ސްރީލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދޮށީ ދަރިކަލުން ލަކްސްމަން ނަމަލް ރާޖަޕަކްސާ ރިޔާސީ ރޭހުގައި ވާދަކުރުމަށް ނަން ހުށަހަޅަން ނިންމައިފި އެވެ.
ސްރީލަންކާގެ ނޭޝަނަލް އޯގަނައިޒަރު ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީގެ ލީޑަރު އަދި މެމްބަރު ނަމާލް ރާޖަޕަކްސާ އަންނަ ބުދަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެނޑިޑޭޓަކަށް ހަމަޖެއްސުމަށް ވަނީ ނިންމާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މާދަމާ ހެނދުނު އެ ޕާޓީން ނަމަލްގެ ނަން ހުށަހަޅާނެ އެވެ. ކުރިން އެސްއެލްޕީޕީއިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ މެންބަރު އަދި ލަންކާގެ ބިލިއަނަރު ވިޔަފާރިވެރިޔާ ދަމްމިކާ ޕެރޭރާ ވަނީ އެންމެ ފަހުވަގުތު ވާދަނުކުރަން ނިންމާފަ އެވެ.
މި ނިންމުމާއެކު އުމުރުން 38 އަހަރުގެ ނަމަލް ރާޖަޕަކްސާ އަކީ މި އިންތިހާބުގައި ވާދަކުރައްވާ އެންމެ ޒުވާން ކެނޑިޑޭޓަށް ވާނެ އެވެ. މިހާރު ސަރުކާރުގެ ގާނޫނު ހަދާ މަޖިލިސް މެންބަރަކަށް ހުންނެވި ނަމަލް ވަނީ ކުރިން ލަންކާގެ ޔޫތު މިނިސްޓަރުކަން ކުރައްވާފަ އެވެ.
ލަންކާގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 21 ގަ އެވެ. މި އިންތިހާބުގައި ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހާ ވަނީ ވާދަކުރައްވާނެކަން އިއުލާން ކުރައްވާފަ އެވެ.
ރާޖަޕަކްސާ އާއިލާ އަކީ ލަންކާގެ ސިޔާސީ މަސްރަހު ބައްޓަންކުރުމުގައި އިސްދައުރެއް އަދާކުރާ އާއިލާ އެކެވެ. އެގޮތުން ނަމަލްގެ ބައްޕަ، ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވަނީ 2005 އިން 2015 އަށް ލަންކާގެ ރައީސްކަން ކުރައްވާފަ އެވެ. އަދި 2019 ވަނަ އަހަރު ލަންކާގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް މަހިންދާ ރާޖަޕަކްސާގެ ކޮއްކޮ ގޯޓާބޭ ރާޖަޕަކްސާ ވެރިކަމަށް ވަޑައިގަތުމާ އެކު ބޮޑުވަޒީރުގެ މަގާމަށް ހަމަޖައްސާފައި ވަނީ މަހިންދާ އެވެ.
ގޯޓާބޭގެ ވެރިކަމުގައި ލަންކާގެ އިގްތިސާދު ހީނަރުވެ ރައްޔިތުން މުޒާހަރާކޮށް ވަނީ ވެރިކަން ބަދަލުކޮށްފަ އެވެ. ލަންކާގެ އިގްތިސާދީ ހާލަތުގެ ޒިންމާ ރާޖަޕަކްސާ އާއިލާއިން ނަގަން ޖެހޭނެކަމަށް އޭރު ލަންކާ ރައްޔިތުން ދިޔައީ ބުނަމުންނެވެ. އެފަހަރު އެ އާއިލާއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ.