

ވަޙީގެ ޒަމާނުގައި ރާ ބުއިމަކީ ފެންބުއިން ފަދައިން މީހުން ކޮށްއުޅުނު ކަމެކެވެ. އިސްލާމްދީނުގެ ކުރީކޮޅުގައި ރަލާމެދު ޙުކުމްފުޅެއް ބާވައިލައްވައިފައެއް ނުވެއެވެ. ނަމަވެސް މަރުޙަލާތަކަކަށް ފަހު، ރާ ޙަރާމް ކުރެއްވުނީ ((فاجتنبوه)) މިކަލިމައިންނެވެ. (އެބަހީ؛ ތިޔަބައިމީހުން އެކަމުން ދުރުވާށެވެ.) އެއާއެކު އަނގައިގެ ތެރޭގައި ހުރި ރާފޮދު ވެސް ބޭރުކޮށްލީއެވެ. ރުނބާތަކުގައި ހުރި ރާތަށް ވެސް މަގަށް އޮއްސައިލީއެވެ. މުޅި މަދީނާގެ މަގުތަކުން ރަލުގެ ސޭލުތައް ދެމިގެން ދިޔައެވެ. އެއީ އިސްލާމީ ޝަރީޢަތުގެ ހައިބަތެވެ. އެއަށް ދެވިފައިވާ ޤަދަރެވެ. އޭގެ މަތިވެރިކަމެވެ. މި މަތިވެރިކަމާއި، އިޙްތިރާމާއި، ހައިބަތަކީ އެއްވެސް ވަޟަޢީ ޤާނޫނަކަށް ލިބޭނޭ ސިފަތަކެއް ނޫނެވެ.

ވުމާއެކު، އިސްލާމީ ޝަރީޢަތުން ނަތީޖާ ނެރެދައްކާނެއެވެ. އިސްލާމީ ޝަރީޢަތުގައި، ރަލުގެ ވަބާއަށް ޙައްލު ގެންނަނީ، އެތިއެތިކޮޅުން ދީގެނެއް ނޫނެވެ. އަދި ހަމަ އެހެންމެ، ބާރު ދެރަ އެއްޗެހި ދީގެނެއް ވެސް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި ރަލުގެ ވަބާގެ މައްސަލަ ޙައްލުކުރަނީ ޢަޤީދާ ވަރުގަދަކޮށްގެންނެވެ. އިންސާނާގެ ވެރި ރައްބާ ގުޅުން ބަދަހިކޮށްގެންނެވެ. އެ އިލާހީ އިންސާނުން އިމްތިޙާނުކުރައްވާ އިލާހެވެ. އެ އިލާހީ އިންސާނުންނަށް ތައުފީޤު ދެއްވާ އިލާހެވެ. އެކަނލާގެއީ އިންސާނުންނަށް ކެތްތެރިކަމުގެ ތައުފީޤު ދެއްވާ އިލާހެވެ. ރަލުގެ ވަބާގައި ޖެހިފައިވާ މީހުން އެ ވަބާއިން ނެރުމަށް އިލާހީ "ޕޮރްގްރާމް" ވަނީ ކުރި ހޯދައިފައެވެ. ޞަޙާބީ ބޭކަލުންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށް ވެސް މި ޙަޤީޤަތް ދަނީ އަޅުގަނޑުމެންނަށް ފެންނަމުންނެވެ.

5- މުދާ ޙިމާޔަތްކުރުން: އިސްލާމީ ޝަރީޢަތުގައި މުދަލަކީ ޙުރުމަތްތެރިވެގެންވާ އެއްޗެކެވެ. އެއްވެސް މީހެއްގެ މުދާ ހުއްދަނެތި އަނެކާ ބޭނުންކުރުން ވަނީ މަނާކުރައްވައިފައެވެ. މުދަލަށް ގެއްލުންދިނުމަކީ ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަމެކެވެ. މީހުންގެ މުދާ ބާޠިލުގޮތުގައި ކެއުން ވަނީ ޙަރާމްކުރައްވައިފައެވެ. ހަމައެފަދައިން، ވައްކަންކުރުމާއި، ފޭރުމާއި، ރިބާކެއުމާއި ޖުވާކުޅުން ވަނީ ޙަރާމްކުރައްވައިފައެވެ.

ރިބާއަށް ނަޒަރެއް: ރިބާއަށް ބަލައިލަމާތޯއެވެ! ރިބާ ވަނީ މާތް الله ޙަރާމްކުރައްވައިފައެވެ. އޭގެ ބަދަލުގައި ވިޔަފާރި ވަނީ ހުއްދަކުރައްވައިފައެވެ. އިންސާނީ މަޞްލަޙަތު ނިޔާކުރާ ގޮތަކީ ވެސް، ރިބާއިން ދުރުވުމެވެ. ސަބަބަކީ، ރިބާގެ މުޢާމަލާތްކުރެވޭ މުޖުމަތަމަޢެއްގެ މުއްސަނދިންނާއި ފަޤީރުންގެ ފަރަޤު ބޮޑުވެގެން ދިއުމެވެ. މުޖުތަމަޢުގެ މަދު މީސްކޮޅެއްގެ އަތްމައްޗަށް އިޤްތިޞާދު ޖަމާވެ، ހުއްޓުމެވެ. އިޤްތިޞާދުގެ ހަރަކާތް ކެނޑި ގަނޑުވުމެވެ.

އިސްލާމީ ޝަރީޢަތުގައިވާ އިޤްތިޞާދީ ނިޒާމަކީ އިންސާނިއްޔަތަށް އެންމެ ބޭނުންހިފޭ އަދި އެންމެ މަޞްލަޙަތު ހުރި ނިޒާމުކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވާކަމީ ޙަޤީޤަތެކެވެ. އެހެނީ، އިސްލާމީ ޝަރީޢަތަކީ އިންސާނާގެ ވެރިރައްބު އިންސާނާއަށް ދެއްވައިފައިވާ ޝަރީޢަތެކެވެ.

އިސްވެ ދެންނެވި ފަދައިން، އިސްލާމީ ޝަރީޢަތުގައި އެހެން މީހެއްގެ މުދާ ނުޙައްޤުން ބޭނުންކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. އަދި އެފަދަ ޖަރީމާތަކަށް ވަނީ ހައްދުތަކަކާއި ޙުކުމްފުޅުތަކެއް ކަނޑައަޅުއްވައިފައެވެ.

އަތްކެނޑުމަށް ޙުކުމް ކުރެވެނީ ޝަރުޠުތަކެއް ފުރިހަމަވާނަމައެވެ:އަތް ކެނޑުމަކީ ބޮޑު ކަމަކަށް ވާއިރު، އަތް ކެނޑުމުގެ ޙުކުމާ ހަމަޔަށް ދެވެނީ ކިހިނެއްކަން ވެސް ބަލައިލަން ޖެހޭނެއެވެ. އަތް ކެނޑޭނީ، ވަގަށް ނެގި މުދަލުގައި ވަކި ނިސާބެއް ހަމަވާ ނަމައެވެ. އަދި ރައްކައުތެރި ތަނެއްގައި ބަހައްޓައިފައި ހުރިނަމައެވެ. ވެރި މީހާގެ އިހްމާލު އޮވެގެން ނުވާނެއެވެ. މީހަކު ވައްކަންކުރީ ބަނޑުހައިހޫނުކަން މުއްތިކުރާނެ އެހެން އެއްވެސް ގޮތެއް ނެތިގެންކަމަށްވާނަމަ، އޭނާގެ މައްޗަށް އަތް ކެނޑުމުގެ ޙުކުމެއް ނުކުރާނެއެވެ. އޭނާ ވައްކަންކުރީ ކީއްވެތޯ ރަނގަޅަށް ބަލައި ތަޙުޤީޤު ކުރެވޭނެއެވެ. އޭނާ ވައްކަންކުރީ އެހެން ގޮތެއް ނެތިގެންކަމަށް ސާބިތުވެއްޖެ ނަމަ، މުޖުތަމަޢުގެ އަފްރާދުން އޭނާއަށް މާލީގޮތުން އެހީތެރިވުމަށް ގޮވައިލެވެނޭއެވެ. ދައުލަތުގެ ބައިތުލްމާލުން އެފަދަ މީހުންނަށް ކޮންމެވެސް މަސައްކަތެއް ފަށައިގަތުމަށް މާލީ އެހީ ދެވޭނެއެވެ. އެއީ އޭނާއަށް ވަޒީފާއެއް ހޯދައިދިނުން ކަމުގައި ވިޔަސް، ރަނގަޅު ތަޢުލީމެއް އުނގަންނައިދިނުން ކަމުގައި ވިޔަސް، ނުވަތަ މާލީގޮތުން އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުން ކަމުގައިވެސް ވެދާނެއެވެ. ބޭނުމަކީ، ވައްކަންކުރުމުގެ ނުބައި އާދަ މުޖުތަމަޢުން ލުހެލުމެވެ. ވައްކަމާ ދިމާއަށް ދާން މަޖުބޫރުކުރިވި ހާލަތު ނައްތައިލުމެވެ.

