މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ކުރީގެ ސަރުކާރުން އިއުލާންކުރި "ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދީފައިވާ ގޯތި ތަކުގައި ހުއްދަނެތި ވިޔަފާރި ކުރުން އިތުރުވެއްޖެ އެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ތަކުގައި ވިޔަފާރި ކުރުމަށް ކުދި ފިހާރަތަކާއި ކެފޭ ފަދަ ތަންތަން ހެދުމަކީ އިމާރާތްކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ހަދާފައިވާ ގަވައިދުތަކާއި އުސޫލުތަކާ ހިލާފު އަދި ކުރުން މަނާ ކަމެކެވެ.

ގޯތި ތަކުގައި ކުދި ކެފޭތަކާއި އެހެންނިހެން ވިޔަފާރި ކުރާ ތަންތަން ހަދައިގެން މީހުން ވިޔަފާރި ކުރަމުންދާއިރު، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ އެކަން ހުއްޓުވުމަށް ނުކުޅެދިފަ އެވެ. ދެފަހަރެއްގެ މަތިން އެކަން ނުކުރުމަށް އެޗްޑީސީން އިއުލާނަކުން އެންގި ނަމަވެސް ގަވާއިދާ ހިލާފަށް ގޯތިތަކުގައި ކުރަމުންދާ ކަންކަން ހުއްޓުވުމަށް އެ އިދާރާއިން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެ އެވެ.

ގަވާއިދުގައި ބުނާ ގޮތުން އެޗްޑީސީގެ ހުއްދަނެތި އެތަނުގައި އެއްވެސް ކަމެއް ނުކުރެވެ އެވެ. އިމާރާތް ކުރުމުގައި އިންފާރު ރޭނުމަށް ވެސް އެޗްޑީސީގެ ހުއްދަ ބޭނުންވާ ގޮތަށް ހަރުކަށި ގަވާއިދު ހަދާފައި ވީނަމަވެސް އެކަން ތަންފީޒު ކުރުމަށް އެޗްޑީސީ ވަނީ ނުކުޅެދިފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މާލޭ މީހުންނަށް ދޫކޮށްފައިވާ ސަރަހައްދެއްގައި އިންފާރު ރާނާފައި. ފޮޓޯ: އެޗްޑީސީ

މާލޭ ރައްޔިތުންނަށް ހިލޭ ދޫކޮށްފައިވާ މި ގޯތިތަކަކީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ތަންތަން ނަމަވެސް މިތަންތަނުގައި ވެސް ވިޔަފާރި ކުރަމުން ދިޔުމުން ހާމަވަނީ ގޯތިތައް ވެސް ދޫކޮށްފައި ވަނީ ބޭއިންސާފުންކަމެވެ.

ރާއްޖޭގައި އެންމެ ގޮންޖެހުން ބޮޑު ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރީގެ ސަރުކާރުތަކުން އެކި މަޝްރޫއުތައް ހިންގާ ފްލެޓާއި ގޯތި ދޫކޮށްފައިވާއިރު، ބޯހިޔާވަހިމަކަށް ބޭނުންޖެހިފައިވާ އޭގެ ހައްގުވެރިންނަށް ނުލިބޭކަމުގެ ޝަކުވާ ރައްޔިތުން އަބަދުވެސް ކުރެ އެވެ.

ރައީސް ޔާމީންގެ ދައުރުގައި އެޅި ހިޔާ ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ވެސް އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދިނުމާއި އެއްގޮތަކަށްވެސް މާލޭގައި ނޫޅޭ ރަށްރަށުގެ މީހުންނަށް ވެސް ފްލެޓް ލިބިފައިހުރިކަމުގެ ވާހަކަތަކަކީ ވަރަށް ގިނައިން ދެކެވޭ ވާހަކަތަކެކެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން މިހާތަނަށް 624 ގޯތި ވެރިފަރާތާ ހަވާލުކޮށްފައިވެ އެވެ. ނަމަވެސް ފެންނަމުންދަނީ ހިލޭ ދޫކުރި ބިންތަކުގައި އެކި ވިޔަފާރިކޮށް މަންފާހޯދަމުންދާ މަންޒަރެވެ.