ގައްޒާ ސިޓީގެ ދަރާޖް ސަރަހައްދުގައި ހުންނަ އަލް-ތަބީން ސްކޫލަށް އިސްރާއީލުން ދިން މިސައިލް ހަމަލާތަކެއްގައި 100 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ހަމަލާދިނީ ހަމާސްގެ ކޮމާންޑް ސެންޓަރަކަށް ކަމަށެވެ.

ގައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅެމުންދާ ސުކޫލަށް ހަމަލާދީފައި ވަނީ ފަތިސް ނަމާދަށް ތިއްބާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ ޓެރަރިސްޓުންނާއި ކޮމާންޑަރުން ތިބޭ ތަނެއްގެ ގޮތުގައި ބޭނުންކުރާ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަށް އެ ގައުމުގެ ވައިގެ ސިފައިން ހަމަލާދީފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ އެމްބިއުލާންސް އެންޑް އިމަޖެންސީ ސާވިސް އިން ބުނީ ގައްޒާ ސިޓީގެ މެދުތެރޭގައި ހުންނަ ތަބީން ސްކޫލަށް ދިން ހަމަލާގައި 47 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ތެހެރާނާއި ބެއިރޫތުގައި އިސް ދެ ކޮމާންޑަރަކު ޝަހީދުކޮށްލުމާ ގުޅިގެން އީރާނާއި ހިޒްބުالله އިން ބަދަލު ހިފުމުގެ ހަމަލާތައް ދިނުމަށް އެ ސަރަހައްދުގައި ތައްޔާރުވަމުން ދަނިކޮށް، އިސްރާއީލުން މި ހަފުތާގައި ގައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ހުކުރު ދުވަހު ޓޭންކްތައް ވަނީ ހާން ޔޫނުސް ސިޓީއަށް ބަދަލުކޮށްފަ އެވެ.

އިސްރާއީލުން ގައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 39،699 މީހުން ޝަހީދުވެ 91،722 މީހުން ޒަހަމްވަފައިވެ އެވެ. މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއިލުން 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.