އިޒްރޭލް ސިފައިން ފަލަސްތީނު ޝަހީދުންގެ ހަށިތައް ކަށްވަޅު ކޮނެގެން ނަގަމުންދާކަމަށް ފަލަސްތީނުގެ ބައެއް މީހުން ބުނެފި އެވެ.
ފަލަސްތީނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ހާން ޔޫނުސްގެ ރައްޔިތުން ބުނި ގޮތުގައި ފަލަސްތީނުގެ އެންކްލޭވްގައި ހުންނަ ބާނީ ސުހައިލާ ގަބުރުސްތާނުގައި އިޒްރޭލު ސިފައިން ވަނީ އެކި ފަހަރު މަތިން ކަށްވަޅުތައް ކޮނެފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި މަރުވުމާ ގުޅިގެން ބިލާލް އަލް ކަހްވާޖީ ވަނީ އޭނާގެ އާއިލާގެ ބައެއް މީހުން ވަޅުލާފަ އެވެ. އޭނާ ބުނިގޮތުގައި އެމީހުންގެ ހަށިގަނޑު ވެސް އޭނާއަށް މިހާރު ނުފެނެ އެވެ. އިޒްރޭލް ސިފައިން ތިން ހަތަރު ފަހަރު މަތިން ގަބުރުސްތާނު ކޮނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އިޒްރޭލުން ފަލަސްތީނުގެ 80 މީހެއްގެ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށް ގައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ މިއަދު ބުނެފަ އެވެ.
ސިވިލް ޑިފެންސްގެ ޑިރެކްޓަރު ޔާމެން އަބޫ ސުލައިމާން މިއަދު ވިދާޅުވީ 15 ކޮތަޅުގެ ތެރޭގައި 80 މީހެއްގެ ހަށިގަނޑު ލިބިފައިވާ ކަމަށާއި ކޮންމެ ކޮތަޅެއްގައި ހަތަރަކަށް ވުރެ ގިނަ ޝަހީދުން ތިބި ކަމަށެވެ.
އަބޫ ސުލައިމާން ވިދާޅުވީ އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން އެ މީހުންގެ ނަމާއި އެ މީހުން ފެނުނީ ކޮންތަނަކުން ކަމެއް ނުވަތަ ގެންދިޔައީ ކޮންތަނަކުން ކަމެއް އެމީހުނާ ގުޅޭ އެއްވެސް މައުލޫމާތެއް ދީފައި ނުވާ ކަމަށެވެ.
"އެމީހުންނަކީ (ގައްޒާގައި މަރާލާފައިވާ) ޝަހީދުންކަމެއް ނުވަތަ (އިޒްރޭލުގެ) ޖަލުތަކުގެ ގައިދީންކަމެއް ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
ގައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ހަޒްމަތް ސޫޓް އަޅައިގެން ތިބި ފިރިހެނުން ކޮންޓޭނަރަކުން ހުސްކުރަމުންދިޔަ ނޫކުލައިގެ ޕްލާސްޓިކް ކޮތަޅުތަކެއްގައި އޮޅާލާފައިވާ ހަށިތައް ޗެކްކުރަމުންދާ މަންޒަރު ފެނިފައިވެ އެވެ.
މިހާރު ގައްޒާގެ ދެކުނުގެ މައި ސިޓީ ކަމަށްވާ ހާން ޔޫނުސް ކައިރީ، ތުރުކީ ގަބުރުސްތާނުގައި އެ މީހުންގެ ހަށިގަނޑުތައް ވަޅުލާފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައިވެ އެވެ.