މިފަދަ ފުރިހަމަ ނިޒާމެއް ވަޟަޢީ ޤާނޫނުން ގެނެސްދީފައިވޭތޯއެވެ. އިސްލާމީ ޝަރީޢަތަކީ ކިހައި ފުރިހަމަ ޝަރީޢަތެއްތޯއެވެ. އިސްލާމީ ޝަރީޢަތަކީ އަދަބު ދިނުމަށް އިސްކަންދޭ ޝަރީޢަތެއް ނޫނެވެ. އިސްލާމީ ޝަރީޢަތުން އިސްކަންދެނީ މުޖުތަމަޢުގެ މަޞްލަޙަތަށެވެ. ކުށްކުރުން މުލުން ލުހެލުމަށެވެ. ހުރިހާ މަރުޙަލާއެއް ފަހަނަޅައި ގޮސް، އަދަބުދޭން ޖެހިއްޖެ ނަމަ، އިސްލާމީ ޝަރީޢަތުން އަދަބު ދޭނެއެވެ. މުޖުތަމަޢަށް ޢިބުރަތަކަށެވެ. މުޖުތަމަޢުގެ މަޞްލަޙަތަށެވެ. އެހެންކަމުން، ވަޟަޢީ ޤާނޫނުތަކުގައިވާ ގޮތާ ޚިލާފަށް އިސްލާމީ ޝަރީޢަތުގައި ބައެއް ހައްދުތައް ޤާއިމުކުރެވެނީ މުޖުތަމަޢުގެ ކުރިމަތީގައެވެ. އިޢުލާނު ކުރެވިގެންނެވެ.

އިންސާނީ ޙައްޤުތަކަށް ނުހައްޤުން އަރައިގަނެވެނީ ވަޟަޢީ ޤާނޫނުތަކުގައެވެ:ހުޅަނގުގެ އަދި އެހެނިހެން ވަޟަޢީ ޤާނޫނުތަކުގައި ވަނީ މަޒްލޫމަށް (އަނިޔާ ލިބުނު ފަރާތަށް) ވުރެ ބޮޑަށް ޒާލިމަށް (އަނިޔާވެރިޔާއަށް) ޙައްޤުތަކެއް ދެވިފައެވެ. މިކަމުގެ ސަބަބުން ނުބައި ނުލަފާ މުޖުރިމުންނަށް ނިކަމެތި ރައްޔިތުންގެ މުދަލާއި ލެއަކީ މާ ބޮޑު އެއްޗަކަށް ނުވެއެވެ. އެބައިމީހުންނަށް ލިބިގެންދާ މެސެޖަކީ ތިމަންނަ ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް މާދަމާ ސަލާމަތްވާނެ ކަމުގެ މެސެޖެވެ. އެކަމުގެ އިޙްސާސެވެ.

