މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުމެއް އުފެދިދާނެ ކަމުގެ ބިރު ބޮޑުވެ، ބައެއް ގައުމުތަކަކުން އެގައުމުގެ ރައްޔިތުން ލުބްނާން ދޫކޮށް ދިއުމަށް އިލްތިމާސްކުރަން ފަށައިފި އެވެ.

ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާ މިދިޔަ ބުދަ ދުވަހު ތެހެރާނުގައި ޝަހީދުކޮށްލުމުގެ ތުހުމަތު އިޒްރޭލަށް ކުރަމުންދާއިރު، އީރާނުން ވަނީ އިޒްރޭލާ ދެކޮޅަށް ހަރުކަށި ބަދަލުހިފުމެއް ހިފާނެ ކަމަށް ބުނެފަ އެވެ.

ހަނިއްޔާ ޝަހީދުކޮށްލާފައި މިވަނީ އިޒްރޭލުން ހިޒްބުاللهގެ ސީނިއާ ކޮމާންޑަރު ފުއާދު ޝުކުރު ބެއިރޫތުގައި ޝަހީދުކޮށްލިތާ ގަޑިއިރުތަކެއް ފަހުންނެވެ.

މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާ، އިނގިރޭސިވިލާތް، ސްވިޑަން، ފަރަންސޭސިވިލާތް، ކެނެޑާ އަދި އުރުދުންއިން ވަނީ ބެއިރޫތުގައި ހުންނަ އެގައުމުގެ ހަމައެކަނި ކޮމާޝަލް އެއާޕޯޓުން ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލްކޮށް އަދި މެދުކަނޑާލާފައިވާތީ، ވީހާވެސް އަވަހަށް ލުބްނާނުން ފުރައިގެން ދިއުމަށް އެގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

އޮކްޓޫބަރު މަހު އިޒްރޭލުން ގައްޒާގައި ހަނގުރާމަ ފެށިތާ އެއް ދުވަސް ތެރޭގައި ހިޒްބުالله އިން އިޒްރޭލަށް ހަމަލާދޭން ފެށި ފަހުން ލުބްނާނުގައި ހަމަނުޖެހުންތައް އުފެދިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ. ހިޒްބުالله އިން ވަނީ ބެއިރޫތުގެ ދެކުނުގެ އަވަށްތަކުގައި އެ ޖަމާއަތުގެ ބާރުގަދަ ދަހިއްޔާގައި ޝުކުރު އަވަހާރަކޮށްލުމާއި ގުޅިގެން ރައްދު ދޭނެ ކަމަށް ބުނެފަ އެވެ. އެފަހަރު އިޒްރޭލުގެ ވައިގެ އަސްކަރިއްޔާއިން ހަމަލާދީފައިވަނީ ލުބުނާނުގެ ދެކުނުގެ އަމާޒުތަކެވެ.

ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ލުބުނާނުގައި މަޑުކުރަން ހިޔާރުކުރާ މީހުން ދިގު މުއްދަތަކަށް ރައްކާތެރި ތަނެއްގައި ހިޔާވަހިކަން ހޯދަން ތައްޔާރަށް ތިބެން ޖެހޭ ކަމަށެވެ.

އެމެރިކާ އިން ބުނީ އީރާނާއި އެ ގައުމުގެ ވާގިވެރިންގެ ހަމަލާތަކުން އިޒްރޭލުގެ ދިފާއުގައި އިތުރު ހަނގުރާމަމަތީ އުޅަނދުތަކާއި ފައިޓާ ޖެޓްތައް އެ ސަރަހައްދަށް ފޮނުވަމުން އަންނަ ކަމަށާއި މިއީ ސީރިއާގައި ހުންނަ އެގައުމުގެ ޑިޕްލޮމެޓިކް ކޮމްޕައުންޑަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް 300 އަށް ވުރެ ގިނަ މިސައިލާއި ޑްރޯން ފޮނުވާލުމާ އެއްގޮތް ސްޓްރެޓެޖީއެއް ކަމަށެވެ.

އިނގިރޭސިވިލާތުން މީހުން ހުސްކުރުމަށް އެހީތެރިވުމަށް އެގައުމުން އިތުރު ސިފައިންނާއި ކޮންސިއުލާ ސްޓާފުންނާއި ބޯޑާ ފޯސްގެ އޮފިޝަލުން ފޮނުވުމަށްވަނީ ހަމަޖައްސާފަ އެވެ. އިނގިރޭސިވިލާތުގެ ރައްޔިތުން ލުބްނާނުން ފޭބުމަށް އެ ގައުމުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ އަސްކަރީ ދެ އުޅަނދެއް މިހާރުވެސް އެ ސަރަހައްދުގައި އޮތްއިރު ރޯޔަލް އެއާފޯސް އިން ވަނީ ޓްރާންސްޕޯޓް ހެލިކޮޕްޓަރު ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ. އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވިދާޅުވީ ސަރަހައްދީ ހާލަތު ހަލުވިކަމާއެކު ގޯސްވެދާނެ ކަމަށެވެ.

އާދިއްތަ ދުވަހު ފްރާންސުން ވަނީ ލުބުނާނަށް ދަތުރުކުރާ އެގައުމުގެ ރައްޔިތުންނަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފަ އެވެ. އަދި މަޝްރަހު އިތުރަށް ހޫނުވުމުގެ ކުރިން ލުބުނާން ދޫކޮށް ދިޔުމަށް ވަނީ އެދިފަ އެވެ. ކެނެޑާއިން ވަނީ އެގައުމުގެ ރައްޔިތުން މިވަގުތު އިޒްރޭލަށް ދަތުރުނުކުރުމަށް އެދިފަ އެވެ.