ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ވެރިޔަކަށް ހަމަޖެއްސި ނޯބަލް އިނާމު ހާސިލްކުރެއްވި އަދި އިގްތިސާދީ މާހިރު މުހައްމަދު ޔޫނުސް މިއަދު ހުވާކުރައްވައިފި އެވެ.

ވަޒީފާގެ ކޯޓާއާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާތައް ހޫނުވެ 200 މީހުން މަރުވިފަހުން ހަމަނުޖެހުންތަކާ ގުޅިގެން ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އިސްތިއުފާ ދެއްވައި ފިއްލަވައިގެން އިންޑިއާއަށް ވަނީ ވަޑައިގެންފަ އެވެ. އަދި އިންތިގާލީ ސަރުކާރުގެ އެންމެ އިސްވެރިއަކަށް ޔޫނުސް ހަމަޖެއްސުމަށް ދަރިވަރުންގެ މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

އާ ސަރުކާރުން އިންތިގާލީ ވަޒީރުންގެ މަޖިލީހުގެ އާ މެމްބަރުން ކަނޑައެޅުމަށް ހަމަޖެހިފައިވާއިރު، ވަރަށް އަވަހަށް އާންމު އިންތިހާބެއް ބާއްވާނެ ކަމަށް ބެލެވެ އެވެ.

ޔޫނުސް ފްރާންސްގެ ޕެރިހުން ޑާކާއަށް ވަޑައިގެންނެވުމަށްފަހު ވަނީ ދަރިވަރުންގެ ހިތްވަރުގަދަކަމަށް ތައުރީފު ކުރައްވާފަ އެވެ.