ގިނަ ދިވެހިން ދަތުރުކުރާ އަދި ދިރިއުޅޭ އިނގިރޭސިވިލާތުގައި މުސްލިމުންނާ ދެކޮޅު މުޒާހަރާތަކެއް ކުރަމުން ދާތީ ދިވެހިން ސަމާލުވާން ރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

އިނގިރޭސިވިލާތުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތުޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި ތިން ކުޑަ ކުދިން ނިޔާވުމާ ގުޅިގެން، މުސްލިމުންނާ ދެކޮޅަށް ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ހާލަތާ ގުޅިގެން، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހިންނާއި އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން، އަދި ވަކިން ހާއްސަކޮށް ސައުތުޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އިތުރު ސަމާލުކަންދިނުމަށް އިލްތިމާސްކުރާކަމަށެވެ.

"މި މިނިސްޓްރީގެ އެދުމަކީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މައުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުން" ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވާނަމަ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށް މިނިސްޓްރީން އެދިފައިވެ އެވެ.

އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅޭނެ މައުލޫމާތު:

ފޯން: (44)02072242135، އީމެއިލް: [email protected]