އަތް ކެނޑުމަކީ އިންސާނީ ޙައްޤަކަށް އަރައިގަތުންކަމަށް ފާހަގަކުރާ މީހުން ވެސް އުޅެއެވެ. އެހެންކަމުން، ވަޟަޢީ ޤާނޫނަކީ އެންމެ އެކަށީގެންވާ ޤާނޫނުކަމަށް މިބައިމީހުން ބުނެ އުޅެތެވެ.

ވަޟަޢީ ޤާނޫނުތަކަށް ބަލާއިރު، މީހެއްގެ މައްޗަށް ކިތަންމެ ބޮޑު ވައްކަމެއްގެ ކުށް ސާބިތުވިކަމުގައި ވިޔަސް، ކޮންމެވެސް މުއްދަތަކަށް އަރުވައިލާނީއެވެ. އަހަރުތަކަކަށެވެ. އާޚިރުގައި، އެ ނަގައިލެވެނީ އޭނާގެ މިނިވަންކަމުގެ ޙައްޤެވެ. އަނބިދަރީންނާ އެކު ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަނެވުނީއެވެ. އޭނާގެ އަނބިދަރީންގެ ޙައްޤު ނިގުޅައިގަނެވުނީއެވެ. އެހެނީ، ފިރިމީހާއާ އެކު ވުމުގެ ޙައްޤު އަނބިމީހާގެ ކިބައިން ނިގުޅައިގަނެވުނީއެވެ. ބައްޕައާ އެކު ވުމުގެ ޙައްޤު ދަރީންގެ ކިބައިން ނިގުޅައިގަނެވުނީއެވެ. ދިރިހުރުމަށް މަސައްކަތެއް ކުރުމުގެ ޙައްޤު ނިގުޅައިގަނެވުނީއެވެ. އަނބިދަރީންނަށް ޚަރަދުކުރުމުގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުނީއެވެ. އަޅައިލާނެ އެހެން ފަރާތެއް ނެތް ނަމަ، އޭނާގެ އަނބިދަރީން ބިކަވީއެވެ. ދަރީންތައް ބައްޕަގެ ލޯބިން މަޙްރޫމްވީއެވެ. ދަރީންތައް މަގުމަތިވީއެވެ. އަނބިމީހާ، ފިރިމީހާގެ ލޯބިން މަޙްރޫމް ކޮށްލެވުނީއެވެ. ފަހަރެއްގައި އޭނާގެ އަނބިމީހާ އޭނާގާތުން ވަރިވެދާނެއެވެ. ނުވަތަ އޭނާގެ ޢިއްފަތް ވެއްޔާ މޮޑެލާނެއެވެ. ހަމަ އެހެންމެ، ޖަލުތަކުގައި އޭނާއާ ދިމާވާ އެހެނިހެން މުޖުރިމުންގެ ސަބަބުން އޭނާގެ ނުބައި ނުލަފާކަން އިންތިހާއަށް ހިނގައިދާނެއެވެ. އެބައިމީހުންގެ ކައިރިން އިތުރު ނުބައި ކަންތައްތައް އޭނާ ދަސްކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ޖަލަކީ އިޞްލާޙުވުމަށް ދެވޭ މާޙައުލަކަށް ވުރެ ގޯސްވުމަށް ދެވޭ މާޙައުލަކަށް ވުން އޮންނާނީ ކައިރީގައެވެ. މިހިރީ ހައްތާވެސް އޭނާގެ ކިބައިން ނިގުޅައިގަނެވޭ ޙައްޤުތަކެވެ. ޖިސްމާނީ އަދި މައުނަވީގޮތުން އޭނާއަށް ދެވޭ އަނިޔާތަކެވެ.

ނަމަވެސް، އިސްލާމީ ޝަރީޢަތުގައި މިފަދަ އެއްވެސް ގެއްލުމެއް ނުހިމެނެއެވެ. ވައްކަން ކުރުމުގެ ނުބައިކަން ވަނީ އިސްލާމްދީނުގައި ބަޔާންކުރައްވައިފައެވެ. އަނެކުންގެ މުދަލާއި، ލެޔާއި، އަބުރަކީ އެންމެ މަތީ ދަރަޖައިގެ ޙުރުމަތް ލިބިގެންވާ އެއްޗެހިކަމުގައި ވަނީ ބަޔާންކުރައްވައިފައެވެ. ނަމަވެސް މި ހުރިހާ ތަޢުލީމެއް ބޮލާލައި ޖެހުމާއެކު، މުޖުތަމަޢުގައި އަމާންކަމާއި ރައްކައުތެރިކަން ނަގައިލުމުގެ ޖަރީމާއަކީ ކުޑަ ޖަރީމާއެއް ނޫނެވެ.

އެހެންކަމުން، މިފަދަ ޖަރީމާތަކުގެ ރަތް ރޮނގު އޭނާ ހުރަސްކުރުމަކީ އޭނާއަށް ހިންގޭ ވަރަށް ބޮޑު ޖަރީމާއެކެވެ. އެކަމަށް އޭނާއަށް ޙައްޤު އަދަބު ދެވޭނެއެވެ. އަތްކެނޑުމުގެ ޝަރުޠު ފުރިހަމަވާ ވައްކަމެއް ނަމަ، ޝަރުޢީ ޙުކުމް އޭނާގެ މައްޗަށް ތަންފީޒުކުރެވޭނެއެވެ. އާޚިރުގައި އޭނާ އެނބުރި ދާނީ ގެއަށެވެ. އަނބި ދަރީންގެ ގާތަށެވެ. އެއީ އޭނާއަށް ލިބުނު ފިލާވަޅެކެވެ. އެފަދަ ނުބައިކަމަކަށް ނޭރުމަށް ޢަޒުމު ކަނޑައަޅަން އޭނާއަށް މަޖުބޫރުވާނެއެވެ. އަދި އެކަމާމެދު ވިސްނުންތަކެއް ވިސްނާނެއެވެ.

އަދި ހަމަ އެހެންމެ، އޭނާ ފަދަ އެހެން މީހުންނަށް ދެވުނު އިންޒާރެކެވެ. މުޖުތަމަޢުގެ އަފުރާދުންނަށް އެބައިމީހުންގެ މުދަލަށާއި ޙައްޤުތަކަށް އޮންނަ ރައްކައުތެރިކަމާއި ޙިމާޔަތް ކަށަވަރުވެގެންދާނެއެވެ. އަދި ވައްކަންކުރުން ފަދަ ނުބައި ޖަރީމާތަކަކީ އެ މުޖުތަމަޢެއްގައި ބީރަށްޓެހި ކަންތައްތަކަކަށް ވެގެން ހިނގައިދާނެއެވެ. ހަމަ އެހެންމެ، މަހާތުމާ ގާންދީ ވިދާޅުވާ، ލޮލަކަށް ލޮލެއް ދޭން ޖެހިއްޖެ ނަމަ، މުޅި ދުނިޔެ އަނދިރިވެދާނޭކަމުގެ ފަލްސަފާއަކީ ދޮގެއްކަން ސާބިތުވާނެއެވެ. އެހެނީ، ހުރިހާ އިންސާނުންނަކީ މުޖުރިމުންނެއް ނޫނެވެ. ހުރިހާ އިންސާނުންނަކީ އަނިޔާވެރިންނެއް ނޫނެވެ. ހުރިހާ އިންސާނުންނަކީ ވަގުންނެއް ވެސް ނޫނެވެ.

އިސްވެ ބަޔާންކުރެވުނީ އިސްލާމީ ޝަރީޢަތުގެ ފަސް މަގުސަދާ ބެހޭގޮތުން އަވަސް ނަޒަރަކުން ބަލައިލެވުނު ބަލައިލެވުމެކެވެ. ދުޢާއަކީ މާތް الله އަޅަމެންނަށް އެ އިލާހުގެ ޝަރީޢަތުގައި ވަރުގަދައަށް ހިފައިގެން ތިބުމުގެ ތައުފީޤުދެއްވުމެވެ. وآخر دعوانا أن الحمد لله رب العالمين!