ފަނަރަ ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭއިން) އިން އަތުލައިގަނެ ދެމީހަކު ހައްޔަރުކޮށްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަސްޓަމްސްގެ ސުޕްރިޑެންޓެންޑް މުހައްމަދު އަފްޒަލް ވިދާޅުވީ މި ތަކެތި އަތުލައިގަނެފައިވަނީ ހޮނިހިރު ދުވަހު ރާއްޖެ އައި މެލޭޝިޔާ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ.

އޭނާ ވިދާޅުވީ 15.38 ކިލޯ ގްރާމްގެ ކެނަބިސްގެ މަގުމަތީ އަގު 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ.

އަފްޒަލް ވިދާޅުވީ މި ޕެސެންޖަރު ދަތުރުކުރާ މަގު ކަސްޓަމްސްއަށް އޮޅުވާލުމަށް ފޭކް ޓިކެޓެއް ހަދައިގެން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެމީހާ ރާއްޖެ އައިސްފައިވަނީ ބެންކޮކު މަގުން ދުބާއީއަށް ގޮސް، ދުބާއީ އިން މާލެއަށްކަމަށް އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ މެލޭޝިއާ ޕަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނުނު ފުރަތަމަ ފަހަރުކަމަށާއި އަދި މިއީ ބަރުދަނުގެ ގޮތުން ބަލާއިރު ކަސްޓަމްސްއިން މިހާތަނަށް އެންމެ ގިނަ މަސްތުވާތަކެތި އެއާޕޯޓުން އަތުލައިގަނެވުނު މައްސަލަ ކަމަށެވެ.

ފުލުހުން ބުނީ 27 ޖުލައިގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު މީހާއާ އެކަމާއި ގުޅުން ހުރި އިތުރު މެލޭޝިއާ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލައާ ގުޅޭ އިތުރު ބަޔަކު ހިމެނޭކަމަށް ގަބޫލުކުރެވޭކަމަށާއި މިހާތަނަށް ބެލި ބެލުމުގައި ހަތަރު ގައުމެއްގެ މީހުން މިކަމުގައި ބައިވެރިވާކަމަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހްގީގު ކުރަމުންދާއިރު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ފަސް ދުވަހެއްގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ.