ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގައި ކޮމެންޓޭޓް ކުރުމުގެ ތެރޭގައި އަންހެނުންނަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރި ކޮމެންޓޭޓަަރަކު ވަކިކޮށްފި އެވެ.

ވަކިކޮށްފައި ވަނީ އޮލިމްޕިކްސް ފެތުމުގެ މުބާރާތުގައި ކޮމެންޓޭޓު ކުރި އިނގިރޭސިވިލާތުގެ ފިރިހެނެއް ކަމަށްވާ ބޮބް ބަލާޑް އެވެ.

އޭނާ ވަނީ އޮސްޓްރޭލިޔާ އަންހެން ޓީމް ފްރީސްޓައިލް ރިލޭގެ ރަން މެޑަލް ހޯދަމަށްފަހު ފޭނުން ކަައިރީ މާ ގިނަ ވަގުތު ހޭދަކުރުމުން "އެއީ އަންހެނުންގެ ގޮތް ކަމާއި އެމީހުން މޭކަޕްކޮށް ނިންމަނީ" ކަމަށް ބުނެފަ އެވެ.

މި ކޮމެންޓާ ގުޅިގެން ބަލާޑް ވަކި ކުރުމުން އޭނާވަނީ އެކަމަށް މާފަށް އެދި އެކްސްގައި ސްޓޭޓްމެންޓެއް ނެރެފަ އެވެ.

"މިދިޔަ ހޮނިހިރު ދުވަހު އޮސްޓްރޭލިއާގެ ފްރީސްޓައިލް ރިލޭ ވިކްޓްރީ ހަފްލާގައި އަހަރެން ދެއްކި ވާހަކަތަކުން ކުށެއް ކުރެވިއްޖެ. އެއްވެސް މީހަކު ދެރަކޮށް، ނިކަމެތިކޮށްލުމަކީ އަޅުގަނޑުގެ ވިސްނުމެއް ނޫން. އެހެންވެއްޖެ ނަމަ އަހަރެން މައާފަށް އެދެން. އަހަންނަކީ އަންހެނުންގެ ކުޅިވަރުތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ މީހެއް،" 1980 ގެ އަހަރުތަކުން ފެށިގެން ދުނިޔޭގެ ކުޅިވަރުތައް ކަވަރުކުރަމުން އަންނަ އަދި ފެތުމާއި ޑައިވިންގެ ކަވަރޭޖަށް އެންމެ ބޮޑަށް މަޝްހޫރު ވެފައިވާ ބެލާޑް ބުންޏެވެ.