އެމެރިކާގެ އާދަޔާޚިލާފު ތަކެތި އުފެއްދުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އެމްއެސްސީއެޗްއެފް" އިން އުފެއްދި މައިކްރޯސްކޯޕިކް ދަބަހަކީ ދުނިޔޭގައިވާ އެންމެ ކުޑަ ދަބަހެވެ. ލޮނު ފުކެއްވަރު ކުޑަ މިދަބަސް، ތިނޯހެއްގެ ފަގައިގެ ތެރެއަށް ވައްދާ ނެރެވޭނެ ކަމަށްވެ އެވެ. ހަމަ ލޮލަށް ނުފެންނަ މިދަބަސް 63،000 ޑޮލަރަށް ވިއްކާލެވުމުން، އަތްދަބަހެއް ގެންގުޅުމުގެ ބޭނުމާ ދޭތެރޭ މީހުންގެ މެދުގައި ސުވާލު އުފެދުނެވެ.

ގިނަމީހުން ދެކޭ ގޮތުގައި އަތް ދަބަހެއް ގެންގުޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، ކުއްލިއަކަށް ބޭނުންޖެހޭ ތަކެތި ފަސޭހައިން އަތުގައި ޖެހޭ ހިސާބެއްގައި އޮތުމެވެ. ފަހަކަށް އައިސް އަތްދަބަހަކީ ހެދުމުގެ ބައެއް ކަމުގައި ހީވާ ފަހަރު ވެސް އާދެ އެވެ. އެއީ ކުލައިގެ ގޮތުން ހެދުމާއި ދަބަސް ގުޅުވައި ފައިވުމާއި، އެއްޗެއް ނުލެވޭ ވަރުގެ ކުދި ދަބަހާއި، މުނާސަބަތާ ނުގުޅޭވަރުގެ ބޮޑެތި ދަބަސް ވެސް އަޅުވާފައި ހުންނަތަން ފެންނާތީ އެވެ.

މައިކްރޮސްކޯޕެއްގެ ތެރެއިން ބަލާލުމުން އެއީ ފްލޯރްސަންޓް ފެހި ކުލައިގައިވާ ދަބަހެއްކަން އެނގެ އެވެ. އެ ދަބަހުގައި ހަރުކޮށްފައިވާ ވާގަނޑާއި "ލުއިވިޓާން"ގެ ލޯގޯ ފެންނަން ހުރެ އެވެ. މިދަބަހަކީ ބާޒާރުކުރަން ގެންގުޅެވޭނެ ދަބަހެއް ނޫނެވެ. އެއަށް އެޅިދާނެ އެންމެ ބޮޑު އެއްޗެއް ކަމުގައި ބެލެވެނީ އިންސާނެއްގެ ހަށިގަނޑުގެ ދެތިން ސެލް އެވެ.

"އެމްއެސްސީއެޗްއެފް"ގެ ޗީފްކްރިއޭޓިވް އޮފިސަރު ބުނާގޮތުގައި ދަބަހަކީ ކުރީގައި ފަސޭހައަކަށް ބޭނުންކުރެވުނު އެއްޗެއް ކަމަށް ވިއަސް މިއަދު އޭތިވެފައި މިވަނީ ގަހަނާ އަކަށެވެ.

އެމްއެސްސީއެޗްއެފް އަކީ 2018ގައި އުފެއްދި ކުންފުންޏެކެވެ. އެކުންފުނީގެ އުފެއްދުންތަކަކީ އަބަދުވެސް މީހުންގެ ތެރޭގައި މަގްބޫލު، މީޑިއާގެ ސަމާލުކަން ދަމައިގަންނަ ފަދަ އާދަޔާޚިލާފު ތަފާތު އުފެއްދުންތަކެވެ. އެކުންފުނިން މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު އެއްޗަކީ ނުރައްކާތެރި ހަ ކޮމްޕިއުޓާ ވައިރަސް ހިމަނައިގެން އުފެއްދި "ދަ ޕާސިސްޓަންސް އޮފް ކޭއޮސް" ކިޔާ ލެޕްޓޮޕެކެވެ. އެލެޕްޓޮޕް ވަނީ ނީލަމުގައި 1.3 މިލައަން ޑޮލަރަށް ވިއްކާފަ އެވެ.