މިނިވަން ދުވަހުގެ ޕެރޭޑް ބާއްވާތީ ހުކުރު ދުވަހު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި، އެމްއެންޑީއެފް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދިމާވާނެ ދަތިތައް ހައްލުކުރުމަށް އެ ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

އެގޮތުން ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެކަން ސިޓީ ކައުންސިލުން ވަނީ އަންގައި އިއުލާންކޮށްފަ އެވެ.

މިނިވަން ދުވަހު އެމްއެންޑީއެފުން ބާއްވަން ތާވަލުކުރި ޝަރަފުގެ ހިނގާލުން ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުންނެވެ. ޝަރަފުގެ ހިނގާލުމަކީ ކޮންމެ އަހަރަކު ވެސް މިނިވަން ދުވަހާ ގުޅިގެން އެމްއެންޑީއެފުން ބާއްވަމުން އަންނަ ހަރަކާތެކެވެ.

މި އަހަރު ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ހާއްސަ ކުޅިވަރު ހަރަކާތްތައް ސަރުކާރުން ނުބާއްވާގޮތަށް ރައީސް ވަނީ ހަމަޖައްސަވާފަ އެވެ.