ޖައްވުގައި ހުންނަ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންއަށް އަށް ދުވަހަށް ފޮނުވި ދެ އެސްޓްރޮނޯޓުން އޭގައި ތާށިވެއްޖެ އެވެ.

ސުނީތާ "ސުނީ" ވިލިއަމްސް އާއި ކޮމާންޑަރު ބެރީ "ބަޗް" ވިލްމޯ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް މިދިޔަ ޖޫން މަހު ދިއައީ ބޮއިންގްގެ އާ ސްޓާލައިނާ ޓެސްޓް ކުރި ފުރަތަމަ ކްރޫއެއްގެ ގޮތުގަ އެވެ.

ސްޓާލައިނާ ޑޮކްކުރުމުގެ ތެރޭގައި ހީލިއަމް ލީކްވެ ތްރަސްޓާތައް ފެއިލްވުމުގެ ސަބަބުން ދެމީހުންނަށް އަނބުރާ ދުނިޔެއަށް ރައްކާތެރިކަމާއިއެކު އާދެވޭނެކަމުގެ ސުވާލުވަނީ އުފެދިފަ އެވެ.

ބޮއިންގް އިން ބުނަމުން ދަނީ އެސްޓްރޮނޯޓުން ތާށިވެފައި ނުވާ ކަމަށާއި އެ މީހުން އަލުން ސްޓާލައިނާއަށް ގެނައުމުގައި "އިތުރު ނުރައްކަލެއް ނެތް" ކަމަށެވެ. ނަމަވެސް ނާސާއިން ބޭނުން ވަނީ އޭގެ ބަދަލުގައި ސްޕޭސް އެކްސްގެ ފްލައިޓެއްގައި އެ މީހުން އަނބުރާ ގެންނާށެވެ.

އެ މީހުން ޖައްވުގައި ތިބެން ދިޔައީ އެންމެ އަށް ދުވަހަށް ނަމަވެސް މިހާރު އެތަނުގައި ތިބިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ފެބްރުއަރީ މަހާ ހަމައަށް މަޑުކުރަން ޖެހިދާނެ ނާސާއިން ވަނީ ބުނެފަ އެވެ. އަދި ފެބްރުއަރީ މަސް އަންނަންދެން އެމީހުން ބޭނުންވާ ފެނާއި ކާބޯތަކެއްޗާއި އޮކްސިޖަން ބަރާބަރަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ނާސާއިން ދީފަ އެވެ.

އައިއެސްއެސްގެ ބޮޑުމިނަކީ 356 ފޫޓެވެ. ވިލިއަމްސް އާއި ވިލްމޯގެ އިތުރުން މި ވަގުތު އެހެން މިޝަންތަކުގައި އިތުރު 7 މީހުން އައިއެސްއެސްގައި އެބަ ތިއްބެވެ. އެއީ އެމެރިކާގެ 4 މީހުންނާއި ރަޝިޔާގެ 3 މީހުންނެވެ.