ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ފިލައިގެން ދިޔަ ދެ މީހުން, އެ މީހުންގެ ދަރިން ތިބޭތީ ކަމަށް ބުނެ ބަންދުން ދޫކުރަން ކޯޓުގައި އެދެފި އެވެ.

ހުޅުމާލޭގެ ވިނަރެސް ފްލެޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ, މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ހުރި މީހެއްގެ ގައިގައި ޖެހި ބޮޑެތި އަނިޔާތަކެއް އޭނާއަށް ލިބުނެވެ.

އެ މައްސަލާގައި ހައްޔަރުކުރީ އެއީ އެވަގުތު ކާރުގައި ތިބި ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލެވެ. އެ މީހުން ވަނީ އެކްސިޑެންޓަށްފަހު އެ ސަރަހައްދުން ފިލައިގެން ގޮސްފަ އެވެ.

އޭގެ ތެރެއިން އިކްރާމުއްރަހްމާނާއި އިކްރާމް ބަންދުކުރަން ފުލުހުންއެދުމުން ކޯޓުގައި އެ ދެ މީހުން ބުނެފައިވަނީ އެ މީހުންގެ ދަރިން ތިބޭތީ ބަންދަށް ލުޔެއް ދިނުމަށެވެ. އަދި ކާރު ދުއްވި އިކްރާމް ބުނިގޮތުގައި އެކްސިޑެންޓަށްފަހު ސީނުން އޭނާ ދިޔައީ އޭނާގެ މެޔަށް ތަދުވާތީ އެވެ.

އިކްރާމުއްރަހްމާން ބުނީ އެތަނުން ދިޔައީ ފުލުހުންގެ ގާތުގައި ބުނުމަށްފަހު ކަަމަށެވެ. ނަމަވެސް ފުލުހުން އެކަމަށް އިންކާރު ކުރެ އެވެ.

އަނިޔާލިބުނު މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އަދި އެ މީހުން އެކްސިޑެންޓަށްފަހު ސީނުން ފިލައިގެން ގޮސްފައިވާތީ ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރުމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި ޖިނާހްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ހުޅުމާލޭ ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.