މަޝްހޫރު ޕްރޮޑަކްޝަން ކުންފުނި ޑިޒްނީގެ ކުރިއަށް އޮތް ލައިވް އެކްޝަން ރީމޭކް ފިލްމު "ސްނޯ ވައިޓް"ގެ އެންމެ ފުރަތަމަ ޓްރެއިލާ އާއްމުންނަށް ދޫކޮށްލައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި ޑީ23 އިވެންޓުގައި ސްނޯ ވައިޓްގެ ޓްރެއިލާ އާއްމު ކުރެވުނުއިރު ބެލުންތެރިންގެ ފަރާތުން އެ ޓްރެއިލާއަށް ލިބެމުން އަންނަނީ އެކި ކަހަލަ ރިވިއުސްތަކެވެ. އެގޮތުން ފިލްމުގެ ލީޑެއްގެ ގޮތުގައި ރޭޗަލް ޒެލްގާ ހަމަޖެއްސުމުން ގިނަ ބަޔަކު އަންނަނީ ޑިޒްނީއާ ނުރުހުން ފާޅު ކުރަމުންނެވެ. ސަބަބަކީ އެ ފިލްމާ ބެހޭ ގޮތުން އޭނާ ދެއްކި ވާހަކަތަކެކެވެ.

ޓްރެއިލާ ރިލީޒް ކުރުމުގެ ކުރިން ދިން އިންޓަވިއުއެއްގައި ޒެލްގާ ބުނެފައިވަނީ މިއީ 1937 ނޫން ކަމަށާއި ސްނޯ ވައިޓްގެ ވާހަކައަށް ބޮޑު ބަަދަލުތަކެއް ގެނެވިފައިވާ ވާނެ ކަމަށެވެ.

1937 ވަނަ އަހަރު ނެރުނު ޑިޒްނީގެ އެނިމޭޓަޑް ފިލްމު "ސްނޯ ވައިޓް"އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު އުފެއްދުމަކަށްވާއިރު އެ އުފެއްދުމަށް އެއްވެސް ކަހަލަ ބަދަލެއް ގެނައުމަކީ އާއްމުން ރުހޭ ކަމެއް ނޫނެވެ.

ރޭޗަލްގެ އިތުރުން ދެން ސްނޯ ވައިޓްގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ ގަލް ގެޑޮޓް އާއި ޕީޓާ ޑިންކްލޭޖް އެވެ. ފިލްމު ސިނަމާތަކަށް އަންނާނީ 2025 ވަނަ އަހަރު އެވެ.