އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބުގައި ވޯޓުލުން މާދަމާ ކުރިއަށްދާނެ އެވެ.

އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު ފަހު 2:30 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ.

އެމްޑީޕީން އާންމުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާދަމާ ކުރިއަށްދާ ބައި އިލެކްޝަނުގައި 10،687 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ.

ބައި-އިލެކްޝަންއާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ އަކީ އަބަދުވެސް އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރަދުނާ ޕާޓީ ކަމަށެވެ. އަދި ވޯޓުލުމުގައި މެންބަރުން ބައިވެރުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.

އެމްޑީޕީ ދާއިރާތަކުންނާއި ރަށްތަކުން ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މަގާމުތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި 1 ޖުލައި 2024 އާއި ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުމާއި ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން ހިމެނެ އެވެ.

އެމްޑީޕީން ހުޅުވާލާފައި ވަނީ 103 ރަށު ނައިބު ރައީސް އާއި 13 ދާއިރާގެ ނައިބު ރައީސްއަށް ކުރިމަތިލުމުގެ ފުރުސަތެވެ.