ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އެކުލަވާލައްވާ މިއަދު އިފްތިތާހު ކޮށްދެއްވި ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގައި ވެސް އިސްލާމިކް މިނިސްޓަރު މުހައްދަމު ޝަހީމް އަލީ ސައީދުގެ ދަރިކަލުން އަބްދުﷲ މާހިލް ޝަހީމް ހިމަނައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އިފްތިތާހު ކޮށްދެއްވާ މެންބަރުންނަށް ބެޖް ހަވާލުކޮށްދެއްވާފަ އެވެ. މި ކޮމިޓީއަށް ތަފާތު އެކި ދާއިރާތަކުން 15 މެންބަރުން އައްޔަންކުރެއްވި އެވެ.

މާހިލް އައްޔަންކުރެއްވީ ޒުވާނުންގެ މިނިސްޓްރީން އައްޔަންކުރާ ހަތަރު ދާއިރާގެ ހަތަރު މެންބަރުންގެ ތެރޭގަ އެވެ.

ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލުމުގެ ބޭނުމަކީ ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސްއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި، ހައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސްއަށް ލަފާއެރުވުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ޝަހީމްގެ ދޮށީ ދަރިކަލުން، މާހިލް އަށް ދާދިފަހުން މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީން ތާޑް ސެކްރެޓަރީގެ މަގާމު ދީފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ޝަހީމްގެ އާއިލީ މެމްބަރުންނަށް ސަރުކާރުގެ މަގާމުތައް ދޭ ވާހަކަތަކާއެކު މީހުންގެ ފާޑުކިޔުންތައް އަމާޒުވުމުން ޝަހީމް އެކަން ދޮގު ނުކުރައްވާ ވިދާޅުވީ މަގާމުގެ ނާޖާއިޒު ފައިދާ ބޭނުންކޮށްގެން އާއިލާގެ އެއްވެސް މީހަކަށް ސަރުކާރުން ވަޒީފާ ހޯދައިދީފައިނުވާނެ ކަމަށެވެ.

މިނިސްޓަރު ޝަހީމްގެ އަނބިކަނބަލުން ފާތިމަތު އާފިޔާ އަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ. މީގެ އިތުރުން ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ޝިފާޒް އަލީ ސައީދު ހުންނަވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.