ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ނިންމައިފިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމާފައި ވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
ހަލީމް މިއަދު ވިދާޅުވީ އަންނަ އާދީއްތަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ޔައުގޫބުގެ މެމްބަރު ކަމުގެ ސައްހަ ކަމާ މެދު ސުވާލު އުފެދުނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލް މެމްބަރުކަމަށް އޭނާ އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް އައްޔަން ކުރުމުން ގާނޫނީ ވަކީލުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެއް ދުވަސްފަހުން ޔައުގޫބު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ޝަރުތުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ "ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަގާމުގައި ހުރެ އަންނަނި ވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ" ކަމަށެވެ.
އެ އަކުރުގައި މަޖިލިހުގެ މެންބަރުންނަށް އަދާކުރުން މަނާކޮށްފައިވާ ވަޒީފާތަކަކުގެ ތެރޭގައި ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް ނުވަތަ ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އިތުރު ވަޒީފާ ހިމެނެ އެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލްގެ މެމްބަރުކަމަކީ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަގާމެއް ނޫނެވެ. އެހެންކަމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ގިނަ ގާނޫނީ ވަކީލުން އަންނަނީ ވިދާޅުވަމުންނެވެ.