ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ރާއްޖޭގައި ވިއްކުން މަނާކުރުން 2026 އަށް ފަސްކޮށްފި އެވެ. މިއީ މިގޮތަށް މި ތާރީހު ބަދަލުކުރި ދެ ވަނަ ފަހަރު އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެރުއްވި ގަރާރުގައި ރައީސް މުއިއްޒު ވަނީ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހު މިއަހަރުގެ އޮގަސްޓު މަހުގެ 1 ވަނަ ދުވަހު (މިއަދު)ގެ ނިޔަލަށް ފަސްކޮށްފަ އެވެ.

ނަމަވެސް ރައީސް މުއިއްޒު ސޮއި ކުރައްވާ އިއްޔެ ނެރުއްވި ގަރާރުގައި ބުނެފައި ވަނީ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުން ވެސް އަންނަ އަހަރުގެ ޑިސެމްބަރު 1 އިން ފެށިގެން މަނާ ވާނެ ކަމަށެވެ. އަދި ބާޒާރަށް ނެރުން މަނާ ވާނީ މާޗު 1، 2026 އިން ފެށިގެން ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.

އެ ލިސްޓުގައި ހިމެނޭ ބާކީ 13 ބާވަތް މިހާރު ވަނީ މަނާކޮށްފަ އެވެ. އޭގެތެރޭގައި ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި ހިމެނެ އެވެ.

އަދި ހަމައެހެންމެ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީއާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު، 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރުގެ އިތުރުން50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން ވެސް ހިމެނެ އެވެ.